އުމުރުން އެންމެ 13 އަހަރުން ފެށިގެން އެތައް ބަލިތަކެއް ތަހައްމަލުކުރަމުން އަންނަ އިސްމާއިލް ޝައިޙާން މުހައްމަދު އަކީ 2014 އިން ފެށިގެން ލޭމައްޗަށް ގޮސް ބޭސްކުރަމުން އަންނަ ޒުވާނެކެވެ. ސުކޫލުގައި ކިޔަވަމުންދިޔައިރުވެސް ޝައިޙާން ދިޔައީ ބޭސްކުރަމުންނެވެ. އެގޮތަށް ބޭސް ކުރަމުންދަނިކޮށް ނޭފަތުންނާއި ކިޑްނީއިން ލޭއަންނަން ފެށި ކަމަށާއި ކުޑަކަމުދާއިރު ލޭ ހުރުން ފަދަ ކަންތައް ކުރިމަތިވި ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.

މިފަދަ ގިނަ މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ދެއްކުމުން އަނެއްކާވެސް އެހެން ބައްޔެއް ހުރިކަން އެނގިގެންދިޔައެވެ. 2015 އިން ފެށިގެން ރާއްޖެއިން ބޭރުން އެ ބައްޔަށް ބޭސް ފެށިއެވެ. އޭގެ ފަހުން އެނގިގެން ދިޔައީ އޭނާގެ އަނގައިގެ ކެންސަރު ވެސް ޖެހިފައިވާ ކަމެވެ.

"އައިޖިއެމްއެޗަށް އައިސް ޕްރެޝަރު ބޭސް ފެއްޓީ، ދެން އޭގެ ފަހުން ހަންތަކުގައި ފާރު އެއްކަލަ އަލްސަސްތަކާ އެއްޗެހި އުފެދެން ފެށީމަ ލޯވެސް ހަލާކުވީ، އެއެއްޗެހި އުފެދެން ފެށީމާ މިކޮޅުން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ހުރި ޑޮކްޓަރަކު ބުނީ ވެކްސިލައިޓިސް ކިޔާ ބައްޔަކަށޯ ޝައްކު ކުރެވެނީ. އެއީ ލޭހޮޅިތަކަށް ޖެހޭ ބައްޔެއް ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއް." ޝައިޙާން ބުންޏެވެ.

ޝައިޙާން "ވަގުތު"އަށް ކިޔައިދިން ގޮތުގައި މިދިޔަ އަހަރު އެއްކޮށް ދިޔައީ ބޭސް ފަރުވާއަށެވެ. ޝައިޙާން އަނގައިގެ ކެންސަރު ހުރިކަން އެނގުނުއިރު އޭނާ އުޅެމުން ދިޔައީ ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ވަޒީފާގައެވެ. 2016 އިން ފަށައިގެން ދިފާއީ ނިޒާމް ހަލާކުކޮށްލާ ބެޗެޓްސް ޑިޒީޒް، އަދި ހަކުރު ބަލީގެ ޓައިޕް 2 އަށް ޑަޔަގްނޯސްވެފައިވާއިރު ގައިގެ މަސްތަކުގެ ބާރު ދެރަކޮށްލާ ބައްޔެއް ކަމުގައިވާ މަޔަސްތީނިއާ ގްރެވިސް އަށް ވެސް 2022 ވަނަ އަހަރުން ފެށިގެން ޝައިހާން އަންނަނީ ފަރުވާ ހޯދަމުންނެވެ.

"2014 އިން ފަށައިގެން ހަމަ ބަލިކޮށް އުޅެނީ. 2022 ގައި އޭ ލެވެލް ނިންމާފައި ޖޮބަކަށް ވަން ތަނުން ޑައިގްނޯސްވީ. އަނގައިގެ ކެންސަރަށް. ޑައިގްނޯސްވިއިރު ކިރިޔާ 4 ވަނަ ސްޓޭޖަށް ނާރާ ހުރީ." ޝައިޙާން ބުންޏެވެ.

ޝައިހާންގެ ބަލިތަކާއި ގުޅިގެން ދުވާލަކު 15 ގުޅަ ބޭސް، ދެ އިރު އިންހޭލާ އަދި 4 އިންސިއުލިން ބޭނުންކުރަން ޖެހެއެވެ. ޝައިޙާން ކިޔައިދިން ގޮތުގައި އޭނާގެ އަނގަ ފާރުވެ ކޮލާ ހަމަޔަށް ފާރުގަނޑު ވަނީ ފެތުރިފައެވެ. ބާރުގަދަ ރޭޑިޔޭޝަން ދިނުމުން އަނގަ ވަރަށް ބޮޑަށް ހަލާކުވެ ހޮޅިގުޅައި ހޮޅިން ކާންދީ ހެދިކަމަށް ވަނީ ބުުނެފައެވެ.

"އަނގައިގެ އޮޕަރޭޝަނެއްވީމައި ދަތްދޮޅިއާއެކު ކުުރަނީ ކުރީގައި ރޭޑިއޭޝަން ދީފައި ހުރި ތަންތަން. ދެން ކޮންމެ ގޮތެއްވިޔަސް ރާއްޖެއިން ފަރުވާކުޑަކަމުން ބޮޑުވަރުވީ." ޝައިހާން ބުންޏެވެ.

ޝައިހާންގެ ބަލިހާލު ބޮޑުވެގެން ޓްރީޓޮޕް ހޮސްޕިޓަލުން ބައިލޮޖިކަލް ތެރަޕީ ނަގަން ފެށުމުން ފުދޭވަރަކަށް ދުވަސް ރަނގަޅަށް ހުރުމަށްފަހު ބަނޑުގެ ސްކޭން ހެދުމުން ބަނޑުތެރެ އަދި ސިކުނޑި ވަރަށް ބޮޑަށް ފާރުވެފައިވާކަން އެނގުނެވެ. ޝައިޙާންގެ ހަށިގަނޑުގެ ހުޅުތައްވެސް ހުރީ ހަލާކުވެފައެވެ.

ފަރުވާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބި މިދިޔަ ޖޫން މަހުން ފެށިގެން ގިނައިން ހޮޑުލެވި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ރާއްޖޭގައި ބައެއް ޓެސްޓުތަކާއި ނިއުކްލިއާ ސްކޭން ފަދަ ކަންކަން ކުރެވެން ނެތުމުންނާއި ގޭސްޓްރުއެންޓުރޮލޮޖިސްޓަކަށް ދައްކަން ބޭނުންވާތީ، ރާއްޖެއިން ބޭރަށް ދިޔައެވެ. ޖޫން މަހު އަނގައިގައި ހުރި ފާރުގަނޑު އަނެއްކާވެސް އިތުރަށް ސަކަރާތްވިއެވެ.

"އޭރަކުވެސް ނޭގޭ ވަރަށް ބޮޑުވަރުވެފައިކަމެއް ހުރީ، ބޭރަށް ފުރައިގެންދިޔައިރު އެނގުނީ ކަރުގެ ގަނޑު ތަކަށާއި ކަރުގެ ޅަގޮނޑިއާ ދިމާލަށް (ކެންސަރު) ފެތުރިފަކަން ހުރީ. ފާރުތައް ފަސޭހަ ނުވާތީ ޓިއުމަރ އިން ސައިޑް އެކަނި އޮޕަރޭޝަންކުރީ އޭރު." ޝައިހާން ބުންޏެވެ.

ކެންސަރު ޖެހި ކަރުތެރޭ އުފެދިފައިވާ ޓިއުމަރުތައް ނަގާފައި ފާރުވެފައި ހުރިތަންތަނަށް ބާރުގަދަ ރޭޑިއޭޝަން ދިނެއެވެ. ރޭޑިއޭޝަން ދެމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެ ކާއެއްޗެއް ނުކެވި އޭނާއަށް ފެންފޮދެއްވެސް ނުބޮވެއެވެ. އެހެންކަމުން ނޭފަތަށް ހޮޅިގުޅައިގެން ކާންދޭން ފެށިއެވެ.

ޝައިހާންގެ ފަރުވާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މާލީ ދަތިކަމެވެ. ދާދި ފަހުން ވެސް ފަރުވާއަށް އިންޑިއާގައި ދުވަސްތަކެއް ހޭދަކޮށްފައިވާތީ މިވަގުތު ހާލަތު ހުރިގޮތުން ފަރުވާއައް އަލުން ބޭރަށް ފުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ. އެހެން ކަމުން އާއިލާއިން އެދެނީ އެންމެހާ ފަަރާތްތަކުގެ ދީލަތި އެހީއަކަށެވެ.

 

ގުޅޭނެ ނަމްބަރު: 9710023 (އިސްމާއިލް ޝައިޙާން މުހައްމަދު)، (7866253) އާމިނަތު ވަހީދާ (ޝައިހާން މަންމަ)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7718180723001 ) އާމިނަތު ވަހީދާ

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދުނިޔެއަކީ އިމްތިހާނެއް. ކެތްތެރިވޭ. ހިތްހަމަޖެހިގެންވާ ޙާލު މުސްލިމެއްގެ ގޮތުގައި ދުނިޔެދޫކުރެއްވުން އެދި ދުޢާކުރޭ.

    65
    1
  2. Anonymous

    ޒަކާތްފަނޑާއި އާސަންދައިން ދޭނީ ބޭރުގައުމަކަށް ދިވެހިރައްޔިތަކަށް ނުދޭނެ

    8
    1