ރާއްޖޭގެ އެންމެ މަޝްހޫރު ބަތަލާއިން ހިމެނޭ "ޔާރާ" އާއިލާގެ ފުރަތަމަ ވެބް ސީރީޒް "ޔާރާ" މި މަހުގެ ނެރުމަށް ތައްޔާރު ވެއްޖެއެވެ.

ޔާރާ އާއިލާއަކީ ވަރަށް ފިލްމީ އާއިލާއެކެވެ. އަދި ރާއްޖޭގައި ފަވާ ލެވޭ ބަތަލާއިންތައް ޔާރާ އާއިލާގައި ތިބެއެވެ. އޭގެ ތެރޭގައި ހުރިހާ ޔާރާއެއްގެ މަންމަ އާމިނަތު ރަޝީދާ (އައިންތު) އާއި ރިޝްމީ ރަމީޒް އާއި މަރިޔަމް އައްޒަ މިއީ ރާއްޖޭގައި ފިލްމް އިންޑަސްޓްރީގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ބަތަލާއިންނެވެ. މީގެ އިތުރުން، އެ އާއިލާގައި ހިމެނޭ ރިޝްމީގެ ކުރީގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރ އަހްމަދު އަޒްމީލް (އަޒޭ) އާއި ފިލްމް އިންޑަސްޓްރީގައި މަލްޓިޓެލެންޓް އާޓިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އައްޒަގެ ކުރީގެ ފިރިމީހާ ޖުމައިހުވެސް ފެނިގެން ދާނެއެވެ.

މި ސިރީޒްގައި ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ. މީގެ ތެރޭގައި އަލަށް ފިލްމީ ދާއިރާއާ ގުޅުނު ފަރާތްތައްވެސް ހިމެނެއެވެ.

އެގޮތުން އައިންތު، ރިޝްމީ، އައްޒަ، އަޒޭ، ޖުމައިހް، އަހްމަދު އާސިމް، އާމިނަތު ރިޝްފާ، ނުޒުހަތު ޝުއައިބް، އައިޝާ އަލީ، ޝަރަފް އަބްދުﷲ، ނަތާޝާ ޖަލީލް، މުހައްމަދު ވިޝާލް، ހުސައިން ޝާދިޔާން، މަރިޔަމް ވަހީދާ (ޔަމް)، އައިޝަތު ގުލްފާ، މޭހާ އާދަމް، ޝަހާ އަދުނާން، އަހްމަދް އިޝާރް، ޝަރާ އާދަމް، އާމިނަތު ސިލްނާ، އަހްމަދު އަބާން، ޒުލައިހާ މަނިކް، މަރިޔަމް އަބްދުލް ހަކީމް ފަދަ ތަރިންތައް ފާހަގަކޮށްލެވެއެވެ.

މި ސީރީޒް ލިޔެފައި ވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)އެވެ. މިއީ ރިޝްމީ ޕްރޮޑިއުސް ކުރާ ވެބް ސީރިީޒްއެކެވެ.

މި ސީރިޒްއާ ގުޅޭގޮތުން ޓީމް އިން ބުނެފައިވާގޮތުގައި، މި ސީރީޒް މި މަހުގެ 24 ވަނަ ދުވަހު ބައިސްކޯފް އެޕްލިކޭޝަންއިން ދައްކަން ފަށާނެއެވެ. މި ސީރީޒްގައި ޖުމްލަ ހަތަރު ސީޒަން ހިމެނޭއިރު، ސީރީޒްގެ %95 ޝޫޓްކޮށް ވަނީ ނިމިފައެވެ.


މި ސީރިޒްގެ ޝޫޓިންގތައް ކުރިއަށް ގެންގޮސްފައި ވަނީ، މާލެ، ހުޅުމާލެ، ވިލިނގިލި، މާފުށީ، ވ. އަތޮޅު، ލ. އަތޮޅު އަދި ކްރޮސްރޯޑްސްގައެވެެ.

ޓީމް އިން މައުލޫމާތުދިންގޮތުގައި، މި ސީރިޒްގެ ޓްރެއިލާ ވަރަށް އަވަހަށް ނެރޭނެއެވެ.