ބައެއް މައިންބަފައިން ހަރުކަށިވުމުން ވަރަށް ގިނަ ފަހަރަށް، ކުދިންނަށް ރައްޓެހިންނާއެކު ބޭރަށް ދިޔުމާއި، ލޯބިވެރިން ގެންގުޅުމާއި، އަދިވެސް އެނޫން އެފަދަ ކަންކަން ކުރުމަށް ޖެހިލުން ވެއެވެ. އެހެން ނަމަވެސް ބައެއް މައިންބަފައިންނަކީ، އެއް ބައެއްގެ ނަޒަރުގައި ވަރަށް "ކޫލް" ބައެކެވެ. ބޭނުންވާ ހުރިހައި ކަންތައްތައް ކޮށްދެވޭ ފެންވަރު ނެތްކަމުގައި ވީނަމަވެސް މެއެވެ.

ބޮލީވުޑްގެ ތަރި ސަލްމާން ޚާން ބުނީ، އޭނާގެ މައިންބަފައިންނަކީ ވަރަށް ކޫލްބައެއް ކަމަށެވެ. ވަކިން ހާއްސަކޮށް ބައްޕަ ސާލިމް ޚާންގެ ނަން އޭނާ ފާހަނގަކުރަނީ، އެއީ "ކޫލް" ބައްޕައެއްގެ ގޮތުގައެވެ.

"ދޫސް ކާ ދޫމް" ޝޯވްގައި ވާހަކަދައްކަމުން ސަލްމާން ބުނީ، އޭނާގެ ބައްޕަ އޭނާއާ ލޯބިވެރިޔާ އެކީ ގޭގައި ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިން ކަމަށެވެ. އަދި ބައްޕަ ބޭނުންނުވަނީ އަބަދުވެސް އެދެމީހުން އެކުގައި އުޅުމަށް ކަމަށާއި، ބޭރަށް ދިޔަނަމަވެސް ލޯބިވެރިޔާ އާއި އެކު ދާނަމަ އެއީ ބައްޕަ އެދޭގޮތް ކަމަށް ސަލްމާން ބުންޏެވެ.

ސަލްމާން ބުނީ، އޭނާގެ ދައްތަމެން ހިމެނޭގޮތަށް، އާއިލާގެ އެހެން މެމްބަރުންނާއި މެދުވެސް އޭނާގެ މައިންބަފައިން ކަންތައްކޮށްފައި ވަނީ އެ އުސޫލުން ކަމަށާއި، ބޭނުންވާ މިނިވަންކަން އަބަދުވެސް ލިބިފައި އޮންނަނީ މައިންބަފައިން ކޫލް ވުމުން ކަމަށް ޤަބޫލުކުރާ ކަމަށެވެ. ސަލްމާން އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އިޝާރާތްކޮށްފައިވަނީ ސީދާ ކާކަށްކަން ހާމަކޮށްފައި ނުވީނަމަވެސް، އޭނާ އެންމެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅި އާއިލާއަށް ތައާރަފްކޮށްދިން ލޯބިވެރިޔަކީ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

"ރަނގަޅު ބައިވެރިއެއް ހިޔާރުކޮށްގެން އުޅޭނަމަ އެކަން މައިންބަފައިންނަށް ކިޔާދޭން ޖެހޭނެ. އެއީ ސިއްރުކޮށްފައި އޮންނަން ޖެހޭ ކަމެއް ނޫން. އެއްވެސްކަމެއް މައިންބަފައިންނަށް ފޮރުވައިގެން ނުވާނެ. އެއީ މައިންބަފައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވާ ކަމެއް. އަހަރުމެން ކައިވެނި ކުރާނެ އަދި ނުކުރާނެ މީހުން ހޯދާނީ އަމިއްލައަށް ކަމަށް ބައްޕަ ވަނީ ބުނެފައި،" ސަލްމާން ބުންޏެވެ.

ބޮލީވުޑްގެ އެހެން ބައެއް ތަރިންވެސް ވަނީ އެ މީހުންގެ މައިންބަފައިންގެ "ކޫލް"ކަމުގެ ވާހަކަދައްކާފައެވެ. އެގޮތުން ރާޖްކުމާރް ރައޯވެސް ވަނީ އޭނާގެ މައިންބަފައިން އޭނާގެ ލޯބިވެރިޔާއާއި އެކީގައި ގޭގައި ވަގުތު ހޭދަ ކުރަން ފުރުސަތުދިންކަމަށް ބުނެ އެކަމާއި މެދު ވަރަށް ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.