12:31

ޣައްޒާގެ މެދުތެރޭގެ އިތުރު އަސްކަރީ ތަންތަން ހަލާކުކޮށް، ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާނޭ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފި

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ފާއިތުވި ދުވަހު ޣައްޒާގެ މެދުތެރޭގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ހަނގުރާމައިގެ އަޕްޑޭޓްތަކުން ދައްކާފައިވޭ

އޭގެ ތެރޭގައި ރޮކެޓް ލޯންޗް ސައިޓަކާއި ހަތިޔާރު ޑިޕޯއެއްގެ އިތުރުން "އޮޕަރޭޝަނަލް ޓަނަލް ޝާފްޓްސް" ހިމެނޭ ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނޭ

މީގެ އިތުރުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގައި ތިބި އެތައް ހަނގުރާމަވެރިންނެއް ޝަހީދުވެފައިވާ އިރު، އެ މީހުން ވަނީ ޣައްޒާގެ މެދުތެރޭގައި ތިބި އިސްރާއީލު ސިފައިންނާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީފައި ކަމަށް ވެސް ޔަހޫދީ މަސްދަރުތަކުން ބުނޭ

އިސްރާއީލުގެ އަސްކަރިއްޔާއިން އެންމެ ފަހުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި އާންމުން ވެސް ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ހޯމަ ދުވަހު ރަފާއެޕާޓްމަންޓެއްގައި ހިޔާވަހިކަން ހޯދަދަމުން ދިޔަ ތިން އަންހެނަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނޭ

22:51

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް މުޒާހަރާކުރުން ޔޫރަޕުގައި ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުންދާ ކަމަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފި

21:58

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި މިހާރު ޔަހޫދީ އިސްރާއީލުން އިންތިޒާރު ކުރަމުންދަނީ ފަލަސްތީނުގެ ޣައްޒާގެ ހަމާސް ޖަމާއަތުގެ ބަހަކަށް ކަމަށް އެ ގައުމުން ބުނެފި

20:03

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކޮލަމްބިއާ ޔުނިވާސިޓީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ކޭމްޕް ނިއުޔޯކް ފުލުހުން ނައްތާލައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ފަހުން މުޅި އެމެރިކާގައި ހައްޔަރުކުރި މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އޭޕީއިން ބުނެފި.

19:15

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ގަވަރުނަރަޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރަފާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ ޓަލް އަސް ސުލްތާން އަވަށުގެ އެޕާޓްމަންޓަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ތިން އަންހެނުންނާއެކު ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ވަފާއަށް މައުލޫމާތު ދޭ.

19:09

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ހަމަލާތަކުގައި ޣައްޒާގެ އެންމެ އާސާރީ ތަންތަނުގެ ތެރޭގައި ހިމެނޭ ބާޝާ ގަނޑުވަރު ވަނީ މުޅިން ހަލާކުވެފައި.

19:01

ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ނެރެފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ ގައުމުން ކަންބޮޑުވެއްޖެ

18:25

ޣައްޒާ ސިޓީގެ އަލް-ތުފްފާ އަވަށުގެ އަލް މަޝަހްރޭހް ސަރަހައްދުގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ގެތަކުގެ ތެރޭގައި ބަޑިޖަހައި އެކަކު ޝަހީދުކޮށް، ދެ މީހަކު ޒަޚަމްކޮށްލައިގި.

18:16

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގެ އަލް ޝަބޫރާ ރެފިއުޖީ ކޭމްޕްގައި ޚަވާޖާ އާއިލާއަށް ހާއްސަ ގެއެއް ހަލާކުކޮށްލައިފި.

17:45

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މައްސަލައަށް އާ ހުށަހެޅުމެއް ހުށަހެޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ހަމާސްގެ ވަފުދެއް މަޝްވަރާއަށް ގާހިރާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.

17:44

އެމެރިކާގައި ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ފިޔަވަޅުތަކަށް އީރާނުން ފާޑުކިޔައިފި

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ ތައުލީމީ މާހައުލާއި ދަރިވަރުންގެ ޑިމާންޑްތަކަށް އަމާޒުކޮށް ފުލުހުންނާއި އަސްކަރީ ގޮތުން ހިންގަމުންދާ ހަރުކަށި އަމަލުތައް އެ ގައުމުން އެއްގޮތަކަށްވެސް ބަލައިނުގަންނަ ކަމަށް.

17:04

ރިޔާޒުގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގައި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ދެއްވި ތަގުރީރުގައި، އިސްރާއީލުން އިތުރު އަސްކަރީ ހަމަނުޖެހުންތަކެއް ހިންގުން ހުއްޓުވުމަށް ގޮވާލައްވައިފި.

ޚާރިޖީ ވަޒީރުކަންވެސް ކުރައްވަމުން ގެންދަވާ ޝައިޚް މުޙައްމަދު ވިދާޅުވީ ހުރިހާ ހަމަނުޖެހުންތަކެއް ސުލްހަވެރިކަމާއެކު ޙައްލުކޮށް ހަނގުރާމައިގެ ނުރައްކަލުން މި ސަރަޙައްދު ސަލާމަތްކުރަންޖެހޭކަމަށް.

17:04

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އަށް ޣައްޒާގައި ތިބި ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ ބަދަލުކުރުމުގެ މެންޑޭޓެއް ނެތް ކަމަށް އެ ކޮމިޓީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވެއްޖެ.

17:02

ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންގެ މުޒާހަރާތަކަކީ ޔަހޫދީ ދަރިވަރުންނަށާއި މުވައްޒަފުންނަށް އޮތް ނުރައްކަލެއް ކަމަށް ބުނާ ވާހަކަތައް އޮސްޓްރޭލިއާގެ ޔަހޫދީ ކައުންސިލުން ދޮގުކޮށްފި.

"އޮޅުވާލައިގެން އެންޓިސެމިޓިޒަމް ދެކޮޅު ކަމުގެ ތުހުމަތުކޮށް މި މުޒާހަރާތައް ކަނޑުވާލަން ނުވަތަ ސެންސަރު ކުރަން މަސައްކަތް ކުރުމަކީ އެކަމަށް ފިޔަވަޅު އަޅައިފި ނަމަ ކެމްޕަސްތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ނުރައްކާ އޮތް ނުރައްކާތެރި ކަމެއް. ޔުނިވާސިޓީތަކަކީ ތަފާތު ނަޒަރިއްޔާތަކަށް ފާޅުގައި އަޑުއުފުލައި ބަހުސް ކުރެވޭނެ ތަންތަނަށް ވާން ޖެހޭ،" ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

 

17:00

ޔަމަނުގެ ރަތް ކަނޑުގެ ބަނދަރު ކަމަށްވާ މޯކާގެ ހުޅަނގު އުތުރުން 54 ނޯޓިކަލް މޭލު ބޭރުން ހިނގި ހާދިސާއެއްގެ ރިޕޯޓް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އެޖެންސީން ބުނެފި.

އެގޮތުން އެކަން ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށާއި އުޅަނދުފަހަރު ޓްރާންސިޓް ކުރުމަށް އިލްތިމާސްކުރާ ކަމަށާއި ޝައްކު ކުރެވޭ އެއްވެސް ކަމެއް ކުރާނަމަ ޔޫކޭއެމްޓީއޯއަށް ރިޕޯޓް ކުރުމަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައި..

16:19

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އަރަން ރާވާފައިވާ އަސްކަރީ އޮޕަރޭޝަން ފަސްކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޔަހޫދީންގެ އަނިޔާވެރި އިސްރާއީލްގެ ސަރުކާރުން ދީފި

14:52

ޣައްޒާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 34،488 އަށް އަރައިފި

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 34،488 މީހުން ޝަހީދުވެ 77،643 މީހުން ޒަޚަމްވެފައިވާ ކަމަށް

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 34 މީހުން މަރުވެ، އިތުރު 68 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ބަޔާނުގައި ވޭ

13:44

ލުބުނާނުގެ ދެކުނުގެ ސަރަހައްދުން އިސްރާއީލަށް ހަމަލާތަކެއް ދީފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި. ހަމާސް އިން ބުނި ގޮތުގައި މި ހަމަލާއަކީ އެ ޖަމާއަތުން ފޮނުވާޅި ހަމަލާއެއް.

13:44

ޣައްޒާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ރަފަހް އަށް އިސްރާއީލުން ހަމަލާ ދިނުން ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ

 

13:10

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް، މަގުތައް ސުންނާފަތި ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި

 

12:40

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފަރަންސޭސި ވިލާތުގެ އިސް ޑިޕްލޮމެޓް ކަމަށްވާ އެ ގައުމުގެ ހާރިޖީ ވަޒީރު ބުނެފި.

ފްރާންސްގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯން ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދެ ފަރާތަށް ވެސް އޭނާ އިލްތިމާސްކުރާ ކަމަށް

ކަންކަން ކުރިއަށް އެބަދޭ، އެކަމަކު މި މަޝްވަރާތަކާއި މަޝްވަރާތަކުގައި އަބަދުވެސް ސަމާލުވާން ޖެހޭ،" ސައުދީގެ ވެރި ރަށް ރިޔާދުއަށް އައުމަށްފަހު ފަހު ސެޖޯން ބުނި. ފަރަންސޭސި ޚާރިޖީ ވަޒީރު ލުބުނާނަށް އިއްޔެ ދިޔައީ އިސްރާއީލާއި ހިޒްބުاللهއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ.

އަދި ޣައްޒާގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށާއި ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ

12:27

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެކުނު ލުބުނާންގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުގެ އަމާޒުތަކަށް އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފި.

 

10:48

އެމެރިކާގައި ކިޔަވާ ޔަހޫދީ ދީނުގެ ދަރިވަރުން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާއި ދެކޮޅު ވާ ސަބަބު ކިޔައިދީފި.

 

10:43

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އެންމެ ފަހުން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިސްރުގެ ވެރި ރަށް ޤާހިރާ އަށް މަންދޫބުން ފޮނުވާނެ ކަމަށް އެ ޖަމާއަތުން ބުނެފި

10:32

ހަނގުރާމައަށް 206 ދުވަސް، ފަހުގެ ތަފާސް ހިސާބުތައް:

އިސްރާއީލް:

  • މަރުވި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 34،356 (14،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ
  • ޒަހަމްވި މީހުންގެ އަދަދު: 77،368

ހުޅަނގުއައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 489 (124 ކުޑަކުދިން ހިމެނޭ)
  • ޒަހަމްވި މީހުންގެ އަދަދު: 4،800

 

10:26

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ތަނެއް ކައިރިއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފި.

 

09:32

އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލަންޖެހޭ ކަމަށް އެމެރިކާގެ ކޮންގްރެސްވުމަން ވިދާޅުވެއްޖެ.

އެމެރިކާގެ ބްރޯޑްކާސްޓަރު އެމްއެސްއެންބީސީއަށް އާދީއްތަ ދުވަހުގެ ރޭ ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ކޮންގްރެސް ވުމަން ކެޓީ ޕޯޓާ ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުށަހަޅާފައިވާ އެތެރޭގެ ރިކޮމެންޑޭޝަންތަކުގެ މައްޗަށް ބިނާކޮށް އިސްރާއީލަށް "އެހީ ދިނުން ހުއްޓާލަން ޖެހޭ" ކަން އެމެރިކާގެ ގާނޫނުތަކުން ވަރަށް ސާފު ކަމަށް

 

ރޮއިޓާސް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކުރާ ކަމުގެ ޔަގީންކަން އިސްރާއީލުން ދީފައިވާ ކަމުގެ ޔަގީންކަން ބްލިންކެން އަށް ލިބިފައިވާ ކަމަށް. ބްލިންކެން މިކަމާ ގުޅޭ ތަފްސީލު ރިޕޯޓް ކޮންގްރެސްއަށް ހުށަހަޅަން ޖެހެނީ މިއަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން

09:30

ނިރުބަވެރި އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އެކްސިޑެންޓްވީ އޭނާ ދަތުރު ކުރަމުން ދިޔަ ކާރު ރަތް ލައިޓަށް މަޑުނުކޮށް ދިއުމުން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފި

 

08:35

ނިރުބަވެރިން ރޭ ދިން ހަމަލާގައި މަރުވި މީހުން:

  • ހަތަރު މީހަކު ޝަހީދުކޮށްލާފައިވަނީ ރަފާހުގެ ޖަނީނާ ސަރަހައްދަށް ދިން ހަމަލާގައި
  • ހަ މީހަކު ޝަހީދުކޮށްލާފައިވަނީ ރަފާހުގެ ޝަބޫރާ ކޭމްޕަށް ދިން ހަމަލާގައި
  • ފަސް މީހަކު ޝަހީދުކޮށްލާފައިވަނީ ރަފާހުގެ ގެއަކަށް ދިން ހަމަލާގައި
  • ފަސް މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީގެ ގެއަކަށް ދިން ހަމަލާގައި
  • ދެ މީހަކު ޝަހީދު ކޮށްލާފައިވަނީ ޣައްޒާ ސިޓީގެ ސަބްރާ ސަރަހައްދުގެ ގެއަކަށް ދިން ހަމަލާގައި

 

08:33

ރަތް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ފަސް ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި. އެމެރިކާއިން ބުނާ ގޮތުގައި އެ ޑްރޯންތަކަކީ ހޫތީންނަށް ނިސްބަތްވާ ޑްރޯންތަކެއް.

08:32

ނިރުބަވެރިން ދިން ހަމަލާގައި އަނިޔާލިބިގެން ފައި ބުރި ކުރަން ޖެހުނު ޔޫއެންއާރުޑަބްލިއުއޭގެ މުވައްޒަފު އިތުރު ފަރުވާއަށް ޤަތަރަށް ގޮސްފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފި.

08:27

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެއް އަހަރުގެ ކުޑަ ކުއްޖަކާއި އުމުރުން ދުވަސްވީ އަންހެނަކު ޝަހީދު ކޮށްލައިފި.

 

08:22

ކޮލަމްބިއާގެ ޔުނިވާސިޓީއެއްގައި ފަލަސްތީނުގެ ދިފާއުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން. ޔުނިވާސިޓީގެ ދަރިވަރުންނާއި އެހެނިހެން މީހުން މި މުޒާހަރާ ކުރަމުން އަންނަތާ މިއަދަށް 11 ދުވަސް ވެއްޖެ.

08:21

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ފަލަސްތީނު އާއިލާއެއްގެ 9 މީހުން ޝަހީދުކޮށްލައިފި.

 

******************

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މުޅި ދުނިޔެ ވަނީ ފެއިލްވެފައިކަން އެންމެން ވެސް ގަބޫލު ކުރެއެވެ. އެތައް ފަހަރެއްގެ މަތިން އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި އެމައްސަލައާއި ގުޅިގެން ވާހަކަ ދެކެވުނު ނަމަވެސް މިއަދާއި ހަމައަށް ވެސް ފެހި ސިގުނަލެއް ލިބިފައެއް ނުވެއެވެ.

ދާދިފަހުން ވެސް ހަމާސް ޖަމާއަތާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަން ނިންމި ނަމަވެސް، ދެ ފަރާތުން ބޭނުންވާ ބައެއް ކަންކަން ހުރުމުން އެކަމެއް ވެސް މިހާތަނަށް ވެފައެއް ނުވެއެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި ހަމާސް ޖަމާއަތުގެ ވަފުދެއް މަޝްވަރާތަކަށް މިސްރުގެ ވެރިރަރަށް ދިއުމަށް ވަނީ ނިންމާފައެވެ.

މިފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ މިދަނޑިވަޅުގައި ވެސް ނިރުބަވެރިންގެ ހަމަލާތަކެއް ހުއްޓިފައެއް ނުވެއެވެ. ކޮންމެ ދުވަހަކު، ކޮންމެ ގަޑި އިރަކު ޣައްޒާގައި އިވެނީ ބާރު ގޮވުންތަކުގެ އަޑެވެ. އެކި ސަރަހައްދުތަކުން ފެނިގެން ދަނީ ދުމުގެ އަސަރެވެ. ވެހެނީ ބޮމުގެ ވާރޭއެވެ.

ރޭ ވެސް ނިރުބަވެރި އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ. އެއް އާއިލާއެއްގެ 9 މީހަކު ރަފާހުގައި ޝަހީދު ކޮށްލާފައިވާއިރު، އެހެން ސަރަހައްދުތަކުގައި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. އެގޮތުން ބަލާއިރު، ޣައްޒާގައި ނިރުބަވެރިން ވަނީ ކުޑަކުދިން ހިމެނޭހެން 7 މީހަކު ރޭ ޝަހީދު ކޮށްލާފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު