ބްރެޒިލްގައި 7.3 ކިލޯ ބަރުދަނުގައި ހުރި މާ ކުއްޖަކު ވިހައިފިއެވެ. އެ ކުއްޖާ އިސްކޮޅުގައި ދެ ފޫޓު ހުއްޓެވެ.

ކްލެއިޑިއަން ސަންޓޯސް ޑޮސް ސަންޓޯސް ނަމަކަށް ކިޔާ 27 އަހަރުގެ އެ އަންހެން މީހާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ޖެނުއަރީ 18ގައި އެމެޒޯނާސް ސްޓޭޓްގެ ޕެރިންޓިންސްގެ ހޮސްޕިޓަލް ޕެޑްރޭ ކޮލަމްބޯގައި ސިޒޭރިއަން ހަދައިގެން އެ ކުއްޖާ ނެގިއިރު، ދެމައިންގެ ހާލުވެސް ރަނގަޅެވެ.

އޭނާގެ ދަރިފުޅަށް ދިން ނަމަކީ އެންގާސަން އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސަންޓޯސް ހޮސްޕިޓަލަށް ދިޔައީ ރޫޓިންގ ކޮންސަލްޓޭޝަނަށެވެ. ނަމަވެސް ޑޮކްޓަރުންނަށް އެނގުނީ އޭނާގެ ބަނޑުގައި އޮތް ތުއްތު ކުއްޖާ އަކީ ނުވަ މަސް ފުރިގެން ވިހަން ޖެހޭ ވަރަށް ވުރެ ބޮޑު ކުއްޖެއް ކަމެވެ.

އެ ކުއްޖާ މިހާރު އޮތީ އިންކިއުބޭޓަރެއްގައެވެ. ނަމަވެސް ހާލު ސްޓޭބަލް އެވެ. އެންޖާސަން އަކީ އެމެޒޯނާސް ސްޓޭޓްގައި މިހާތަނަށް އުފަންވި އެންމެ ބޮޑު ކުއްޖާ ކަމަށް ބެލެވެއެވެ.

އެ ސްޓޭޓްގައި އެ ކުއްޖާ އާ ރެކޯޑެއް ހަދާފައިވާއިރު، އެންމެ ފަހުން މާ ކުއްޖެއް ވިހާފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ކުއްޖާގެ ބަރުދަނުގައި 5.8 ކިލޯ ހުރިއިރު، އިސްކޮޅުގައި 1.8 ފޫޓު ހުއްޓެވެ. އެއީވެސް ފިރިހެން ކުއްޖެކެވެ.

2005 ވަނަ އަހަރު އުފަންވި ބަރުދަނުގައި 8 ކިލޯ ހުރި އެޑެމިލްޓަން ޑޮސް ސަންޓޯސް ހަދާފައިވާ ގައުމީ ރެކޯޑް އެންޖަރސަންއަށް ގެއްލުނީ ވަރަށް ކުޑަ ފަރަގަކުންނެވެ.