ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސްގައި ދިރިއުޅުމަށް ހުއްދަ ނުހޯދާކަމަށް ބުނެ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ފުލުހުން އަންހެނަކު ހައްޔަރުކޮށް ޖަލަށް ލައިފިއެވެ.

އިބްތިސާމް އުބައިދު ނަމަކަށްކިޔާ އުމުރުން 35 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އޭނާ ނިސްބަތްވާ ޤުދުސްގައި އޭނާ ދިރިއުޅެމުންދިޔަ ގޭގައި ހުއްޓައެވެ. މިކަމާއި ގުޅިގެން އިބްތިސާމްގެ އާއިލާއާއި ފަލަސްތީނުގެ ޢާންމު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އޭނާއަކީ ގުދުސްގެ ރަށްވެހިކަން އޮންނަ މީހެކެވެ. އެހެންކަމުން އެފަރާތްތަކުން ބުނަމުން ދަނީ ޔަހޫދީ ސިފައިން އެއްވެސް ހައްޤަކާއި ނުލައި އޭނާ ރަހީނުކުރީ ކަމަށެވެ.

ފަލަސްތީނުގެ ޤުދުސްއަކީ، އިސްރާއީލުން ފޭރިގަތުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ބިމަކަށްވާއިރު، ޤުދުސް އަކީ އިސްރާއިލްގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅާފައި ވަނީ ދާދިފަހުންނެވެ. އެގޮތަށް ނިންމައި އިސްރާއީލުން އެރަށަށް ވެރިވެގަތީ އެމެރިކާގެ ވެސް އެއްބާރުލުމާއި އެކުގައެވެ. އެއަށްފަހު ޤުދުސްގައި އުޅެމުންދާ އެރަށަށް ނިސްބަތްވާ ފަލަސްތީނުގެ ޢާންމުންނާއި މެދު އިސްރާއީލުން ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު، ތަކުރާރުކޮށް މުސްލިމުންނަށް ދުއްތުރާ ކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. މިކަމުގައި އިސްރާއިލްގެ ސަލާމަތީ ބާރުތަކުގެ އިތުރުން އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ޢާންމު މީހުންވެސް ދަނީ ބައިވެރިވަމުންނެވެ.

ހަމަ އެހެންމެ އިސްރާއިލްއަށް ނިސްބަތްވާ މީހުންނާއި ފަލަސްތީނު މީހުން ކައިވެނިކުރުންވެސް އިސްރާއިލްގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފަލަސްތީނު މީހަކާއި ކައިވެނިކޮށް ބިމަށް ނުވްތަ ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކަށްވެސް އިސްރާއިލްގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

އިސްރާއިލްގެ ޔަހޫދީ ސަރުކާރާއި އެމެރިކާ ގުޅިގެން ފަލަސްތީނުގެ މުޤައްދަސް ބިމުގައި އަނިޔާވެރި އެތައް ޢަމަލެއް ކޮންމެ ދުވަހަކުވެސް ހިންގަމުންދާއިރު، ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ބޮޑެތި ޖަމިއްޔާތައް އެކަން ހުއްޓުވުމަށް ނުކުޅެދިފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު