ތައިލެންޑްގެ އަންހެނަކު އެސްފިޔަތައް ދިގު ކުރުން ވެގެން ސެލޫން އަކަށް ގޮސް ކުރި ކަމަކުން ލޯ ނުހުޅުވި އެތައް ތަކުލީފެއް އުފުލަން ޖެހިއްޖެއެވެ.

ތައިލެންޑްގެ ޕަކެޓްގައި ހުރި ސެލޫނަކަށް ދިޔައީ އުމުރުން 35 އަހަރުގެ ބެންޔަޕާ ސުޕަޕް ކިޔާ މީހެކެވެ. އޭނާ އަކީ މޮޑެލް ކުރާ މީހެއް ކަމަށް ވެއެވެ. އާދައިގެ ގޮތަކަށް ހުރި ސެލޫން އިން ވަނީ ސުޕަޕްގެ އެސްފިޔަތައް ދިގު ކުރަން އެކްސްޓެންޝަނެއް ތަތް ކޮށްފައެވެ. ނަމަވެސް އެކަން ކުރަން އެމީހުން ބޭނުން ކުރާ އަންނައުނުގައި ތަފާތު އެއްޗެހި ތަތް ކުރަން ބޭނުން ކުރާ ތެރަހެއް ކަމަށް ވެއެވެ. އެހެންކަމުން ލޮލުގެ ދެކުރަވި ތަތްލާ އޭނާގެ ލޯ ހުޅުވޭ ގޮތެއް ފަހުން ނުވިއެވެ.

ސުޕަޕް މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ސެލޫން އިން އޭނާގެ ލޮލުގެ އެސްފިޔަތައް ދިގު ކުރަން ކުރި މަސައްކަތް ނުނިމެނީސް އޭނާގެ ލޮލުގައި ރިއްސަން ފަށައިފިއެވެ. އެހައި ހިސާބުން ސެލޫންގެ މުވައްޒަފުން ވަނީ އޭނާގެ ބިލް ކުޑަ ކޮށްދީފައެވެ.

ސުޕަޕް ސެލޫން އިން ނިކުމެގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ވަނީ އޭނާގެ ލޮލުގައި ހުރި ތެރަސްތައް ދުއްވާފައެވެ. ނަމަވެސް ލޯ ވަރަށް ބޮޑަށް ރަތްވެ އަދިވެސް އޭނާ ދަނީ ލޮލަށް ބޭސް ކުރަމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ލޮލުގެ އެތެރެއަށް ތެރަސް އެޅިފައި ވީނަމަވެސް ލޮލުގެ ފެނުމަށް އަސަރެއް ކުރިކަމަކަށް އަދި ލަފާކުރެވިފައެއް ނުވެއެވެ.

ސުޕަޕް މިހާރު ގެންދަނީ އޭނާ ޚިދުމަތް ހޯދި ސެލޫން ބޮއިކޮޓް ކުރުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން ސެލޫން އިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔަސްމީން

    މޮޔަވާ މީހުން އެފެންނަނީ