އެމެރިކާގެ ލޮސް އެންޖެލިސްގައި އޮތް މި އަހަރުގެ ގްރެމީ އެވޯޑް ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އޭނާގެ 32 ވަނަ ގްރެމީ އެވޯޑް ހާސިލް ކޮށް، ރިކޯޑްތައް މުގުރާލައިފިއެވެ.

މިއަހަރުގެ އެންމެ މޮޅު ޑާންސް/އިލެކްޓްރޯނިކް އަލްބަމްގެ އެވޯޑް ލިބިފައިވަނީ ބިޔޯންސޭގެ 'ރެނެސޯންސް' އަށެވެ. އެ އެވޯޑާއެކު ބިޔޯންސޭ ވަނީ ގްރެމީގެ އެންމެ ގިނަ އެވޯޑް ހޯދި ފަންނާނުގެ ރިކޯޑް ހަދާފައެވެ. މީގެ ކުރިން އެ ރިކޯޑް އޮތީ 31 ގްރެމީ އާއި އެކު ހަންގޭރީ-އިނގިރޭސި ދަރިކޮޅުގެ ކޮންޑަކްޓަރ ޖޯޖު ސޯލްޓި ގެ އަތުގައެވެ. އޭނާގެ މި ރިކޯޑް މުގުރާނުލެވި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

"އަހަރެން މި މަސައްކަތް ކުރަނީ އިހުސާސްތައް ކޮންޓްރޯލް ކުރަން." ބިޔޯންސޭގެ ޝަރަފުގައި ހަފްލާގެ ބައިވެރިން ކޮޅަށް ތިބިއިރު، އެވޯޑާއި ހަވާލުވަމުން ބިޔޯންސޭ ބުނެފައިވެއެވެ.

41 އަހަރުގެ ބިޔޯންސޭ ވަނީ އެވޯޑާއި ހަވާލު ވުމަށްފަހު އޭނާގެ އާއިލާއަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އޭނާގެ މަންމައާއި ބައްޕަ އާއި، ފިރިމީހާ އާއި، ތިން ދަރިންގެ އިތުރުން، ބިޔޯންސޭ މަޝްހޫރު ވުމުގެ ކުރިން އޭނާގެ ސްޓޭޖު ހެދުންތައް ތައްޔާރު ކޮށްދިނުމުގައި އެހީތެރިވި، މިހާރު ދުނިޔެ ދޫކޮށްފައިވާ އޭނާގެ ބޮޑުބޭބެއަށްވެސް ބިޔޯންސޭ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ހަފްލާފައި ބިޔޯންސޭ އަށްވަނީ ހަތަރު އެވޯޑް ލިބިފައެވެ. އެހާ ބޮޑު ކާމިޔާބަކަށް ފަހުގައިވެސް، އަހަރުގެ އެންމެ މޮޅު އަލްބަމްގެ އެވޯޑް ބިޔޯންސޭއަށް ލިބިފައެއް ނުވެއެވެ. މި އެވޯޑް ބިޔޯންސޭއަށް މިވަނީ މިހާރު ހަތަރު ވަނަ ފަހަރަށް ގެއްލިފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވުނު ފަހަރަކީ 2017 ވަނަ އަހަރު ބިޔޯންސޭގެ މަގުބޫލު 'ލެމަނޭޑް' އަށް އެވޯޑް ގެއްލި، އެޑެލް އެ އެވޯޑް ހާސިލް ކުރި ފަހަރެވެ. މިއަހަރު އެ އެވޯޑް ހާސިލްކުރީ ހެރީ ސްޓައިލްސްއެވެ.

ރެނޮސޯންސް އަކީ ބިޔޯންސޭ ގެ ހަތްވަނަ ސޯލޯ ސްޓޫޑިއޯ އަލްބަމެވެ. ހޫނު މޫސުމުގައި ނެރުނު މި އަލްބަމުގެ ސަބަބުން 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބިޔޯންސޭ އަށް ވަނީ ބިލްބޯޑުގެ ޓޮޕް ލަވަތަކުގެ ލިސްޓުގެ އެއްވަނައިން ޖާގަ ލިބިގެން ގޮސްފައެވެ.

"މިއުޒިކްގެ އެންމެ ބޮޑު ރޭ" ގެ ގޮތުގައި އެވޯޑް ދޭ ރޭ ފާހަގަ ކުރާ އިރު، ގްރެމީ އެވޯޑަކީ މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑެވެ.