ފާއިތުވި އަހަރު ޔޫޓިއުބުން އެންމެ ބޮޑު މުސާރައެއް ލިބުނު އަންހެން ތަރިއަކަށް ހަތް އަހަރުގެ އަންހެން ކުއްޖަކު ވެއްޖެއެވެ.

މި އުމުރުގެ ގިނަ ކުދިންނަށް މިގޮތަށް ފައިސާ ލިބުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަމަށް މުޅި މީހާ އެއްކޮށް ހުސްކުރަން ޖެހޭ އިރު މިއީ ކޮންމެ ކޮންމެ ކުއްޖަކަށް ކުރަން ވެސް ފަސޭހަ މަސައްކަތެއް ނޫނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ޔޫޓިއުބަރ އެނެސްތޭޝިއާ ރަޑްޒިންސްކަޔާ މިވަނީ އެހެން ކުދިންނަށް ނަމޫނާ ދައްކާލާފައެވެ.

އާންމު ނަމުން ނަމަ ނެސްޓީއާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަށް ޔޫޓިއުބް އިން މިދިޔަ އަހަރު 28 މިލިއަން ޑޮލަރު(431 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ.

ނެސްޓީއާ އުފަންވި އިރު އޭނާ އަށް ވަނީ ސެރެބްރަލް ޕަލްސީ ޖެހިފައެވެ. އޭގެ ސަބަބުން ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރެއެވެ. އަދި ޑޮކްޓަރުން ބިރުގަތީ އޭނާ އަށް ދުވަހަކު ވެސް ވާހަކަ ނުދެއްކިދާނެތީއެވެ.

ނަމަވެސް އޭނާގެ އާއިލާއިން މިއީ ބޮޑުކަމަކަށް ނުހަދާ ނެސްޓީއާގެ ވާހަކަތައް ޔޫޓިއުބް މެދުވެރިކޮށް މުޅި ދުނިޔެއަށް ދެއްކިއެވެ. ނެސްޓީއާ އަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް އުފަލުގައި ހުރެވޭނޭ ކުއްޖެއްކަން ނެސްޓީއާ އަށް ކިޔައިދެމުން ދިޔައެވެ.

މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ނެސްޓީއާ އަށް ގިނަބައެއްގެ ސަމާލުކަމެއް ހުއްޓުނެވެ. އޭނާގެ ސަބްސްކްރައިބަރުން އިތުރުވާން ފެށިއެވެ. ކުޑަކުދިން ގަޔާވާ އެތައް ވީޑިއޯ އެއް އޭނާގެ ޔޫޓިއުބް އިން ގެނެސްދޭއިރު އޭނާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ ތަރުހީބު ދިޔައީ އިތުރުވަމުންނެވެ. އަދި މިފަދަ އެހެން ކުދިންނަށް ވާހަކަ ދެއްކުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ނެސްޓީއާ ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާނީ

    އަހަރެންގެ ދެ ކުދިންވެސް އަބަދު ތި ކުއްޖާގެ ވިޑިއޯތައް ބަލާނެ. ހިޔެއްނުކުރަން އެއީ ބަލިކުއްޖެއްކަމަކަށް.ބަލާފަވެސް ހިޔެއްނުވޭ .