އެމެރިކާ މީހަކު ކައިވެނި ކުރުމުގެ ރަސްމިއްޔާތުގެ ކުރިން އޭނާގެ ކައިވެނީގެ ހަފްލާގައި ބެސްޓްމޭންގެ މަގާމު އަދާކުރާ މީހާ އާއި ބައްދަލު ކުރަން ދިޔަ މަގުމަތީގައި ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ.

ޖޭމްސް ވައިޓާކާ ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށް ފުލުހުން އޭނާގެ މައްޗަށް ދައުވާ އުފުލީ ބަނގުރާ ބޮއެގެން އިނދެ ކުޑަކުދިން ދުއްވާ ކަހަލަ ސައިކަލެއް ދުއްވަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކުރީ ބަނގުރާ ބޮއެގެން އިނދެ ވެހިކަލެއް ދުއްވި ކަމުގެ ތުހުމަތުގައެވެ.

އޭނާ ހައްޔަރުކޮށް ދައުވާ އުފުލުމުން ނިއުޔޯކްގެ ކޯޓަކުން ވަނީ އޭނާ 500 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް އެއްގަމު އުޅަނދު ދުއްވުން އެއް އަހަރު ދުވަހަށް މަނާކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޭމްސް ހައްޔަރު ކުރިކަން ނޭނގި އޭނާގެ ކައިވެނި ޕާޓީއަށް ތައްޔާރުވެގެން ތިބި މީހުން އެތައް އިރެއް ވަންދެން މަޑުކުރަން ޖެހުނެވެ. ޕާޓީގައި ތިބި މީހުންނާއި ކައިވެނި ކުރަން ތައްޔާރުވެގެން ހުރި އަންހެން މީހާ ހީކުރީ ޖޭމްސް ކައިވެނި ނުކުރަން ވެގެން ފިލީ ކަމަށެވެ.

ނަމަވެސް ޖޭމްސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން އެނގުމުން ވަނީ މައްސަލަ ހައްލުވެފައެވެ.

ޖޭމްސް ހައްޔަރު ކުރުމަށް ފަހު ބަންދުން ދޫކޮށްލީ ޖެހިގެން އައި ދުވަހު އެވެ. އެހެންކަމުން އެދެމީހުން ވަނީ އެދުވަހު ކައިވެނި ކޮށްފައެވެ.

ބަނގުރާ ބުއިމަކީ ޔޫރަޕްގެ ގައުމުތަކުގައި ހުއްދަ ކަމެއް ނަމަވެސް ބަނގުރާ ބޮއެގެން ތިބެ ވެހިކަލް ދުއްވުމަކީ ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ، ބޮޑެތި އަދަބުތައް ކަނޑައަޅާފައި އޮންނަ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު