ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށްވާ ޓްވިޓާ ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވެ އެތައް މިލިއަން މީހުންނަކަށް ޓްވިޓާ އަށް ނުވަދެވޭ ގޮތް ވެއްޖެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ބުނާ ގޮތުގައި ޓްވިޓާއަށް ވަނުމަށް ދަތިތައް ކުރިމަތިވެފައި ވަނީ ޑެސްޓޮޕް ބޭނުން ކުރާ މީހުންނަށެވެ. ފޯނުން ޓްވިޓާ ބޭނުން ކުރާ މީހުންނަށް އެއްވެސް މައްސަލައެއް ކުރިމަތިނުވެ ޓްވިޓާ ބޭނުން ކުރެވެމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑެސްޓޮޕް އިން ޓްވިޓާއަށް ނުވަދެވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި އަދިވެސް ބައެއް އެހެން ގައުމުތައް ހިމެނެއެވެ. މިމައްސަލަ ކުރިމަތިވިތާ ހަތަރު ވަރަކަށް ގަޑިއިރު ވެގެން ދިޔައިރު ވެސް އަދިވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައި ނުވާ ކަމަށް ވެއެވެ.

ޓްވިޓާ އިން ބުނީ ޑެސްޓޮޕް ބޭނުން ކުރާ ޓްވިޓާ ޔޫސަރުންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް ޓްވިޓާގެ އިންޖިނިއަރުން މައްސައްކަތް ކުރަމުން އެބަގެންދާ ކަމަށެވެ.

ޓްވިޓާ ޑައުން ވުމުގެ މައްސަލައެއް ކުރިމަތިވެފައި މިވަނީ ޓްވިޓާގެ ސަލާމަތީ ކަންކަން ހުރީ ވަރަށް ދޯދިޔާކޮށް ކަމަށް ބުނެ އެތަނުގެ މުވައްޒަފަކު ހާމަކުރި މައުލޫމާތުތަކުގެ ސައްހަކަން ބަލަން އެމެރިކާގެ ކޮންގްރެސްގެ ކޮމެޓީއަކުން ނިންމިތާ ހަފްތާއެއް ވެސް ނުވަނީހެވެ،

2006 ވަނަ އަހަރު ވުޖޫދަށް އައި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 290.5 މިލިއަނަށް އަރައެވެ. ޓްވިޓާ އިން މަސައްކަތް ކުރަމުން އަންނަނީ 2024 ވަނަ އަހަރު އަންނަންވާއިރަށް ޓްވިޓާ ބޭނުން ކުރާ މީހުންގެ އަދަދު 340 މިލިއަނަށް އަރުވާށެވެ.