އެއަރޕޯޓުތަކުން، މަތިންދާބޯޓުތައް ޑިލޭވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިނގާ ކަމެކެވެ. އެކި ސަބަބުތަކާ ގުޅިގެން ފްލައިޓުތައް ޑިލޭވުމަކީ އާއްމުކަމެއްކަމަށްވާއިރު، ބައެއް ސަބަބުތަކަކީ، ބައެއް ފަހަރު ޤަބޫލު ކުރަން އުނދަގޫ ސަބަބުތަކެވެ. އެގޮތުން، މިއީވެސް، ފްލައިޓެއް ޑިލޭ ވާން ދިމާވި، ޤަބޫލު ނުކުރެވޭ ސަބަބެކެވެ.

އެގޮތުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އިން ފުރައިގެން، އިންޑިޔާގެ ވެސްޓް ބެންގަލްގެ ކަލްކަތާ އަށް ދިއުމަށް ތައްޔާރުވެފައި އޮތް، އެއަރ އިންޑިޔާގެ ފްލައިޓެއްވަނީ، ޕައިލެޓު ކުރި ކަމެއްގެ ސަބަބުން ޑިލޭވެފައެވެ. ފްލައިޓުގެ ފުރުން ލަސްވެފައިވަނީ، ބޯޓުގެ ހުންގާނާ ހަވާލުވެގެން ހުރި، ޕައިލެޓު މަސް ގަންގަން ދިއުމުންކަމަށްވެއެވެ.

ބަންގްލަދޭޝްގައި ވިއްކާ ވަރަށް އަގުބޮޑު ބާވަތެއްގެ މަސް ގަންނަން، ޕައިލެޓު ގޮސް، އެއަރޕޯޓަށް ޕައިލެޓު އައިސްފައިވަނީ މަސްކޮޅު ހިފައިގެންނެވެ. ނަމަވެސް ގަނޑުފެނަށް ލައި ބަންދުކޮށްފައި ހުރި މި މަސްކޮޅު ބޯޓަށް އެރުވުމުގެ ހުއްދައެއް، އެއަރޕޯޓުގެ ސެކިއުރިޓީން ދީފައެއް ނުވެއެވެ. މިކަމާ ގުޅިގެން، ސެކިއުރިޓީންނާއި ޕައިލެޓުންނާ ދެމެދު ދެބަސްވުމެއްވެސް ހިނގައިގެން ދިޔައެވެ. އަދި، މިކަމުގެ ސަބަބުން، އަނެއްކާވެސް، ބޯޓުގެ ފުރުން ލަސްވިކަމަށްވެއެވެ.

މި ޕައިލެޓު ކުރި ކަންތަކާ ގުޅިގެން، އެއަރ އިންޑިޔާގެ މެނޭޖްމަންޓުން ވަނީ، ޕައިލެޓުގެ މައްސަލަ ބެލުމަށް ނިންމާފައެވެ. އެގޮތުން، މައްސަލަ ބަލަމުންދަނީ، އާއްމު ފަސިންޖަރުން އުފުލާ މަތިންދާބޯޓެއްގައި، އިންޑިޔާ އަށް މަސް އެތެރެ ކުރަން އުޅުނު މައްސަލައާއި، މަޤުބޫލު އުޒުރެއް ނެތި މަތިންދާބޯޓު ޑިލޭވާން މެދުވެރިކަމެއް ކުރުމުގެ މައްސަލައެވެ.

ބަންގްލަދޭޝްގެ ޤަވާއިދުތައް ބުނާގޮތުން، ޚާއްޞަ ހުއްދައެއް ނެތި، އަދި މަތިންދާބޯޓުގެ ކާގޯ ބަޔަށް ނުލައި، މަސް އެހެން ޤައުމަކަށް ބޭރު ކުރުމަކީ މަނާކަމެކެވެ. ހަމައެހެންމެ، އިންޑިޔާގެ ޤަވާއިދުތައް ވެސް ބުނާގޮތުން، ޚާއްޞަ ހުއްދައެއް ނެތި، އިންޑިޔާ އަށް މަހުގެ ބާވަތްތައް އެތެރެ ކުރުމަކީވެސް މަނާކަމެކެވެ.

މިކަން ހިނގާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު