ވިހި ވަނަ ގަރުނުގެ މެދެއްހައި ހިސާބުން އިންސާނުން ޖައްވަށް ސެޓެލައިޓުފަދަ ތަކެތި ފޮނުވަން ފެށިއެވެ. ސެޓެލައިޓު ތަކުގެ އެހީގައި އިންސާނުން މިވަނީ ދުނިޔޭގެ ވަށަމިނުގެ ސީދާ އަދަދު ހޯދާފައެވެ. އެއީ 40075 ކިލޯމީޓަރެވެ. ނަމަވެސް މީގެ 2200 އަހަރު ކުރިން ގަދީމީ ގުރީސްގެ މީހަކު ހަމައެކަނި ދަނޑިކޮޅެއް ބޭނުންކޮށްގެން ގާތްގަނޑަކަށް ސީދާ މި އަދަދު ހޯދިކަން އެނގޭހެއްޔެވެ؟

 

އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 240 އަހަރު ކުރިއެވެ. އޭރު ގަދީމީ ގްރީސްގައި އުޅުނު އެރޮޓަސްތެނީސް ނަމަކަށް ކިޔާ ހިސާބު އިލްމުވެރިއެއް މި އަދަދު ހޯދާފައިވަނީ އޭނާގެ ހިސާބު އިލްމު ބޭނުންކޮށްގެނެވެ. އެތޮޓަސްތެނީސް އަކީ އެލެގްޒޭންޑްރިއާގެ ކުތުބުޚާނާގެ އެންމެ އިސްވެރިޔާވެސްމެއެވެ. އޭނައަކީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 276 އަހަރާއި 194 އަހަރާއި ދެމެދު އުޅުނު މީހެކެވެ.

 

އެރޮޓަސްތެނީސް އަށް އަޑުއިވިފައިވާ ގޮތުން، އެލެގްޒޭންޑްރިއާގެ ދެކުނަށް އޮންނަ އަވަށެއް ކަމަށްވާ ސައީންގައި ހޫނު މޫސުން ފެށޭ ދުވަހު މެންދުރު 12:00 ގައި އެއްވެސް ކަހަލަ ހުރަހަށް ހުންނަ ހިޔަންޏެއް ނުހުރެއެވެ.

 

އެއީ އިރު ހުންނާނީ ސީދާ ބޯމަތީގައި ކަމަށް ވުމުންނެވެ. އެހެންކަމުން އެރޮޓަސްތެނީސް އުޅުނު އަވަށުގައި (އެލެގްޒޭންޑްރިއާ) ގައިވެސް މިގޮތަށް ވޭތޯ ބަލަން ބޭނުންވިއެވެ.

 

އެހެންކަމުން ހޫނު މޫސުން ފެށޭ ދުވަހު އޭނާ ބިމުގައި ސީދަލަށް ދަނޑިކޮޅެއް ޖަހައި، މެންދުރު 12 ޖަހަންދެން މަޑުކުރިއެވެ. އޭނާ ބަލަން ބޭނުންވީ އެއްވެސް ހިޔަންޏެއް ހުރޭތޯއެވެ. ހީކުރި ގޮތާއި ޚިލާފަށް 12 ޖެހިއިރު ހުރަހަށް ހިޔަންޏެއް ވަނީ އެޅިފައެވެ.

 

އޭނާ އެ ދަނޑިކޮޅާއި ހިޔަންޏާއި ވަނީ ކިތައް ދަރަޖަ (ޑިގްރީ) ތޯ ބެލިއެވެ. ލިބުނު ޖަވާބަކީ 7.2ᴼ އެވެ.

 

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

 

އިރުގެ އަލި ސީދަލަށް އެއްވަގުތެއްގައި އަންނައިރު، އެލެގްޒޭންޑްރިއާގައި ހުރި އެއްޗެއްގައި ހިޔަނި ހުރެފައި ސައީންގައި ހުންނަ އެއްޗެއްގައި ހިޔަންޏެއް ނެތުމުން އޭގެ މާނައަކީ ދުނިޔޭގެ ސަތަހައަކީ ފަތާއެއްޗެއް ނޫންކަމެވެ. ވަށް އެއްޗެކެވެ. އެކަން އެރޮޓަސްތެނީސްއަށް ވަނީ ކުރިން އެނގިފައެވެ. ދުނިޔެއަކީ ވަށް އެއްޗެއްކަމަށް އޭގެ 3 ގަރުނު ކުރިން ޕައިތަގޮރަސް (އެރޮޓަސްތެނީސްގެ ކުރީގެ އިލްމުވެރިއެއް) ވަނީ ލަފާކޮށްފައެވެ.

