މެކްސިކޯއަށް ނިސްބަތްވާ ކޮންފެކްޝަނާއެއް ސާރިދޯޅައަކަށްވުރެ ބޮޑު މާޝްމެލޯއެއް އުފައްދައިގެން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މި މާޝްމެލޯގެ ބަރުދަނުގައި 648.40 ކިލޯ ގްރާމް ހުންނާނެ ރިޕޯޓްތައް ބުނެއެވެ. މި މާޝްމެލޯ އުފެއްދީ ޑަލްސޭސް ޑެ ލާ ރޯޒާ މާޒިޕާން ނަމަކަށް ކިޔާ ކޮންފެކްޝަނާއެކެވެ.

މި ބުރަ މަސައްކަތް ދައްކާލާފައި ވަނީ މެކްސިކޯގެ ހަލިސްކޯ ސްޓޭޓަށް 200 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައެވެ. މާޝްމެލޯ އުފެއްދުމުގެ މަސައްކަތް ކާލޯސް ޓަޕިއާ ނަމަކަށް ކިޔާ އެޑްޖުޑިކޭޓާއެއް ވަނީ ދެ ދުވަހުގެ މުއްދަތަކަށް ގާތުން ބަލާފައެވެ.

މި މާޝްމެލޯ އުފެއްދުމަށް މަޝްވަރާތައް ކުރެވި، ޕްލޭންތައް ފެށިގެން ގޮސްފައި ވަނީ މި އަހަރުގެ އޭޕްރީލް 26 އިން ފެށިގެންނެވެ.

މި މަޝްމެލޯ ތައްޔާރު ކުރުމުގެ މަސައްކަތަށް ބަލާއިރު، މޯލްޑްގެ ބޮޑު ސައިޒުގެ ސަބަބުން މާޝްމަލޯ މިކްސް ކުރަން 113 މިނެޓް ހޭދަވިއެވެ. އަދި މި މާޝްމެލޯ ތައްޔާރުވުމަށްފަހު ވެސް، އޭގެ ބަރުދަން ބަލަން 48 ގަޑިއިރު ވަންދެން މަޑުކުރަން ޖެހުނެވެ.

މުޅި މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ގާތްގަނޑަކަށް 100 މީހުންގެ ޓީމަކާއި 53 ގަޑިއިރުގެ ވަގުތު ކޮޅަކަށް ތައްޔާރުވާން ޖެހުނެވެ.

ގިނެސް ވޯލްޑް ރިކޯޑް ގާއިމްކުރުމަށްފަހު، އެ ތަނުގައި ހާޒިރުވެ ތިބި އެންމެންގެ މެދުގައި މި މާޝްމެލޯ ބަހާލިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ބަރކަމްސްޓެޑްގައި ހުންނަ ބަރކަމްސްޓެޑް ސްކޫލް (ޔޫކޭ) އިން ގާއިމްކުރި ރެކޯޑަކީ 93.10 ކިލޯ (205.25 ޕައުންޑް)ގެ މާޝްމެލޯއެއް އުފެއްދުމެވެ. މިއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހާސިލް ކުރި ރެކޯޑެކެވެ.