ޗައިނާ އަންހެނަކު އަގުބޮޑު ބީއެމްޑަބްލިއު ކާރެއް ގަނެގެން ފުރަތަމަ ވެސް ކާރު ދުއްވާލުމާއި އެކު ކާރު ގޮސް ކާރު ވިއްކި ފިހާރައިގެ ދޮރުގައި ޖެހި ދޮރު ތަޅައިގެން ހިނގައްޖެއެވެ.

ގާތްގަނޑަށް ބައިލައްކަ ޕައުންޑްގެ އަގުހުރި ކާރު ގޮސް ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފިހާރައިގެ ތެރެއަށް ވަން ހާދިސާ ހިނގާފައި ވަނީ ޗައިނާގެ ގުއަންޒާއޯ ސިޓީގައެވެ. މިއެކްސިޑެންޓް ހިނގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ކާރު ފިހާރައިގެ ތެރެއަށް ވަދެގެން ދިޔަ ވަގުތު ފިހާރައިގެ ތެރޭގައި ތިބި އެތަނުގެ ދެމުވައްޒަފަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކާރު ފިހާރައިގެ ތެރެއަށް ވަދެގެން ދިޔައިރު އަންހެން ޑްރައިވަރުގެ އިތުރުން ފިހާރައިގެ މުވައްޒަފަކު ކާރުގެ އެތެރޭގައި ތިއްބެވެ. އެދެމީހުން ކުރެ މީހަކަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ކާރު ފިހާރައިގެ ތެރެއަށް ވަދެގެން އަންނަ މަންޒަރު ފެނުމުން އެތަނުގައި ތިބި މުވައްޒަފުންނާއި ކަސްޓަމަރުން ވަނީ ފުރާނަ ސަލާމަތް ކުރުމަށް ދުވެފައި ދުރަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގީ ކާރު ގަތުމަށް ފަހު ޓެސްޓް ދަތުރުކޮށް، އެނބުރި ފިހާރަ ކައިރިއަށް އައިސް ފިހާރަ ކައިރީގައި ކާރު ޕާކް ކުރަން އުޅެނިކޮށެވެ. ކާރު ޕާކް ކުރަން އުޅެނިކޮށް ރޭސް ކޮށްލެވިގެން ކާރު ފިހާރައިގެ ދޮރުން އެތެރެއަށް ވަދެގެން ދިޔައީއެވެ.

ކާރު ދުއްވަން އިން އަންހެން މީހާ ވަނީ އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ޒިންމާ އުފުލާފައެވެ. އޭނާ ވަނީ ލިބުނު ގެއްލުން އިންޝްއަރެންސް ކުންފުނިން އަގު ކުރުމުން އެފައިސާ ދައްކަން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު