ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާން އޭނާއަށް ޖެހިފައިވާ ސިކުނޑީގެ ކެންސަރަށް ފަރުވާ ހޯދަމުންދާއިރު، ދާދިފަހުން އޭނާވަނީ އޭނާގެ ފަހުގެ ފޮޓޯއަކަށް ޓުވިޓާގެ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފައެވެ. މި ފޮޓޯ ފެނި ގިނަ ބަޔަކަށް އިރްފާންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ހީވެފައި އޮތް އޮތުން ޔަޤީން ކޮށްދީފައި މިވަނީ އޭނާގެ ގާތް އެކުވެރިޔެއްކަމުގައިވާ ވިޝާލް ބާދްވަޖްއެވެ.

ވިޝާލް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާއި އިރްފާންގެ ގުޅުން އިހު ހުރިގޮތަށް ވަރަށް ރަނގަޅުކަމަށެވެ.

"އިރްފާން އަހަރެންނާއި މިހާރު ވާހަކަ ދައްކާ. އޭނާ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ވަމުން. އަހަރެމެން އެންމެންގެ ދުއާތައް ވަނީ އިރްފާން އާއިއެކު. އަދި އިރްފާން ރަނގަޅުވެގެން އެނބުރި ޤައުމަށް ވަރަށް އަވަހަށް އަންނާނެ." ވިޝާލް ބުނެފައިވެއެވެ.

"މިދުވަސްކޮޅު އިރްފާން ކުރާ ކަމަކީ ލަވަ ކިޔުމަށްފަހު ރިކޯޑްކޮށްފައި ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުން. ދެން ކްރިކެޓް ވެސް ބަލާ ފޫހިފިލުވާލަން" ވިިޝާލް އިތުރަށް ބުނެފައިވެއެވެ.

މާރިޗްމަހުގެ ތެރޭގައި، އިރްފާނަށް ސިކުނޑީގެ ކެންސަރެއް ޖެހިފައިވާ ކަމަށް އޭނާ ބުނެފައިވާއިރު، މީސްމީޑިއާއާއި އޭނާގެ ޝެޑިއުލް ކުރެވިފައިވާ ބައެއް ފިލްމުތަކުންވެސް އޭނާ ވަނީ ދުރުވާން ޖެހިފައެވެ.

އޭގެއިތުރުން، އިރްފާން ބަލިވުމުގެ ކުރީގައި ވިޝާލްވަނީ އިރްފާނާއި އަދި އެކްޓްރެސް ދިޕިކާ ޕަދުކޯނާއިއެކު ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތެއްވެސް އާންމުކޮށްފައެވެ. މިކަމާއި ގުޅިގެން ފަހުން ވިޝާލް ބުނެފައިވަނީ އިރްފާން ރަނގަޅު ވުމުން އަނެއްކާވެސް އެ ފިލްމުގެ މަސައްކަތައިގެން ކުރިއަށް ދެވޭނެ ކަމުގެ އުންމީދުގައި ހުރި ކަމަށެވެ.