ނިއުޒިލޭންޑުގެ ގޮނޑުދޮށަށް ދިގުމިނުގައި 13 ފޫޓު ހުންނަވަރުގެ ބޮޑު ބޯވަދިލަމަހެއް ލައްގައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ބޯވަދިލަމަސް ފެނިފައިވަނީ އެގައުމަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ފަތުރުވެރިންގެ ގްރޫޕަކަށް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ގޯލްޑެން ބޭއި ގޮނޑުދޮށުންނެވެ.

ބޯވަދިލަމަހުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރި ފަތުރުވެރިންގެ ޓުއާ ގައިޑް ބުނެފައިވަނީ އޭނާ އާއި އެކީ ތިބި ނަސީބުވެރިންނަށް ހަޔާތުގައި މަދު ފަހަރެއްގައި ފެންނާނެ މަންޒަރެއް މިއަދު ފެނިފައިވާ ކަމަށެވެ. އޭނާ އެގޮތަށް ބުނެފައިވަނީ ކަނޑުގެ އަޑީގައި ދިރިއުޅޭ މިފަދަ ބޮޑެތި ދިރުންތައް އާންމުންނަށް ވަރަށް ނުފެންނާތީއެވެ.

އެފޮޓޯ މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ފޮޓޯތަކަށް ވަނީ ލިބިފައެވެ. އެގޮތުން އެފޮޓޯތަކަށް ކޮމެންޓް ކުރި މީހަކު ބުނެފައިވަނީ އެއީ އާދަޔާ ހިލާފަށް ބޮޑު ބޯވަދިލަ މަހެއް ކަމަށާއި އޭގެ ވަސް އޭނާއާއި ހަމައަށް އެބަހުރި ކަމަށެވެ.

ނިއުސްވީކް ނޫހުން ބުނި ގޮތުގައި އެއީ ދިގުމިނުގައި 13 ވަރަކަށް ފޫޓު ހުރި ބޯވަދިލަމަހެކެވެ. އޭގެ ފައިތައް ވަކި ހިސާބަކުން ބުރިވެފައިވާއިރު، ތަޖުރިބާކާރުން ބުނާ ގޮތުގައި އެކަން އެގޮތަށްވެފައިވަނީ އެއަށްވުރެ ބޮޑު މަހެއް ނުވަތަ ދިރޭ އެއްޗެއް އައިސް ދިން ހަމަލާއެއްގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބޯވަދިލަމަސްތައް 43 ފޫޓާއި ހަމައަށް ބޮޑުވާނެއެވެ.