ޗީޓް ކުރުން ނުވަތަ ބޭވަފާތެރިވުމަށް ބޭނުންވާ މީހުންނަށް ހަޔާތުގެ ބައިވެރިޔާއަށް ސިއްރުން، ބޭނުން މީހަކާއި ވާހަކަ ދެއްކޭނެ ކިތަންމެ ގޮތެއް މިއޮތް ޓެކްނޮލޮޖީގެ ޒަމާނުގައި އެބައޮތެވެ. ނަމަވެސް އެއީ އެއްވެސް އުޒުރެއް ނެތި އެއްވެސް މުޖުތަމައެއްގައި ބަލައި ގަނެވޭ ސިފައެއް ނޫނެވެ. ޗީޓް ކުރުން ނުވަތަ ބޭވަފާތެރިވުން އެއީ ރަނގަޅު، ހެޔޮ، ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ނުދެކެއެވެ. އަދި ދެކިގެން ވެސް ނުވާނެއެވެ.

ކަން އޮތީ މިހެއް ނަމަވެސް ބޭވަފާތެރިންގެ ލިސްޓް ދަނީ ދިގު ވަމުންނެވެ. އެމީހުންނަށް ފަހިވާ ފުރުސަތުތައް ވެސް ގިނަ ވުމުންވެ. މިފަހަރު ވެސް މިއޮތީ އެފަދަ ބަދަލެކެވެ. ފޯނު ކުރުމަށާއި މެސެޖް ކުރުމަށް އެންމެ އާއްމުކޮށް ބޭނުން ކުރެވޭ އެއް އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕް އަށް މިހާރު މިވަނީ ސީކްރެޓް ޗެޓް އައިސްފައެވެ.

ވަޓްސްއެޕްގެ ޗެޓް ލޮކް އަކީ އިންބޮކްސްގެ ތެރެއިން ވަކި ހާއްސަ މީހެއްގެ ޗެޓް ގެއްލުވާލެވޭނެ ފީޗާ އެކެވެ. އެމީހެއްގެ ޗެޓް ލޮގް ބަލަން ބޭނުންވާނަމަ ޕާސްވޯޑެއް ނުވަތަ ފިންގާޕްރިންޓެއް ނުވަތަ ފޭސް ރިކޮގްނިޝަނެއް ބޭނުންވާ ގޮތައް ސެޓް ކޮށްލެވޭނެއެވެ.

ވަޓްސްއެޕް އިން ބުނީ މިފީޗާ ތައާރަފް ކުރުމުގެ މަގުސަދަކީ ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް އިތުރު ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމެވެ.

"މިއީ އެހެން މީހުންގެ އަތައް ފޯން ދޭން ޖެހޭ ބައެއް މީހުންނަށް، ވަކި މެސެޖެއް އެވަގުތު އައިސްދާނެތީ ކަންބޮޑުވުމާއި ހާސްކަން ކުރިމަތިލާން ނުޖެހޭނެ ވަރަށް ބޭނުންތެރި ފީޗާއަކަށް ވެގެން ދާނެއެވެ." ވަޓްސްއެޕް އިން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

މިފީޗާ އާއިއެކު ވަކި މީހެއްގެ ނޮޓިފިކޭޝަން ވަކިވަކިން އޮފް ވެސް ކޮށްލެވޭނެއެވެ. އަދި ވަކި މީހެއްގެ މެސެޖްތަކުގައި ލޮކް ކޯޑެއް ޖެހުމުގެ އިތުރުން ވަކި ގްރޫޕް ޗެޓެއްގައި ވެސް ލޮކް ކޯޑް ޖެހޭނެއެވެ.