ޓްވިޓާއިން ކޮންމެ މީހަކަށް ވެސް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު ލިމިޓް ކޮށްފައި ވަނިކޮށް ޓުވިޓާއާ ވާދައަށް މެޓައިން މިހާރު ނެރެގެން އުޅޭ ތުރެޑްސްއިން ވެސް ޕޯސްޓުތައް ބެލޭ ވަރު ލިމިޓް ކުރަން ނިންމައިފިއެވެ.

ތުރެޑްސް ހިންގާ އިންސްޓަގްރާމްގެ ސީއީއޯ އާދަމް މޮސަރީ ވިދާޅުވީ ޕޯސްޓު ފެންނަވަރު މަދު ކުރަން ނިންމީ ސްޕޭމް އެޓޭކްތައް މާގިނަވަމުންދާތީ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދަން ކޮންޓްރޯލް ކުރަން ލިމިޓުކުރަން ޖެހުނީ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ޓުވިޓާގެ ވެރިޔާ އީލޮން މަސްކު ކުރެއްވި ޓުވީޓެއްގައި ވަނީ އަނެއްކާ ވެސް ތުރެޑްސްއިން ޓުވިޓާ ކޮޕީ ކޮށްފައިވާ ކަމަށް ވިދާޅުވެ މަލާމާތް ކޮށްފައެވެ.

މީގެ ކުރިން ޓުވީޓު ކިޔޭވަރު ލިމިޓުކުރުމުން ގިނަ ބައެއްގެ ފާޑު ކިއުން ވަރަށް ބޮޑަށް ޓުވިޓާއަށް އަމާޒުވިއެވެ. އަދި ތުރެޑްސްއާ ގިނަ ބަޔަކު ވަރަށް އަވަހަށް ގުޅުނީ ޓުވިޓާގެ ލިމިޓާ ހެދި ކަމަށް ވެސް އޮތީ ހީވެފަ އެވެ. ތުރެޑްސް ބޭނުން ކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 100 މިލިއަނުން މަތީގައެވެ.

ޓްވިޓާގެ ވެރިފައި އެކައުންޓަކުން މިހާރު ފެންނަނީ ދުވާލަކު 6000 ޕޯސްޓް ނުވަތަ ޓްވީޓެވެ. ވެރިފައި ނުކުރާ އެކައުންޓްތަކަށް ފެންނާނީ ދުވާލަކަށް 600 ޕޯޓް ނުވަތަ ޓްވީޓެވެ.

ނަމަވެސް މިބަދަލު ގެނައީ ވަގުތީ ގޮތުން ކަމަށް އީލޮން މަސްކް ވިދާޅުވެއެވެ.

ޓްވިޓާއަށް ގެނައި ބަދަލާއިއެކު ވަރަށް ގިނަ މީހުންނަށް ދުވާލެއްގެ ދެތިން ގަޑިއިރުގެ ތެރޭގައި ޓްވިޓާގެ ލިމިޓް ހަމަވެ ދެން އިތުރު އެއްވެސް ޓްވީޓެއް ނުފެންނަވަރު ވާނެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އީލޮން މަސްކް މިބަދަލު ގެނައީ ޓްވިޓާ އެކައުންޓްތައް ވެރިފައި ކުރަން މަޖުބޫރު ކުރުމުގެ ގޮތުންނެވެ.