އެމެރިކާގެ ޖަލެއްގައި 28 އަންހެން ގައިދީންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގެ ޖަލެއްގައެވެ. މި މައްސަލައާ ގުޅިގެން އެ ގައިދީން ވަނީ އެމީހުން ތަކުރާރުކޮށް ރޭޕްކޮށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާނާގެ ޖަލުގައި ތިބި 28 އަންހެން ގައިދީންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ޖަލުގައި ސެކުއިރިޓީ ބަލަހައްޓަން ތިބި އޮފިސަރުންގެ ތެރެއިން ބައެއް ފަރާތްތަކަށް 1000 ޑޮލަރު ދިނުމަށްފަހު ޖަލުގައި ތިބި ފިރިހެން ގައިދީންނެވެ.

އެގޮތުން ޑޮލަރު ދިނުމަށްފަހު، އަންހެން ގައިދީން ތިބި ބަޔަށް ވަދެވޭނެ ގޮތް ހެދުމަށް ފިރިހެން ގައިދީން ވަނީ އެދިފައެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއެއް ނަމަވެސް އެމީހުންނަށް ދައުވާ ކޮށްފައިވަނީ ވަރަށް ފަހުންކަން ފާހަގަ ކޮށްލެވެއެވެ. އަންހެން ގައިދީން ދީފައިވާ ބަޔާނަށް ނިސްބަތްކޮށް ދައުވާ އުފުލާފައިވާއިރު، އަންހެން ގައިދީން ވަނީ އެމީހުން ތިބޭ ތަނަށް ފިރިހެން ގައިދީންނަށް ވަދެވުނީ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފަރާތްތަކުގެ ހުއްދައިގެ ދަށުން ކަމަށް ބުނެފައެވެ.

އަދި އެތަނަށް ވަދެ އެމީހުންގެ ޖިންސީ ގުނަވަނުގައި ތަކުރާރުކޮށް ހިފައި އެތަނުގައި ތިބި ދެ އަންހެން ގައިދީއަކު ރޭޕްކޮށްފައިވާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކްލާކް ކައުންޓީގެ ޝެރިފް ޑިޕާޓްމެންޓާއި، ޖަލުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުވެގެން ހުރި ކުރީގެ އޮފިސަރެއްގެ މައްސަޗަށް ވަނީ ދައުވާ އުފުލާފައެވެ.