ޓުވިޓާއާ ވާދައަށް ފޭސްބުކްގެ މެޓަ ކުންފުނިން ހެދި ތުރެޑްސް ސޯޝަލް ނެޓްވޯކް ބޭނުން ކުރާ މީހުންގެ އަދަދު 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފިއެވެ.

ތުރެޑްސް ލޯންޗުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެެ. އެއާއެކު އެ ނެޓްވޯކް ވައިގައި ހިފިއެވެ. އަދި ލޯންޗުކުރިތާ އެންމެ ހަތަރު ގަޑިއިރު ތެރޭގައި އެ ނެޓްވޯކް ބޭނުންކުރާ މީހުންގެ އަަދަދު ފަސް މިލިއަނަށް އެރި އެވެ.

އަދި ފަހުން އެކްޓިވްސް ޔޫސަރުންގެ އަދަދު އުޅުނީ 100 މިލިއަނުން މަތީގައެވެ.

ނަމަވެސް މިހާރު އެ ނެޓްވޯކްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ތުރެޑްސް ބޭނުންކުރާ މީހުން އެންމެ ފުރަތަމަ ވެސް ބުނީ އެ ނެޓްވޯކްގެ ފީޗާތައް މާ މަދު ކަމަށެވެ. އެހެންޗެ ފަހުން "ފޮލޯ" ކުރެވޭ ފީޗާއާއި އަދި އެހެނިގެން ފީޗާތައް ވެސް އިތުރުކުރިއެވެެ.

ނަމަވެސް އެ ވަރުން ވެސް އެ ނެޓްވޯކް ބޭނުން ކުރާ މީހުންގެ އަދަދު ދަށްވުން ނުހުއްޓުނެވެ.

މެޓަގެ ސީއީއޯ މާކް ޒުކަބާގްވެސް ވަނީ އެ ނެޓްވޯކް އެންމެ ރަނގަޅު ނޫން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ތުރެޑްސް ލޯންޗު ކުރުމާއެކު އެ ސޯޝަލް ނެޓްވޯކް ޓުވިޓާ، އަދި މިހާރުގެ ނަމުން ނަމަ އެކްސްއަށް ވުރެ ކުރިއަރާނެ ކަމަށް އޮތީ ބެލެވިފައެވެ. ހާއްސަކޮށް އެކްސްގެ ވެރިޔާ އީލޮން މަސްކު އެ ޕްލެޓްފޯމަށް ގެންނަވަމުންދާ ބަދަލުތަކާމެދު ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.

އޭގެ ތެރޭގައި ޓުވީޓު ކިޔޭ މިންވަރު އެކްސްއިން މަދުކުރުން ފާހަގަ ކޮށްލެވެއެވެ. އެކަމަކު ފަހުން ތުރެޑްސްއިން ވެސް ހަމަ އެ ބަދަލު ގެންނަން ނިންމިއެވެ.