ޗައިނާ އިން ޖައްވަށް ފޮނުވި ރޮކެޓެއް މާދަމާ ދުނިޔެއަށް ވެއްޓޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޯޓްތައް ބުނާ ގޮތުގައި މާދަމާ ދުނިޔެއަށް ވެއްޓޭނީ ޗައިނާގެ ޖައްވީ އިދާރާ އަށް ބޭނުންވާ ލެބޯޓްރީގެ ބައިތަކެއް ހިފައިގެން އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ޖައްވަށް ދިޔަ ރޮކެޓެކެވެ. ބަރުދަނުގައި 25 ޓަނު ހުންނާނެ ކަމަށް ބެލެވޭ ރޮކެޓް ވެއްޓޭނެ ތަނެއް އަދި ނޭނގެއެވެ.

އޭރޯސްޕޭސް ކޯޕަރޭޝަނުން ބުނާ ގޮތުގައި ރޮކެޓް ވެއްޓޭނެ ސީދާ ސަރަހައްދެއް ނޭނގުނު ނަމަވެސް ރޮކެޓް ވެއްޓުމުގެ ފުރުސަތު އޮތް ތަންތަން މިހާރު ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އޭތެރެގައި އެމެރިކާ ވެސް ހިމެނެއެވެ. އެމެރިކާގެ އިތުރުން އެފްރިކާ، އިންޑިއާ، ޗައިނާ އަދި އޮސްޓްރޭލިއާގެ ސަރަހައްދަކަށް ވެސް މިރޮކެޓް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

މިއީ ފާއިތުވި ދެއަހަރު ތެރޭގައި ޗައިނާގެ ރޮކެޓެއް ދުނިޔެއަށް ވެއްޓޭ ހަތަރު ވަނަ ފަހަރެވެ. އޭގެތެރެއިން އެއް ރޮކެޓް އައިވަރީ ކޯސްޓަށް ވެއްޓިފައި ވާއިރު އެއް ރޮކެޓް ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދުގެ ކަނޑަށް ވެސް ވެއްޓިފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިރޮކެޓް ކޮންމެ ތަނަކަށް ވެއްޓުނަސް މާބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ. އެއީ ދުނިޔޭގެ އޯބިޓްގެ ތެރެއަށް ރޮކެޓް ވަނުމާއިއެކު ރޮކެޓްގެ ބޮޑު ބައި އަނދައިގެން ދާނެތީއެވެ. އެހެންކަމުން ދުނިޔޭގެ ބިމާއި ހަމައަށް އަންނާނެ ކަމަށް ބެލެވެނީ ރޮކެޓްގެ ވަރަށް ކުދިކުދި އެތިކޮޅުތަކެކެވެ.

ފަހަކަށް އައިސް ޗައިނާ އިން އަންނަނީ ޖައްވީ ކަންކަމަށް ކުރާ ހޭދަ އިތުރުކޮށް، ޖައްވީ ކަންކަމުގައި ކުރިއެރުންތައް ހޯދަމުންނެވެ. ޗައިނާ އިން މިހާރު ޖައްވުގައި ގާއިމުކޮށްފައިވާ ސްޓޭޝަނަކީ އިންޓަނޭޝަނަލް ޖައްވީ ސްޓޭޝަނަށް ވުރެ ވަރުގަދަ ސްޓޭޝަނަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުރާ

    ކަބަރުތަށް ލިޔާގޮތުން ހީވަނީ ހައްތާވެސް ޗައިނާ އެއްޗެއްސޭ ވެއްޓެނީ. އެކަމަކު ހަގީގަތަކީ އެމެރިކާގެ ލައްކަ ރޮކެޓްތަކެއް ފައިބައިފިކަން. އަދި އެއީ ވެއްޓެން ފަރުމާ ކުރެވިފައިވާ ، ވެއްޓޭ ގޮތަށް އުފްއްދާފައިވާ އެއްޗެއްކަން. އެމެރިކާއިން ކުރީމަ މޮޅު. ކޮނަޓްރޯލު ކޮށްގެން ވައްޓަނީ. ޗައިނާ، އިންޑިއާ ވީމަ ކަޑަ، ކޮންޓްރޯލު ގެއްލިފަ. ވެއްޓެނީ.. ހަގީގަތަކީ ކޮންމެގައުމަކުން ކުރިއަސް ހަމަ ކޮންޓްރޯލެއްނެތި ވެއްޓޭ ބައެއްކަން އެއީ.