މަގުމަތީގެ ޓްރެފިކްއަށް ސަމާލުކަން ދޭންވީ ވަރަށް ނުދެވިގެން ނުވަތަ ކޮންމެވެސް ކަމެއްގެ ސަބަބުން މަގުމަތީގެ ޤަވައިދުތަކަށާއި ޓްރެފިކްގެ ގަވައިދާ ޚިލާފަށް އުޅެވޭ މީހުން މަދެއް ނޫނެވެ. މީގެ ތެރޭގައި، އާންމުންނެކޭ އެއްވަރަށް މަޝްހޫރް ސެލެބްރިޓީސް ވެސް ނުވަތަ އަތްމަތި ތަނަވަސް މުއްސަނދިން ވެސް ހިމެނެއެވެ.

މި ލިސްޓަށް މިފަހަރު މިވަނީ ބޮލީވުޑްގެ ދެ އެކްޓަރަކާއި ކުޅަދާނަ ޕްރޮޑިއުސަރެއްގެ ނަން ވެސް އަރާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޓްރެފިކްގެ ގަވައިދާ ޚިލާފުވެގެން ދައްކަންޖެހޭ ފީ ނުދައްކާ މީހުންގެ ލިސްޓްގައި އެކްޓަރު ސަލްމާން ޚާނާއި އަރުޖުން ކަޕޫރާއި ޕްރޮޑިއުސަރު ކާޕިލް ޝަރްމާ ވަނީ ހިމެނިފައެވެ.

ކާޕިލްގެ ކާރު އޮތީ އޭނާގެ އަމިއްލަ ނަން މަތީގައި ނަމަވެސް ސަލްމާންގެ ކާރު ރަޖިސްޓްރީ އޮތީ ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކުރަމުން އަންނަ އަރްބާޒް ޕްރޮޑަކްޝަން ޕްރައިވެޑް ލިމިޑެޓްގެ ނަމުގައެވެ.

ރިޕޯޓްތަކުގައި ވާ ގޮތުގައި ސަލްމާންގެ ކާރަށް ވަނީ 4000 އިންޑިއަން ރުޕީސް ދައްކަން ޖެހިފައެވެ. އެއީ މަގުމަތީގެ ގަވައިދުތަކަށާއި ޓްރެފިކް ގަވައިދަށް އިޚްތިރާމް ނުކުރުމުގެ ސަބަބުންނެވެ.

ސަލްމާންގެ އާއިލާއިން ބުނެފައިވަނީ އެއްވެސް ފީ އެއް ދައްކަން ޖެހޭކަން އެނގިފައި ނުވާ ކަމަށާއި އެހެންނޫންނަމަ، ވަގުތުން ވަގުތަށް ދައްކާ ނިންމީސްކަމަށެވެ.

މިހާތަނަށް ސަލްމާންގެ ފީ ދައްކާފައި ނުވާއިރު، ކާޕިލް ވެސް ވަނީ 2000 އިންޑިއަން ރުޕީސް ދައްކަން ޖެހިފައެވެ. ނަމަވެސް އޭނާ މިވަގުތު އަމިއްލަ ކަމެއްގައި ގައުމުން ބޭރުގައި ހުރުމާއިއެކު މި ފީ އަދި ދައްކާފައެއް ނުވެއެވެ.

ކާޕިލްއެކޭ އެއްފަދައިން އަރުޖުން ވެސް ވަނީ 2000 އިންޑިއަން ރުޕީސް ދައްކަން ޖެހިފައެވެ. އޭނާ ޖޫރިމަނާ ވެފައި މިވަނީ މާ ބާރަށް ކާރު ދުއްވުމުގެ ސަބަބުންނެވެ.

ބޮލީވުޑްގެ މި ތިން ސެލެބްރިޓީ ނޫންނަސް، މަޝްހޫރް ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުގެ ބައެއް މީހުންގެ ނަންވެސް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.