ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އަލިފާން ފަރުބަދަ ކަމަށްވާ މެކްސިކޯގެ ޕޮޕޮކެޓެޕެޓްލް އަލިފާން ފަރުބަދަ ގޮވާފާނެތީ ސަމާލުވާން ކަމާ ގުޅުން ހުރި ފަރާތްތަކުން އަންގައިފިއެވެ.

މެކްސިކޯ ސިޓީގައި ހުންނަ މި ބޮޑު އަލިފާން ފަރުބަދައަކީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް އަލިފާން ފަރުބަދަ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 25 މިލިއަން މީހުން، އެ އަލިފާން ފަރުބަދައާ 60 މޭލު ކައިރީގައި ދިރިއުޅެމުންދާތީއެވެ.

މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ޕޮޕޮކެޓެޕެޓްލް އަލިފާން ފަރުބަދައާ ގުޅޭގޮތުން އިންޒާރު މިންވަރު ރެޑް އެލާޓަށް ވުރެ އެއް ފިޔަވަޅު ވަނީ ދަށް ކޮށްފައެވެ.

މި އަލިފާން ފަރުބަދައިން ދުމާއި، އަޅި އަދި ހިލަ ފައިބާތީ މެކްސިކޯ ސިޓީގެ ދެ އެއާޕޯޓެއްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އަދި އިއްޔެ އެލާޓް ލެވެލް "ޔެލޯ ފޭސް ތިނެއް" އަށް އިތުރުކޮށްފައިވެއެވެ.

އަދި މިކަމާއި ގުޅިގެން 11 އަވަށެއްގެ ސްކޫލް ސެޝަންތައް ކެންސަލް ކޮށްފައިވެސް ވެއެވެ.

މެކްސިކޯގެ ނޭޝަނަލް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުން އެކުލަވާލާފައިވާ އިންޒާރުގެ ނިޒާމުގައި ވާގޮތުން ޔެލޯ އިންޒާރުގެ މާނައަކީ "ސަމާލުވެ ތިބުމާއެކު، މީހުން ނެރެވޭނެ ކަމަށް ތައްޔާރުވުން.". ކަމަށެވެ.

"އެލް ޕޮޕޯ" ގެ ނަމުން މަޝްހޫރުވެފައިވާ 17،797 ފޫޓުގެ މި އަލިފާން ފަރުބަދައަކީ 1994 ވަނަ އަހަރު ފަހުން "ހޭލެވުނު" ފަހުން ގާތްގަނޑަކަށް 30 އަހަރު ވަންދެން ވިހަ ދުމާއި، އަޅިއާއި، ހިލަތައް ކެނޑިނޭޅި ފައިބަމުން އަންނަ އަލިފާން ފަރުބަދައެކެވެ.