ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކެލެފޯނިއާގެ އަންހެން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.

ސެންޑިއާގޯ ސްކޫލެއް ކަމަށްވާ ލިންކޮން އެކްރެސް އެލެމެންޓްރީ ސްކޫލުގައި ކިޔަވައި ދެމުން އަންނަ އެވޯޑު ވެސް ހާސިލު ކޮށްފައިވާ އެ ޓީޗަރު ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

ޖެކޮލިން މާ ނަމަކަށް ކިޔާ އެ ޓީޗަރަކީ ޕްރައިމަރީ ކުދިންނަށް ކިޔަވައި ދެމުން އަންނަ ޓީޗަރެކެވެ. ޖިންސީ ގޯނާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް 6 ދައުވާއެއް ކޮށްފައިވާއިރު، ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުދިންނަށެވެ.

އުމުރުން 34 އަހަރުގެ ޖެކޮލިން އަކީ 2022 ވަނަ އަހަރުގެ "ޓީޗާސް އޮފް ދަ ޔާ" ގެ މަގާމަށް ހޮވުނު ސެން ޑިއޭގޯގެ ފަސް ޓީޗަރުންގެ ތެރޭގައި ހިމެނޭ އެކެކެވެ. އޭނާއަކީ 2013 ވަނަ އަހަރުން ފެށިގެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އެއް ދަރިވަރު މިހާރު ސްކޫލަށް ވެސް ހާޒިރު ނުވާ ކަމަށެވެ. މިމައްސަލަ ފެންމަތިވި ގޮތެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

މިމައްސަލައާއި ގުޅިގެން އޭނާ ކިޔަވައި ދެމުން އައި ސްކޫލުން ބުނެފައިވަނީ އެހަބަރާއި އެކީ ސްކޫލަށް ލިބިގެން ދިޔައީ ކުއްލި ޝޮކެއް ކަމަށާއި އެފަދަ ކަމެއް ސްކޫލުގައި ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ސްކޫލަކީ ކިޔަވަން އަންނަ ކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.