އިންޑިއާގައި އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެރެލާގެ އާއިލާއެއް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއަކުން ކިރިޔާ ސަލާމަތްވެއްޖެއެވެ.

ކެލެރާގެ ރައްޔިތެެއް ކަމަށްވާ މޯހަނާން އާއި އޭނާގެ އާއިލާ އޮތީ ފަރުބަދަމަތީ ސަރަހައްދެއް ހުންނަ އެމީހުންގެ ގޭގައި ނިދާފަ އެވެ. ނިދާފައި އޮއްވައި އެމީހުންނަށް ހޭލެވުނީ އެމީހުންގެ އޮޅު ކުއްތާ ގޮވާ އަޑަށެވެ.

މޯހަނާން އާއި އޭނާގެ އޮޅު ކުއްތާ މިހާރު ދިރިއުޅެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަދައިދީފައިވާ ރިލީފް ކޭމްޕެއްގަ އެވެ. ކުއްތާ އައިސް ގޮވަން ފެށުމުން އެމީހުން ގެއިން ނުކުތްތާ މާގިނަ އިރުތަކެއް ނުވެ ފަރުބަދައިގެ ބައެއް ބައިތައް ކެނޑިގެން ވެއްޓުނެވެ.

މި ކުއްތާ އައިސް ނުގޮވި ނަމަ މިއާއިލާގެ ހުރިހާ އެންމެން ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާގައި މަރުވެގެން ދާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ސްޓޭޓް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކެރެލާގެ 14 ޑިސްޓްރިކްޓްގެ ތެރެއިން 12 ޑިސްޓްރިކްޓެއްގައި ވަނީ ރެޑް އެލާޓް ނެރެފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓްރެވަންޑްރަމް ވެސް ހިމެނެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 37 މީހުން މަރުވެ ހަލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ސަރުކާރުގެ އޮފިޝަލުންނާއި ގިނަ އަދަދެއްގެ އަމިއްލަ ޖަމާޢަތްތަކުގެ މެންބަރުން މިހާރު ވަނީ ނިކުމެފައެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދާއި މާދަމާ ވެސް ކެރެލާ އަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް މިހާރު ފެށެން އޮތީ ވާރޭ ވެހުން ހުއްޓާލުމުންނެވެ.