މެޓާއިން އަލަށް އުފެއްދި އެޕްލިކޭޝަން ކަމަށްވާ "ތްރެޑްސް" ބޭނުން ކުރަން ފެށި މީހުންގެ އަދަދު 30 މިލިއަނަށްވުރެ ގިނަ ވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ލޯންޗް ކުރި މި އެޕްލިކޭޝަނަކީ ޓުވިޓާއާއި ވާދައަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މިހާރު 30 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރަން ފަށާފައިވާއިރު، އެޕްލިކޭޝަން ލޯންޗް ކުރިތާ ހަތަރު ގަޑިއިރު ތެރޭ ފަސް މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެޕްލިކޭޝަން ބޭނުން ކުރަން ފަށާފައެވެ.

މެޓައިން ބުނި ގޮތުގައި، މިއީ ކޮމިއުނިޓީތަކުގައި ހުންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކި މައުލޫތަކާ ގުޅޭ ގޮތުން ހިޔާލުފާޅުކުރުމަށް ބޭނުންކުރެވޭނެ އެޕެކެވެ. މިއީ އިންސްޓަގްރާމް އެކައުންޓާ ލިންކުކޮށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނަކެވެ.

ޓުވިޓާއާއި ވާދައަށް އުފެއްދި މި އެޕްލިކޭޝަންގެ ސަބަބުން ގެއްލުންތަކެއް ވަމުންދާކަން ފާހަގަކޮށް، ޓުވިޓާއިން ވަނީ މެޓައާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ބުނެފައެވެ. އަދި މެޓައިން ވައްކަން ކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މެޓައިން ތުރެޑްސް ލޯންޗުކުރި އިރު ޓުވިޓާއަށް ފަހަކަށް އައިސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ފީ ދައްކައިގެން ނޫނީ ވެރިފިކޭޝަން ބެޖު ނުލިބޭ ގޮތަށް ހެދުމާއި އަދި ފީ ނުދައްކާ މީހުންނަށް ދުވާލަކު އެންމެ 800 ޓުވީޓު ކިޔޭ ގޮތް ވެސް ވަނީ ހަދައިފައެވެ.