ކެނެޑާގެ ސިޓީއެއްގެ މަގަކަށް އިންޑިއާގެ މަޝްހޫރު މުއުޒިކް އުފައްދުންތެރިޔާ އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ނަމުން ނަން ދީފިއެވެ.

މިކަމާއި ގުޅިގެން އޭނަ ބުނީ، ބުރަކޮށް މަސައްކަތް ކޮށް، ހިތްވަރު ދީގެން ކުރިއަށް ދިއުމުގެ އިހްސާސް މިހާރު މާބޮޑަށް ކުރާ ކަމަށެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 30 އަހަރު ފުރިހަމަކޮށްފައިވާ އޭއާރް ރަހްމާންގެ ނަމުން ނަން ދީފައި ވަނީ ކެނެޑާގެ އޮންޓާރިއޯގައި ހުންނަ މަރްޚަމް ސިޓީގެ މަގަކަށެވެ. އޭނާ ވަނީ އެކަމާއި ގުޅިގެން ބެހޭ ފަރާތްތަކަށް ޝުކުރު އަދާކޮށް ނޯޓެއް ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

އެ ނޯޓްގައި އޭނާ ވަނީ މަސައްކަތުގައި ޝާމިލްވެ އުޅޭނެ ކަމަށް ބުނެފައެވެ. އަދި މީހުން އިންސްޕަޔާކޮށް ކުރިއަށް ދާނެ ކަމަށް ބުނެފައި ވެއެވެ.

މިހާރު ކެނެޑާގައި މިއުޒިކް ޓުއާއަކަށް ގޮސް ހުރި އުމުރުން 55 އަހަރުގެ އޭއާރް ރަހްމާން ވަނީ އާދީއްތަ ދުވަހު ޓްވިޓާގައި އެ މަގު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަރްޚަމް ސިޓީގެ ފަރާތުން އޭއާރް ރަހްމާންގެ ޝަރަފުގައި މަގަކަށް ނަން ދޭނެ ކަމަށް ވަނީ އިއުލާނު ކޮށްފައި ވެއެވެ.

އޮސްކާ އެވޯޑްވެސް ހާސިލްކޮށްފައިވާ އޭއާރް ރަހްމާންއަކީ އެތައް ލަވައެއް އުފައްދާފައިވާ ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މިއުޒީޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު