އިނގިރޭސިވިލާތުގެ އަންހެން ކުއްޖަކު އޭނާގެ އުމުރުން 14 އަހަރުގެ ބެޑްމިންޓަން ކުޅެން އުޅެނިކޮށް ބެޑްމިންޓަން ބޯޅައިން އޭނާގެ ލޯ މަތީގައި ވަރަށް ބާރަށް ޖެހުނެވެ. ބޯޅައިން ލޯ މަތީގައި ޖެހުމާއި އެކު އޭނާގެ ލޮލުގައި އެވަގުތު އިން ކޮންޓްކްޓް ލެންސް ގެއްލުނެވެ. ލެންސް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުން އެއީ މާބޮޑު ކަމަކަށް ނުހަދާ ލެންސް ހޯދުމުގެ މަސައްކަތް ހުއްޓާލީއެވެ.

އޭގެ 28 އަހަރު ފަހުން އަންހެން މީހާގެ ލޮލުގައި ރިއްސަން ފެށިއެވެ. މިހާރު 42 އަހަރު ވެފައިވާ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވީ ލޮލުގެ މަތީގައި ސިސްޓެއް އުފެދިފައިވާ ކަމަށެވެ. ސިސްޓް ނެގުމުގެ ކުރިން އެމްއާރްއައި އެއް ހަދާ އިތުރަށް އެކަން ޔަގީން ވެސް ކުރިއެވެ.

ސިސްޓް ނަގަން ކުރި އޮޕަރޭޝަންގައި ނެގުނީ އެތައް އަހަރެއް ވަންދެން ގެއްލިފައި އިން ކޮންޓެކްޓް ލެންސެވެ. ބޯޅައިން ލޮލުގައި ޖެހުމާއި އެކު ލެންސް ވަނީ ލޮލުގެ މަތީ ހަންގަނޑުގެ ތެރެއަށް ވަދެފައެވެ. ލެންސަކީ ވަރަށް ތުނި އެއްޗަކަށް ވާތީ ލެންސްގެ ސަބަބުން އިތުރު އުނދަގޫތަކެއް ކުރިމަތި ނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުރީ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ގެއްލުނު ލެންސް 28 އަހަރު ފަހުން ނަގަން ކުރި އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ހާލު ވަނީ މިހާރު ރަނގަޅު ވެފައެވެ.

އެއްވެސް މީޑިއާ އަކުން އޭނާގެ ނަމެއް އަދި ދިރިއުޅޭ ތަނެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު