ސްކޫލް ނިންމާލި ގޮތަށް ކިޔެވީ ޑްރަގް ކައުންސިލިންނެވެ. އެއް އިރެއްގައި ފިހާރަތަކެއްގައި ވަޒީފާގައި އުޅުނު މީހެކެވެ. ފުލުހެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ޕްރެޒެންޓަރެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައި ވެއެވެ. ފިޓްނެސްއަށްވެސް އެހާ ލޯބި ކުރެވެ. މިހާރު މިއީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ވަރުގެ އާ ތަރިއެކެވެ. ޓީވީ ޕްރޮޑިޔުސަރ އިލިޔާސް ވަހީދު (އިއްލެ) ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ ލީޑް ބަތަލަކީ މިއީ އެވެ. މިއީ މިހާރު އަރަމުން އަންނަ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ އަހްމަދު އިފްނާޒް ފިރާގެވެ.

އެ ފިލްމްގެ މަސައްކަތަށް ފަހު އިއްލެގެ ބިރުވެރި ވާހަކައިގެ ޖިންނިއެއްގެ ގޮތުގައިވެސް އިފްނާޒް ފެނިގެން ގޮސްފައި ވެއެވެ. ފަހުން ދެ ސީރީޒެއް ކަމަށްވާ މަޒްލޫމް އާއި ދަރަކައިންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ. ފަނޑު ކިޔާ ސީރީޒެއްގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި ޔެސީގެ 5.1 ދަ މޫވީ ގައިވެސް އޭނާ މަސައްކަތް ކުރިއެވެ.

އަދި އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ޓެޑްރީގެ ލަސްވިއަސް ފިލްމާއި، އަދި މި އަހަރު ތެރޭގައި އިތުރު ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ހުރި ކަމަށް އިފްނާޒް ބުންޏެވެ.

ފިލްމް ބަވަތި ލޯންވިންގ އިވެންޓްގައި އިފްނާޒް އާއި ތާތި

އޭނާގެ އެކްޓް ކުރުމުގެ ހުނަރު އެބަ ހުއްޓެވެ. އަނެއްކާ މީހުންނާ އެހާ ގުޅޭއިރު، އޭނާގެ ސަކަ ހިނިގަނޑުން ކޮންމެ މީހަކުވެސް ހެއްވާލާނެއެވެ. އަނެއްކާ އޭނާއަކީ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަން ސާބިތުކޮށްދެމުން އަންނަ މީހެކެވެ.

އޭނާ ފުލުހުގައި މަސައްކަތް ކޮށްފައި ވަނީ ފޮރެންސިކް ގައެވެ. އެތަނުގައިވެސް އޭނާ ފޮޓޯ ނެގުމުގައި އުޅުނެވެ.

"މިއީ ވަރަށް ބައިވަރު މީހުންނަށް އެނގޭ މޫނެއް، ވަރަށް ކުރިންސުރެވެސް، އެކަމަކު މިހާރު މި އެނގެނީ އެކްޓަރެއްގެ ގޮތުގައި". އިފްނާޒް ބުންޏެވެ.

އިފްނާޒް އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް "ޥަގުތު"އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސުވާލު: ސްކޫލްގައި އުޅުނު އިރު ހަނދާން ހުންނަ ކަމެއް؟.

އޭނާ ފުރަތަމަ ކިޔެވީ ޖަމާލުއްދިން ސްކޫލުންނެވެ. އޭގެ ފަހުން މަޖީދިއްޔާ ސްކޫލްއިން ގްރޭޑް 10 ނިންމާލިއެވެ. ސްކޫލް ތެރޭގައި އޭނާ ގަނާގެ ޝިކާރައަކަށްވެސް ވިއެވެ. އެކަމަކު އޭގެ ތެރެއިން އޭނާ ނުކުތެވެ.

އޭނާ ބުނާގޮތުން ނަމަ، ސްކޫލްގައި އުޅުނުއިރު އޭނާއަށް އެންމެ ހަނދާން ހުންނަ ކަމަކީ އޭނާއާ ދިމާވި އެކުވެރިންނެވެ. އެއީ މިހާރުވެސް އޭނާގެ ރަހުމަތްތެރިންނެވެ.

"ދެން އިފްނާޒް އާއި އެ މީހުންނާއި ދިމާވި ހިސާބުން މުޅި ދިރިއުޅުމުގެ އަސްލުގައި ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ ކަމެއް، ބުނެއެންނު ރަނގަޅު ރައްޓެހިން ލިބުމަކީ ވަރަށް ބޮޑު ނިއުމަތެ ކޭ، އިފްނާޒްގެ ދިރިއުޅުމުގައި ވަރަށް ބޮޑު ނިއުމަތެއް އެކަހަލަ ރަހުމަތްތެރިންތަކެއް ސްކޫލްގެ މި ބުނާ ދުވަސްވަރުގައި ލިބުން އެއީ". އިފްނާޒް ބުންޏެވެ.

އިފްނާޒް ބުނީ، އެހެން ނޫން ނަމަ އޭނާއަކީ އެހެން މީހުންނަށް ނޭނގޭ މީހަކަށްވެސް ވެދާނެ ކަމަށެވެ. އަދި މިހިސާބަށް އައުމުގައި އެ މީހުންނަށް ވެސް ކޮންމެވެސް ކަހަލަ ބައެއް އަދާކުރެވިފައިވާ ކަމަށް އިފްނާޒް ބުންޏެވެ.

އިފްނާޒް އާއި އޭނާގެ އާއިލާ އިތުރު ދެ މީހުންގެ ކުޑައިރުގެ ފޮޓޯއެއް

"ތަންކޮޅެއް އާދައިގެ އިފްނާޒްއަކަށް ނުވެ، މީހުންނަށްވެސް އަދި ދުނިޔެއަށްވެސް ލޯ ހުޅުވި އެކި ކަހަލަ ހިޔާލާއި، އާ ކަންކަން ގަބޫލު ކުރާ މީހަކަށްވުމުގައި އެ މީހުންގެ ވަރަށް ބޮޑު އަތެއްވޭ".

ސުވާލު: ފުލުހުންގެ ވަޒީފައި އުޅުނުއިރު، މިހާރުވެސް ހަނދާން ހުންނަ ކަމެއް؟.

އޭނާ ވަނީ ފުލުހުންގެ ވަޒިފާއި އުޅުނުއިރު ވަރަށް ގިނަ ކަންކަމާއި ދިމާވި ކަމަށް ބުނެފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފުލުހުންގެ ތަމްރީން ނިންމާފައި އައްޑޫ އަށް ދިޔަ ވާހަަކަ ހިއްސާ ކުރިއެވެ. އެއީ އެއިރު އައްޑޫގައި އޮޕަރޭޝަނެއް ހިންގާތީ އެތަނަށެވެ. ގާތްގަނޑަކަށް 20 ވަރަކަށް ފުލުހުން އެކަމަށް ނެގިއެވެ. ތިން ދުވަސް ނޫނީ ފަސް ދުވަސް ވަރު ނަގާނެ ކަމަށް ބުންޏެވެ. ނަމަވެސް އެ މީހުންނަށް އެނބުރި މާލެ އާދެވުނުއިރުވަނީ ހަތް މަސް ވެފައެވެ.

"އެންމެ ލަސް ވެގެން ހަތް ދުވަސް ތެރޭގައި އާދެވޭނެ ކަމަށް ބަލާފައި އެގޮތަށް ޕެކް ކޮށްގެން ދާށޭ ބުނީ. ހަތް ދުވަހަށް ޕެކްކޮށްގެން ދިޔަ މީހާ އެތަނުގައި ހަތް މަސް ވަންދެން އުޅެފައި އައީ".

އޭނާ އެނބުރު އައިއިރު، މަސައްކަތް ކުރަން ޖެހެނީ ފޮރެންސިކްގައި ކަން އެނގުނެވެ.

އިފްނާޒް އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް "ޥަގުތު"އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެގޮތުން އޭނާ ފުލުހުންގެ ތެރޭގައި އުޅުނުއިރު އެންމެ ހަނދާން ހުންނަ ކަމަކަށް ފާހަގަކުރީ ވައްކަން ކޮށްގެން، ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދިޔައިރު، އޭނާއަށް ނޭނގި ބާރުބާރަށް ލަވައެއް ކިޔާލެވުނު ދުވަހުގެ ވާހަކަ ތަކެވެ.

"އެއް ދުވަހަކު މިދިޔައީ، ފަތިސްގަޑީގައި ދަންވަރު ޑިއުޓީގައި، އެއިރު އުޅުނީ ފޮރެންސިކް ކްރައިމް ސީން އޮފިސަރެއްގެ ގޮތުގައި، އެތަނުގައި މި ކުރަން ޖެހޭ ކަމަކީ އެތަނުގައި ކްރައިމް ސީންގެ ފޮޓޯ ނަގާ، ވައްކަން ފަދަ އެއްޗެއް ކޮށްފަ ހުރިއްޔާ އޭގެ ފޮޓޯ ނަގާ، އިފްނާޒްއަކީ އަބަދުވެސް އެންމެ ކުޑައިރުން ފަށައިގެން ބޮލު ތެރޭގައި އަބަދުވެސް އުޅޭނެ ލަވައެއް، ދެން އެ ދުވަހު ގޮސްފައިވެސް އެއް ކުއްޖަކު ފޮޓޯ ނަގާނީ، އަނެކަކު ފިންގާ ޕްރިންޓް ނަގަން، އިފްނާޒް އެ ދުވަހު ޖެހުނީ ފިންގާ ޕްރިންޓް ނަގަން، ވައްކަމެއް ކޮށްގެން އެގޭގެ އެންމެން ހޭލާ، އެންމެން ވަރަށް ބޮޑަށް ކަންބޮޑުވެފައި މިތިބީ، ދެން އިފްނާޒް ފިންގާ ޕްރިންޓް ނަގާލާ ވަރަށް ހަމަޖެހިލާފައި ބޮލު ތެރޭގައި ލަވައެއް މި ކިޔަނީ، ހުރިހާ ކަމެއް ނިންމާފައި ސީންވެސް ނިންމާފައި މި ދިޔައީ ޕޮލިސް ސްޓޭޝަނަށް، ގޮސްފައި ވަނުމާއެކު ދެން ހުރި އިންޗާޖަކަށް ހުރި ކުއްޖާ މި ބުނަނީ ކިހާ ދެރަކަމެއް ހެއްޔޭ އިފްނާޒް، އަޑުގެ ނެތް ތަނަށް ލަވަ ކިޔާލަކިޔާލައޭ ތިހިރީ ފިންގާ ޕްރިންޓް ނެގިއިރުގައި.".

އިންޗާޖް އެހެން ބުނުމުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ހިތުން ލަވަ ކިޔަމުން ގޮސްފައި ވަނީ ބޮލު ތެރެއިންނެވެ.

އިފްނާޒް ފުލުހުންގެ ވަޒިފާގައި އުޅުނުއިރު

އޭނާ ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރީ ފަސް އަހަރު ވަންދެންނެވެ. އޭގެ ފަހުން އުޅުނީ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ތެރެއިން އިތުރު މީހަކާއެކު ހުޅުމާލޭގައި ސްކޫލުން ދިމާވި ރަހުމަތްތެރިއަކާއެކު އަމިއްލަ ސްޓޫޑިއޯއްވެސް ހިންގިއެވެ. ނުވަ މަސް ވަންދެން އެ މަސައްކަތުގައި އުޅުމަށްފަހު، ފަހުން ވަނީ ޕޯޓްރެއިޓް ސްޓޫޑިއޯގައި މަސައްކަތް ކުރަން ފަށައިފައެވެ.

އޭނާ ފިލްމީ ދާއިރާއަށް ވަދެފައި ވަނީ ދިޓީވީ އާއި ވީޓީވީގައި މަސައްކަތް ކުރުމަށްފަހު، އޭގެ ފަހުން ޗޮޕާޓްގައި އާއި ފިޓްނެސް ތެރޭގައިވެސް އުޅެފައެވެ.

އިފްނާޒް އާއި ތާތި ދިޓީވީގެ ޝޯވއެއް ހޯސްޓް ކުރުމުގައި

ސުވާލު: ޝޫޓިންގ ތެރެއިން ހަނދާނުން ފިލާ ނުދާނެ ވަރުގެ ކަމެއް؟.

އޭނާ ކިޔާދިނީ އޭނާގެ ފުރަތަމަ ފިލްމުގެ ވާހަކައެވެ. އެއީ ބަވަތިއެވެ. އެ ފިލްމްގައި ނުޒުހަތު ޝުއައިބުއާއެކު ފުރަތަމަ ކުޅެން ޖެހުނު ސީންގެ ވާހަކަ އޭނާ ހިއްސާ ކުރިއެވެ.

"އެއީ އަސްލު ވަރަށް ސިމްޕަލް ސީންއެއް އަސްލު އަނެއްހެން ކިޔައިފިއްޔާ، ހަމައެކަނި ހިނގާލާފައި ގޮސްފައި ހަމައެކަނި އަތް ޖައްސާލާފައި ވާހަކަ ދައްކަން ޖެހެނީ، އަނެއްހެން މާބޮޑު ސީންއެއްވެސް ނޫން، އިފްނާޒް އެތަނުން ދާހިތްލާ ފޯވެ، މުޅި މީހާ ހިނގާގަންނަވެސް ނޭނގެ، ތިން ފިޔަވަޅެއް އަޅަން މި ޖެހެނީ، ތިން ފިޔަވަޅު އަޅާފައި އަންނައިރުވެސް ރޮބޮޓެއްހެން މި ހިނގެނީ، މީހާ ދާހިތްލަނީ، ތުރުތުރުއަޅަނީ، ޑައިލޯގަކަށް ބުނެލަން މި ޖެހެނީ އެބަ އަންނަމޭ ބޭރަށް ގޮސްފައި، އެހެންވެސް އަނގައިން ނުނިކުމެވިގެން އުޅޭ ހާލުގައި އެ ދުވަހު އުޅެން ޖެހުނީ". އިފްނާޒް ކިޔާދިނެވެ.

ބަވަތި ޕްރިމިއާ ނައިޓްގައި އިއްލެ އާއި އިފްނާޒް

ސުވާލު: އެކްޓު ކުރުންތަ؟ ނޫނީ ފޮޓޯ ގްރަފީތަ؟.

މިހާރު ނަގާނަމަ އޭނާ ނަގާނެ ކަމަށް ބުނީ އެކްޓް ކުރުމެވެ. އެއި އެހާހިސާބަށް އައިސްފައި ވަނީ ވަރަށް މަސައްކަތުންނާއިވެސް އެކުގައެވެ.

"އެހެންވެގެން އެކްޓިންގ މިހާރުވެސް ނަގާނީ ކުރާނީ، އެއީ، ފޮޓޯގްރާފީ އަކީވެސް ކުރެވޭނެތީވެ ކޮށްފައި އިން ކަމެއް، ޕެޝަންއަށް ވުރެ ބޮޑަށް އެކަންތައް އެހެންވެފައި އެ އޮތީ".

އިފްނާޒް ފޮޓޯގްރަފީ ދާއިރާގައި އުޅުނުއިރު

އެހެންކަމުން އިތުރު އެހެންކަމަކަށް ދާނެހެން ހީނުވާ ކަމަށް އިފްނާޒް ބުންޏެވެ.

ސުވާލު: އެންމެ ކަމުދާ އެކްޓަރަކީ ޝީލާތަ؟ ނޫނީ ރިޝްމީތަ؟.

އޭނާ މީގެ ތެރެއިން ނެގީ ރިޝްމީއެވެ.

"ރިޝްމީގެ ބޮޑަށް ފެނިފައި ހުރީ ތަފާތު ކެރެކްޓާސް، އެކަހަލަ ގޮތަކަށް، އެހެންވެ ވަރަށް ބޮޑަށް ފާހަގަ ކުރާ އެއްޗެއް އެއީ ވާސަޓައިލިޓީ، އެ ފެނުނީމަ އަމިއްލަ މީހާ ވަރަށް އަޅައިގަނޭ އެއަށް".

ސުވާލު: ފިޓްނެސްތަ ނޫނީ ކާއެއްޗެހިތަ؟.

އަބަދުވެސް ކޮންފްލިޓް އިންނަ އެއްޗަކީ މިއީ ކަމަށް އޭނާ ބުންޏެވެ. ފިޓްނެސްގެ ތެރެއަށް ދާ ވަރަކަށް، މީސް މީޑިއާ ބެލިޔަސް ނޫނީ އެހެން އެއްޗެއް ބެލިޔަސް އަބަދުވެސް ފެންނާނީ ކާ އެއްޗެހި ކަމަށްވެސް ބުންޏެވެ.

އިފްނާޒް މެރަތަންއެއްގައި

ސުވާލު: އަނބިމީހާއާ ދިމާވަނީ ކިހިނެއް؟

އިފްނާޒް ކައިވެނިކޮށްގެން އުޅެނީ ފާތިމަތު މައިޝާ (ތާތި) އާއެވެ. އެ ކައިވެންޏަށް 10 އަހަރު ވެއްޖެއެވެ.

އިފްނާޒް ކިޔާދޭން ފެށިއެވެ. ސްކިޓެއްގެ މަސައްކަތަށް ރައްޓެހިންތަކެއް ގުޅަނީއެވެ. އެއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބާއްވާ ޔޫތް ޑޭގެ އިވެންޓަކަށް ކުޅޭ އެއްޗެކެވެ. އެކަން މެނޭޖްކޮށްދޭން އައުމަށް އޭނާ ގާތުގައި އެދުނީއެވެ.

އިފްނާޒް އާއި އަނބިކަނބަލުން ތާތި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ސްކިޓްގެ އެންމެ މެއިން އެތީގައި އިންނަ ލީޑް އަންހެން ކުއްޖެއް އެބަ ޖެހޭ ހޯދަން، އަންހެން ކުއްޖަކު ނުލިބުގެން ދޯ މި އުޅެނީ، ދެން އެއްވެސް މީހަކަށް އަންހެން ކުއްޖެއް ނުލިބިގެން އެކަންތަކުގައި އުޅެފައި ރިހާސަލްއަށް ވާން ވާއިރަށް ބުނެފި ކުއްޖަކު ލިބިއްޖެޔޭ، ދެން އެ ދުވަހުގައި ހިނގާފައި ޕޯޓްރެއިޓް އަލްބަމުން ފެށިގެން ޗާންދަނީ މަގު ހިސާބަށް، އައިސް ލިފްޓުން ފަސް ވަނަ ފްލޯއަށް އަރަން ޖެހެނީ، އެކަމަކު ލިފްޓް އިން އެއްޗެހިތަކެއް ބާލުވަނީ، ދުވެފައި ސިޑިން އެރީ. އެއިރު މިއަށްވުރެ ފަލަވެސް ވާނެ، ދުވެލާފައި އެރި ގޮތަށް ގޮސް ދޮރު ހުޅުވާލި ތަނުން ސްކިޓް ކުޅޭ ތަނުގެ އެންމެ އެތެރޭގެ ކަނުގެ ފާރާވީ ފަޅީގައި މި އިނީ ތާތި އިށީންދެގެން".

އިފްނާޒް ބުނީ ތާތި ފެނުމާއި އެކީގައި މުޅި މީހާ ހުއްޓުން އެރި ކަމަށެވެ.

ތާތި އާއި އިފްނާޒް އާއި ދިމާވި ސްކިޓްގެ ތެރެއިން

"އަމިއްލަށް އެނގިއްޖެ މިއީކަން ގެނެސްފައި އިން ކުއްޖާއަކީ، ކުއްޖަކު ލިބުން ވާހަކަ ބުނިވިއްޔާ، އެހިސާބުން މުޅި މީހާ ހާސްވެ ޕެނިކް މޯޑްއަށް ގޮސްފި، ތާތި ތަންކޮޅެއް ކުރިންވެސް ފެނިފައި އަނެއްހެން ފާހަގަކުރެވިފައި ހުރީ، ކިހިނެއްހޭ ހަދާނީ، ޝީ އިޒް ސޯ ބިއުޓިފުލް އޭ".

އޭނާ ގޮސް އިނީ ދޮރާ އެންމެ ކައިރި ގޮޑިއެއްގައެވެ. ތާތި އިނީ އެންމެ އެތެރޭގައި އިން ގޮޑިއެއްގައެވެ. އެތަނުގައި އިދެގެން އިފްނާޒް ދިޔައީ ފޯނާ ކުޅެމުންނެވެ. ތާތި ފެނުމުން ހާސްވެގެން ގޮސްފައި ހުރި ވަރުންނެވެ. އެތަނުން ދެ މީހުން އިންޓްރޮޑިއުސް ވެލިއެވެ. ރަހުމަތްތެރިއެއް މެދުވެރިވެގެންނެވެ.

"ހަމަ އެހެން ބުނީ، އާނ އެނގޭ،... މިހެން އޭނާ ބުންޏެވެ. "އަނެއްކާވެސް ހަމަ.. ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ވަޓްޑިޑް އައިޑޫ. އެ ބުނެވުނު އެއްޗާއި މެދު ކަޑަވެގެން އިނީ.". އިފްނާޒް ބުންޏެވެ.

އޭނާ ދެން ފަހުން އުޅުނީ އެތަނުގެ ތެރޭގައި ކަންކަން ހަމަޖެއްސުމުގައެވެ. ނަމަވެސް އެވަގުތާއި ހަމައަށްވެސް ތާތިއާއެކު ލީޑް ކުޅޭ ތަރި އައިސްފައެއް ނުވެއެވެ.

ތާތި އާއި އިފްނާޒްގެ ފުރަތަމަ ފޮޓޯ

އެންމެ ފަހުން އެ ބައި ކުޅެން ޖެހުނީ އިފްނާޒް އެވެ. އިފްނާޒްއަށް ފުރުސަތު ލިބުމުންވެސް އޭނާ ފުރަތަމަ ޖެއްސީ ޑްރާމާ ގަޑެކެވެ. އެކަމަކު އޭނާގެ ހިތުގެ އަޑިން ތާތިއާއެކު އެ ބައި ކުޅެން އޭނާ ހުރީ ބޭނުން ވެފައެވެ.

ސުވާލު: މަޝްހޫރު މީހަކަށް ވެވުނީމަ އެކަމާ ޖެހިލުންވޭތަ؟ ނޫނީ އުނދަގޫވޭތަ؟

"ތި ބުނާ ކަހަލަ މަޝްހޫރު މީހަކަށް އަދި ނުވޭ ކަންނޭނގެ، މީހުން އެނގޭ ދޯ. ހަމަގައިމުވެސް އިފްނާޒްއަކަށް އެގޮތަކަށް ނުވޭ މަޝްހޫރުވެގެން މީހުންނާއި ހެދި އުނދަގޫވެގެން. އެހާ ވަރަކަށް މަޝްހޫރު ނުވަނީ ކަންނޭނގެ އަސްލު،".

އިފްނާޒް ބިރުވެރި ވާހަކަ ޑްރާމާގެ ތެރެއިން

ސުވާލު: ފިލްމީ ދާއިރާއިން ގެއްލިދާނެތަ؟

"މިހާ މަސައްކަތް ކޮށްފައި، އިދާރަކުރައްވައިގެން ކުރެވެން އޮތް ކޮންމެ ގޮތަކަށް އޮތަސް އެގޮތަކަށް ކުރާނަން، މިސާލަކަށް ކިތަންމެ ހާލެއްގައި ކުރަން ޖެހުނަސް އެކްޓް ކުރެވެން އޮތިއްޔާ ކުރާނަން".

އޭނާ މިހާރު ވަނީ އޭނާ ކުރަމުންދާ އެހެން މަަސައްކަތްތައް ހުއްޓާލާފައެވެ. މުޅި މީހާ ހުސްވެގެން އެ ހުރީ ފިލްމީ މަސައްކަތަށެވެ.

ދަރަކަ އިގެ ޕޯސްޓަރެއް

ސުވާލު: ޓީވީގައި މަސައްކަތް ކުރަން ޝައުގުވެރިކަން އައީ ކިހިނެއް؟.

އޭނާ ޕޯޓްރެއިޓް އަލްބަމުގައި މަސައްކަތް ކުރިއިރު، ޓީވީއެއްގައި މަސައްކަތް ކުރާ ހިތް ޖެހުނެވެ. އެގޮތުން ދިޓީވީގައި އޮޕެނިންގއެއް އޮތްކަން އޭނާއަށް ރަހުމަތްތެރިއެއްގެ ފަރާތުން އެނގުނެވެ. އެގޮތުން 2011ގައި ދިޓީވީގައި މަސައްކަތް ކުރަން ފެށިގޮތަށް އޭނާ އުޅުނީ މަލްޓި ޓާސްކް ޕްރޮޑިއުސަރެއްގެ ގޮތުގައެވެ.

އެގޮތުން ޕްރޮޑިއުސް ކުރަމުން، ޝޯވްތައްވެސް ހުށަހެޅިއެވެ.

"އެއިރު އަންނާނެ ޗިލްއައުޓް ވިތް ކޯކް ކިޔާ ހުކުރު ގަޑީ އެންމެ ޕްރައިމް ޓައިމްގައި ގެންނަ ޝޯވއެއް، އޭގައި އަންނަނީ އޮޑް ނިއުސް، މާސިރިއަސް ނޫން ހަބަރު. ސޮފްޓް ނިއުސް. އަހަރެންނަށް ލިބުނު އަހަރެންގެ ސްޓައިލްގައި އޭތި ޕްރެޒެންޓް ކުރަން".

ޗިލްއައުޓް ވިތް ކޯކް ޝޯވގައި އިފްނާޒް

އޭނާ އެއިރުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ތާތި އާއެވެ. އެއިރު ތާތިވެސް ދިޔައީ އޭނާއަށް "ނޯމަލް" ޕްރެޒެންޓަރަކަށް ނުވުމަށް އެދެމުންނެވެ.

އިފްނާޒް ދެން ފާހަގަކުރީ ޗިލްއައުޓް ވިތް ކޯކް ޝޯވއެއްގެ ތަންކޮޅެއް ޝޫޓް ކުރަން ވަރަށް ގިނައިރު ނެގި ކަމުގެ ވާހަކައެވެ. އެގޮތުން ފަސް މިނިޓްގެ ތަންކޮޅެއް ކިޔަން، ހަވީރު ގޮސް، ދަންވަރާއި ހަމައަށް މަސައްކަތް ކުރަން ޖެހުނު ކަމަށް ބުންޏެވެ.

"އަނެއްހެން ކިޔާނަމަ ފަސް މިނިޓް މުޅި ޝޯވގައި، އަހަރެން ފެންނަ ވާހަކަދައްކާ ތަންކޮޅު އިންނާނީ. އެތަންކޮޅު ރެކޯޑް ކުރަން އަހަރެން އެއް ދުވަހުގެ ހަވީރު ވަތް ގޮތަށް ދަންވަރުވީއިރުވެސް، ހާސްވެ، ފުރަތަމަ ފަހަރުވީމަ އަސްލު ވާގޮތެއް ކަންނޭނގެ އެއީ. އޭގައިވެސް އެ ތަޖުރިބާވެސް ކުރަން ޖެހުނު". އިފްނާޒް ކިޔާދިނެވެ.

ސުވާލު: ފިޓްނެސް އަށް ލޯބި ޖެހުނީ ކިހިނެއް؟.

އޭނާ އެތައް ތަނެއްގައި ވަޒީފާގައި އުޅުނުއިރު، ސީދާ ކުރާ ހިތްވަނީ ކޮން މަސައްކަތެއް ކަމެއް ނޭނގެއެވެ. އޭނާއަށް ކަންކަމުގައި ކުރިއަށްދާން ތާތި ހިތްވަރު ދެމުންގެންދިޔައިރު، އެއިރު ވަޒީފާއިން ވަކިވެ ތާތި އޭނާއަށް ދިނީ އެއް އަހަރެވެ. ކުރާ ހިތްވަނީ ކޮން މަސައްކަތެއްތޯ އަމިއްލައަށް "ފިގާ އައުޓް" ކުރުމަށެވެ.

އެކަމުގެ ތެރެއިން އޭނާގެ ބޮލަށް އެއިރު އައި އެއްޗަކީ ފިޓްނެސް އެވެ. އެގޮތުން މީގެ ކުރިން "މިތްސް"ގެ ގޮތުގައި އެނގެން ހުރި ކަންކަން، މިހާރު ސީދާ އެކަން ކުރަންވީ ގޮތް އެނގެއެވެ.

އޭނާ ވަނީ ފިޓްނެސްގެ ދާއިރާއިން، ޓީއެފްޖީ މެދުވެރިކޮށް ސިލްވާ ސެޓްފިކެޓް ހޯދައިފައެވެ.

ފިޓްނެސްގެ ދާއިރާއިން، ޓީއެފްޖީ މެދުވެރިކޮށް ސިލްވާ ސެޓްފިކެޓް އިފްނާޒް ހޯދި ދުވަސް

"ކިޔެވީމަ މި އެނގެނީ ކިހިނެއްކަން މި ހަށިގަޏޑު ވޯކް މި ކުރަނީ، އަނެއްކާ މިހާރު ތަޖުރިބާ ކުރަން އަމިއްލަ ހަށިގަނޑަށް، މިވެނި ގޮތަކަށް ޑައިޓް ބަހައްޓައިގެން ކިހިނެއްތޯ ބަރުދަން ލުއި ވަނީ، ނޫނީ ހަށިގަނޑަށް އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބަލަން".

އޭނާ ފިޓްނެސް ދާއިރާއިން ކިޔެވުމަށްފަހު، ބޭނުންވީ ޕްރޮޑަކްޓެއް ގޮތަށް މީތި ނެރުމަށެވެ. އެހެން މީހުންނަށް މިކަމުން ފައިދާއެއް ކުރެވޭނެ ގޮތް ހެދުމަށެވެ. އެ މަސައްކަތުގެ ތެރެއިން ނަމެއް ހޯދަން ފެށިއެވެ.

އިފްނާޒް އާއި ތާތި އޫރެދޫ ކަލާ ރަންގެ ތެރެއިން

އިފްނާޒް ބުނިގޮތުގައި، އެއިރު އޭނާއާ ތާތި އާއި ދެ މީހުން ޕަބްޖީ ކުޅުމުގައި އުޅޭއިރު، އޭގައި އިންނަ ހެލްމެޓެއް ކަމަށްވާ "ސްޕެޓްސްނާޒް"ގެ ނަމާއެކު އޭނާގެ ފިޓްނެސް ޕްރޮޑަކްޓެއް ނަމެއް ހިޔާލަށް އައެވެ.

"އަހަރެން ބުނިން އެއަށް ސްޕެޓްސްނާޒް ކިޔަންޏާ، ހިނގާށޭ މިއަށް ފިޓްނާޒް ދޭން، އެހެންވެސް ކިޔޭނެ ނޫންހޭ، އޭތި ދެންވީ ވަރަށް ބޮޑު ޖޯކަކަށް، އަމިއްލަ ދެން އަހަރެން ކިޔަން، ފެޓްނާޒް، ފިޓްނާޒްއަށް ބަދަލުވާންށޭ މި އުޅެނީ، ދެން ގޮސް ބަދިގޭގައި ކައްކަން އުޅެންޏާ ޝެފްނާޒްއޭ މިއީ. އެގޮތަށް ކުރިއަށް ކޮންމެ އެއްޗެއްލާފައި ވެސް ގުޅުވާލެވޭނެއޭ އަހަރެންނާ.". އިފްނާޒްގެ މަޖާ ހިނިގަނޑާއެކު ކިޔާދިނެވެ.

އޭނާ އެކްޓިންގއަށް އެއްކޮށް ހުސް ނުވަނީސް އެ ޕްރޮޑަކްޓްގެ ބޭނުން ހިފައިގެން، އެހެން މީހުންގެ ހަށިގަނޑަށް ބަދަލުތައް ގެނައުމަށް އޭނާ މަސައްކަތް ކުރިއެވެ. އެއިރު ވަރަށް ރަނގަޅު ކްލައިންޓުންވެސް އޭނާއަށް ލިބުނެވެ. އަދި ކްލައިންޓުންގެ ގޯލްތައް ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ، މަސައްކަތް ވެސް ކުރެއެވެ. އަދި އެކަން ކާމިޔާބުވެސް ކުރިއެވެ.

"އަހަރެން ކައިރިއަށް އައި މާބަނޑުވުމަށް ބަރުދަން ލުއި ކުރަން ބޭނުންވެގެން އަންނަ މީހުންވެސް، ކަސްރަތު ކޮށްގެންނޭ މާބަނޑު ވެވޭނީ ޑޮކްޓަރުން މި ބުނަނީ. އެ މީހުންވެސް، އެ މީހުންގެ ގޯލްއާ ހަމައަށް ގެންދެވިފައި ތިބީ އެހެންވީމަ ވަރަށް އުފާވޭ އަސްލު".

ސުވާލު: އެންމެ ބޮޑު މޯޓިވޭޝަނަކީ ކޮބާ؟.

އޭނާ ބުނާގޮތުން ނަމަ އޭނާގެ އެންމެ ބޮޑު މޯޓިވޭޝަނަކީ މަންމަ އާއި ބައްޕަ އެވެ. އޭނާއަކީ ސްކޫލް ތެރޭގައި ދިމާވި ގަނާއާއެކު، މީހުންނަށް އެނގޭ މީހަކަށް ވާން ބޭނުން ނުވި މީހެއް ނަމަވެސް، މިހާރު އޭނާ މިހާހިސާބަށް ގެނެސް ދިނުމުގައި ތާތިގެ ވަރަށް ބޮޑު އެއްބާރުލުމެއް އޭނައަށް ލިބުނު ކަމަށް ބުންޏެވެ.

އިފްނާޒް އާއި ބައްޕަ

"އަހަރެންނަށް ދެން މިހާރު ވިސްނޭ ގޮތުގައި ކުޑައިރު މައިންބަފައިން އަބަދުވެސް ހިތްވަރު ދޭނެ އަމިއްލަ ހުނަރު އެކްސްޕްލޯ ކުރަން. އެއްވެސް އިރެއްގައި ނޫނެކޭ ނުބުނާނެ. ހާއްސަކޮށް ބައްޕަ. މިހާރު އަހަރެން ގަބޫލުކުރާ ގޮތުގައި، އެ ގައިޑެންސް މި ލިބެނީ ތާތިގެ ފަރާތުން. އަހަރެން މިވެނި ކަހަލަ ކެރެކްޓާއެކޭ ކުޅެން ބޭނުންވަނީ ތާތި ނުބުނާނެ ނޫނެކޭ. އޭތި ކުރެވެން ހުރި ގޮތްތައް، އެ ގޯލްއަށް ރީޗްވާން ދެން ކުރަންޖެހޭ ކަންތައް ކުރަން ތާތި ގައިޑް ކޮށްދޭނެ އަބަދުވެސް.".

އެހެންކަމުން އިފްނާޒްއަކީ ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ދައްކަމުން އަންނަ، ފަރާތެއްކަން އޭނާގެ ވާހަކަތަކުން އެނގެއެވެ. އަދި މުސްތަގުބަލުގައި މިއީ ރާއްޖޭގެ އެންމެ މަގްބޫލު ތަރިންގެ ތެރޭގައި ހިމެނޭނެ ފަންނާނަކަށްވުންވެސް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރީޒް

    ސޯ ޕްރައުޑް އޮފް ޔޫ ބްރޯ.

    10
    7