މެޓައިން އަލަށް ލޯންޗު ކުރި އެޕްލިކޭޝަން ކަމަށްވާ "ތްރެޑްސް" ބޭނުން ކުރަން ފެށުމަށް ފަހު، އެޕްލިކޭޝަން ޑިލީޓް ކޮށްފިނަމަ، އަމިއްލަ އިންސްޓަގްރާމް އެކައުންޓް ވެސް ގެއްލޭނެ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފިއެވެ.

އެއް ދުވަހުން 30 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރަން ފެށި ތްރެޑްސް އެޕްލިކޭޝަނަކީ އިންސްޓަގްރާމް އެކައުންޓާއި ލިންކް ވެފައިވާ އެޕްލިކޭޝަނެކެވެ. އެހެންކަމުން ތްރެޑްސްގައި އިންސްޓަގްރާމްގައި ބޭނުން ކުރާ ނަން ބޭނުން ކުރެވޭނެއެވެ.

ގިނަ ބަޔަކު މި އެޕްލިކޭޝަން މިހާރު ބޭނުން ކުރަމުން އަންނައިރު، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ތްރެޑްސް އެކައުންޓް ބޭނުން ކުރަން ބޭނުން ނުވާ މީހުންނަށް އިންސްޓަގްރާމް އެކައުންޓް ޑިލީޓް ނުކޮށް ނޫނީ ތްރެޑްސް އެކައުންޓް ޑިލީޓް ނުކުރެވެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މެޓައިން އެފަދަ ގޮތަކަށް އެކަން ކޮށްފައިވަނީ ތްރެޑްސް އާއި ގުޅޭ މީހުން އެ އެޕްލިކޭޝަން ދޫކޮށް ނުދިއުމަށްޓަކައެވެ.

ތްރެޑްސް ޕްރޮފައިލް ޑިލީޓް ކުރަން ބޭނުންވާ ފަރާތްތަކުގެ އިންސްޓަގްރާމް އެކައުންޓް ވެސް ޑިލީޓްވި ނަމަވެސް، ވަގުތީ ގޮތުން ތްރެޑްސް އެކައުންޓް ޑީއެކްޓިވޭޓް ކުރާ މީހުންގެ އިންސްޓަގްރާމަށް ބުރޫ ނާރާނެ ކަމަށް އެޕްލިކޭޝަނުން ވަނީ ބުނެފައެވެ.

މިކަން ފާހަގަ ވުމާއި އެކީ އެތައް ބަޔަކަށް ވަނީ ހައިރާމް ކަމެއް ލިބިގެން ގޮސްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެޕްލިކޭޝަން ބޭނުން ކުރުމުގެ ކުރިން ކޮންމެ ވެސް ގޮތަކަށް އެކަން އެނގޭނެ ގޮތެއް މެޓާއިން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.