އުފެމުގައި ހުންނަ އުނި ކަމެއްގެ ސަބަބުން ނުވަތަ އެނޫންވެސް އިތުރު ސަބަބަކާ ހުރެ ބައެއް މީހުންނަށް ސާފުކޮށް ދުރު ނުފެނެއެވެ. އަދި ބައެއް މީހުންނަށް ކައިރީގައި ހުންނަ އެއްޗެހިވެސް ނުފެނެއެވެ. މިކަން ރަނގަޅު ކުރުމަށް ލެންސް ނުވަތަ އައިނު އަޅައެވެ.

ނަމަވެސް ތިމާއަކީ ދުރު ރަނގަޅަށް ފެންނަ މީހެއްނަމަ ދުރު ނުފެންނަ ނުވަތަ އައިނު އަޅައިގެން އުޅޭ މީހަކަށް ދުނިޔެ ފެންނަ ގޮތުގެ ތަސައްވުރެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ފިލިޕް ބާލޯ ނަމަކަށް ކިޔާ ދެކުނު އެފްރިކާގެ ފަންނުވެރިއެއް މިވަނީ ކުރެހުންތަކަކުން މިފަދަ މީހުންނަށް ފެންނަ ގޮތް ދައްކާލާފައެވެ.

ފިލިޕް ބާލޯ ބުނެފައިވަނީ މިގޮތަށް ކުރެހުންތަކެއްގެ ސިފައިގައި މިމަންޒަރުތައް ގެނެސްދިނުމަކީ އުނދޫކަމެއް ކަމަށާއި މިގޮތަށް ފޮޓޯތައް ކުރެހުމުގެ ކުރިން ފުރަތަމަ ފޮޓޯއެއް ނަގަން ޖެހޭ ކަމަށެވެ.

"މިގޮތަށް ފޮޓޯ ނެގުމަށް ފުރަތަމަ ބޭނުންވާނީ ޕާފެކްޓް ފޮޓޯ އެއް. މި ފޮޓޯ ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ބްލާ މިކުރަން ޖެހެނީ ވަކި ވަރަކަށް. އެހާ ފަސޭހަކަމެއް ނޫން މިއީ ކީ." ބާލޯ ބުންޏެވެ.

ބާލޯ ބުނެފައިވަނީ މިގޮތަށް ފޮޓޯ ނެގުމަށްފަހު އޮއިލް ބޭނުންކޮށްގެން ކުރެހުންތައް ކުރަހާ ކަމާށާއި މިގޮތަށް ކުރަހާ ކުރެހުންތަކަށް ވަރަށް ގިނަ ބައެއްގެ ތަޢުރީޕް ލިބެމުން ދާ ކަމަށެވެ. މިފޮޓޯތައް މީސްމީޑިޔާގައި ދަނީ ވަރަށް ހަލުވި ކަމާއެކު ދައުރުވަމުންނެވެ.