 

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

 

ދުނިޔެއަކީ ވަށް އެއްޗެއްނަމަ އެރޮޓަސްތެނީސްއަށް އޭނާ މެންދުރު 12 ޖެހިއިރު ނެގި މިން ބޭނުންކޮށްގެން ދުނިޔޭގެ ވަށަމިން އަންދާޒާ ކުރެވޭނެއެވެ. އެލެގްޒޭންޑްރިއާއާއި ސައީންގައި ހުރި ދެއެއްޗެއްގެ ހިޔަނީގެ ތަފާތަކީ 7.2ᴼ ކަމަށްވާނަމަ އޭގެ މާނައަކީ އެ ދެ އަވަށަކީ ދުނިޔޭގެ ވަށަމިނުގެ 360ᴼ ގެތެރެއިން 7.2ᴼ ދުރުގައިވާ ދެ އަވަށް ކަމެވެ. (ފުރިހަމަ ވަށް ބުރެއްގެ ވަށަމިނުގައި ހުންނާނީ 360ᴼ އެވެ)

 

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

 

 

 

 

އެހެންކަމުން އެރޮޓަސްތެނީސް މީހަކަށް ފައިސާދީގެން މި ދެ އަވަށުގެ އަސްލު ދުރުމިން ހޯދިއެވެ. ހޯދި ހޯދުމުން އެނގޭ ގޮތުގައި އެ ދެ އަވަށުގެ ދުރުމިނަކީ 800 ކިލޯމީޓަރެވެ. މި މައުލޫމާތު ބޭނުންކޮށްގެން ހިސާބު އިލްމުގެ އެހީގައި ދުނިޔޭގެ ވަށަމިނުގެ ހިސާބު ހެދޭނެއެވެ. 7.2ᴼ އަކީ 360ᴼ ގެ 50/1 (ފަންސާސް ބައިކުޅަ އެއްބައި) އެވެ. އެހެންކަމުން 800 ކިލޯމީޓަރު ފަންސާހާއި ގުނަކުރުމުން ލިބޭނެ ޖަވާބަކީ 40،000 ކިލޯމީޓަރެވެ.

 

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

ދުނިޔޭގެ ވަށަމިން ބެލުމަށް ކުރި މަސައްކަތް ދައްކުވައިދޭ ކުރެހުމެއް

 

 

 

 

މި ޖަވާބަކީ 20 ވަނަ ގަރުނުގެ ތެރޭގައި ސެޓެލައިޓު ބޭނުންކޮށްގެން އިންސާނުން ހޯދި ވަށަމިނާއި ވަރަށް ގާތްކުރާ އަދަދެކެވެ. އެގޮތުން މީގެ 2200 އަހަރު ކުރިން މީހަކު މިވަނީ ހަމައެކަނި ދަނޑިކޮޅަކާއި އޭނާގެ އިލްމު ބޭނުންކޮށްގެން ދުނިޔޭގެ ވަށަމިން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ތީ ގަދަގޮލައެއް.

    15
  2. ޢިލްމް

    ވ. އުފާވޭ ދިވެހި ރާއްޖޭގެ ނޫސްތަކުން އުނގަންނައިދިނުމަށް ތިކުރާ މަސައްކަތްފެނިފަ. ޝުކުރިއްޔާ މަރިޔަމް ޝާާނީ! ޝުކުރިއްޔާ ވަގުތު ނޫސް!

    22
    • މީ

      މާޝާﷲ. އަލްހަމްދު ލިﷲ

  3. ސަޅި

    ވެރީ ނަަަައިސް

    15
  4. ގްރީސް

    ޖަހާފައިން ފޮޓޯއިން ހީވަނީ އެހެން ބައެއް ޕްރޮމޯޓްކުރާހެން.

    10
    3
  5. ހާސިމް

    ވަރަށް އިލްމީ ލިޔުންކޮލެއް، މިކަހަލަ ލިޔުންތައް ފެންނަން އެދެން

    13
  6. ނަން

    ތިކަން ހޯދީ މުސްލިމުން ތަކެއް

    12
    5
    • ހަންބޮނޑި

      މުސްކުޅި އެހޭން

      2
      3
  7. ގަދީމީ ގުރީސް މީހާ

    ކުރެހުންތައް ނުފެނޭ

    11