ވަޓްސްއެޕްގައި އެއްނަމްބަރުން ހަދާފައިވާ އެކައުންޓް ގިނަވެގެން ހަތަރު ފޯނުގައި ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.

ފޭސްބުކް އާއި އިންސްޓަގްރާމް ވެސް ހިންގާ ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓަރ އިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ ވަޓްސްއެޕްގެ އެއް އެކައުންޓް ގިނަ ފޯނުތަކެއްގައި ބޭނުން ކުރެވޭ ގޮތައް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ޓެބްލެޓް، ބްރައުޒާ އަދި ކޮމްޕިއުޓަރުގައި ވަޓްސްއެޕް ބޭނުން ކުރެވޭ ފީޗާއެއް އިނދެއެވެ. އެ ފީޗާ މެދުވެރިކޮށް ވަޓްސްއެޕް އިން ލޮގިން ވުމަށް ވަޓްސްއެޕްގެ ޕްރައިމަރީ އެކައުންޓް އިންނަ ފޯނުން ކިއުއާރް ކޯޑް ސްކޭން ކުރަން ޖެހެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއިއެކު ކޮންމެ ފަހަރަކު ޕްރައިމަރީ އެކައުންޓް އިންނަ ފޯނު ބޭނުން ކުރަން ޖެހޭ ޖެހުމަށް ނިމުން އަންނާނެއެވެ.

އާ ފޯނަކަށް ފުރަތަމަ ފަހަރަށް ވަޓްސްއެޕް އިންސްޓޯލްކޮށް ކުރީގެ ވަޓްސްއެޕް އެކައުންޓް އެ ފޯނުގައި ބޭނުން ކުރަން ފަށާނަމަ އެގްޒިސްޓިން އެކައުންޓް އާއި ލިންކް ކުރަން ހާއްސަ ޓެބަށް ފިތަން ޖެހޭނެއެވެ. އަދި އެއަށްފަހު ކިއުއާރް ކޯޑް ސްކޭން ކުރަން ޖެހެނެއެވެ. އެ އޮފްޝަން ވަޓްސްއެޕް އެޕްލިކޭޝަންގެ ސެޓިން އިން ފެންނަން އިންނާނެއެވެ.

އަލަށް ލޮގިންވާ ފޯނުތަކުން ވަޓްސްއެޕް ބޭނުން ނުކޮށް 14 ދުވަސް ވުމުން އޮޓޮމެޓިކުން ލޮގްއައުޓް ވާނެއެވެ.

ވަޓްސްއެޕް އިން ބުނާ ގޮތުގައި މިބަދަލު ގެނައި މައިގަނޑު ސަބަބަކީ ކުދި ވިޔަފާރިތައް ބޭނުން ކުރާ ފަރާތްތަކުން ކުންފުނީގެ ރަސްމީ މޯބައިލް ނަމްބަރުގައި ގިނަ މުވައްޒަފުންނަށް މުއާމަލާތްތައް ކުރެވޭނެ މަގު ތަނަސް ކޮށްދިނުމެވެ. މި ބަދަލާއިއެކު ކުންފުނިތަކުގެ އެއްނަމްބަރެއް ހަތަރު މުވައްޒަފުންނަށް ވަޓްސްއެޕްގައި ބޭނުން ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ހުރިހާ ފޯނަކުން ކުރާ މެސެޖްތައް ވެސް ހުންނާނީ ސިންކޮރޮނައިޒް ވެފައެވެ. އެހެންކަމުން އެކައުންޓް ބޭނުން ކުރާ ހުރިހާ ފޯނަކުން ކުރާ މެސެޖްތައް އެކައުންޓް ބޭނުން ކުރާ ހުރިހާ ފޯނަކުން ވެސް ފެންނާނެއެވެ.