އުމުރުން އެންމެ ދިހަ އަހަރުގެ އަންހެން ކުއްޖަކު ބައިސްކަލެއްގައި 3،600 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަޑައްތުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

އަވަށްޓެރި އިންޑިއާގެ ތޭން ސިޓީއަށް އުފަން އުމުރުން ދިހަ އަހަރުގެ ސައި ޕާޓިލް މި ދިގު ދަތުރުކުރީ އޭނާގެ ބައްޕަ އާއެކުގައެވެ. މި ދަތުރު އޭނާ ފެށީ އިންޑިއާގެ ކަޝްމީރުން ކަންޔާކުމާރީއާ އަށެވެ.

މިދިޔަ މަހުގައި ސައި އާއި އޭނާގެ ބައްޕަ މި ދަތުރު ފެށިއިރު އިންޑިއާގެ އެތައް ހިސާބަކަށް އެމީހުން ވަނީ މަޑުކޮށްފައެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީ އިންޖީނުލީ ވެހިކަލްތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުމެވެ.

އާދީއްތަ ދުވަހުގެ ހަވީރު މި އަންހެން ކުއްޖާ ކަންޔާކުމާރީ އަށް އައުމުން އެ އަވަށުގެ ރައްޔިތުން ވަނީ އެ އަންހެން ކުއްޖާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ އަވަށުގެ ރައްޔިތުން ވަނީ ސައި ޕާޓިލް ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހިނގާލުމެއްވެސް ބާއްވައިފައެވެ.

ސައި ޕާޓިލް ވަނީ ދުވާލަކު 100 ކިލޯމީޓަރަށް ބައިސްކަލުގައި ދަތުރުކޮށްފައެވެ. ޖައްވަށް ބޭރުވާ ވިހަގަދަ ގޭސްތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށް ސައި ޕާޓިލް ވަނީ ދިގު ދަތުރުގެ ތެރެއިން ސްކޫލްތަކާއި އެހެނިހެން ކިޔަވައިދޭ ތަންތަނަށް ޒިޔާރަތްކޮށް އެކަމުގެ މައުލޫމާތު ދީފައި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ހިތްވަރުގަދަ މި އަންހެން ކުއްޖާ ވަނީ 38 ދުވަހުގެ ތެރޭގައި މި ދަތުރު ފުރިހަމަކޮށްފައެވެ. އަދި މި ދަތުރުގެ ސަބަބުން އޭނާ އަށް ރެކޯޑު ފޮތުން ޖާގަ ލިބޭނެ ކަމަށް ބައްޕަ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު