މެކްސިކޯގެ ލޯކަލް ލީގު ކަމުގައިވާ، "ލިގާ އެމްއެކްސް" ގައި އިއްޔެ ކުޅުނު މެޗެއްގައި ސަޕޯޓަރުން ވަރަށް ބޮޑަށް ރުޅިގަދަވެ ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން 22 މީހަކު ޒަޚަމްވެއްޖެއެވެ.

ކެރެޓަރޯއާއި އެޓްލަސް ބައްދަލު ކުރި މެޗުގެ 63 ވަނަ މިނެޓާ ހަމައިން ދެ ކްލަބްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަން ފެށިއެވެ.

ހަމަނުޖެހުން ބޮޑުވުމާއެކު މެޗު މެދުކަނޑާލައި ސަސްޕެންޑް ކޮށްލިއެވެ. ކެރެޓަރޯގެ ދަނޑުގައި ކުޅެމުން ދިޔަ އެ މެޗުގެ އެހާއިރު ކުރީގައި އުޅުނީ އެޓްލަސްއެވެ. އެއީ 1-0 ގެ ނަތީޖާއަކުންނެވެ.

މެކްސިކޯގެ ފުލުހުންނާއި ހަވާލާދީ، ނޫސްތަކުގައި ބުނެފައިވާ ގޮތުން ޒަޚަމްވި 22 މީހުންގެ ތެރެއިން ޖުމުލަ ނުވަ މީހަކު ހާލަތު ގޯސްވެގެން ހޮސްޕިޓަލަށް ގެންދެވުނެެވެ. އެއިން ދެ މީހެއްގެ ހާލަތު ވަރަށް ގޯހެވެ.

މިކަމާ ގުޅިގެން އިއްޔެ ތާވަލު ކުރި އެހެން މެޗުތައް ވެސް ފަސްކޮށްފައިވެއެވެ. ލިގާ އެމްއެކްސްގެ ރައީސް މީކެލް އަރިއޯލާ ވިދާޅުވީ މެޗުތައް ފަސްކުރި ސަބަބަކީ ޒަޚަމްވި މީހުންނަށް އިހްތިރާމް ކުރަން ކަމަށެވެ.

މީކެލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހާލަތު ގޯސްވެގެން ދިޔައީ ދަނޑުގެ ސެކިއުރިޓީއަށް އެ ކަން ނުބެލެހެއްޓުމުން ކަމަށެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަން ދޭން ޖެހޭނެ ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.