ހަށިގަނޑަށް ލިބިފައިވާ އަނިޔާއެއް ނުވަތަ ބައްޔެއްގެ ސަބަބުން ވެސް ވަރަށް ވޭނުގައި އުޅޭ މީހުން މަދެއް ނޫނެވެ. އެ މީހުންގެ ހުވަފެނަކަށް ވާނީ އެ ތަދާއި ދުރަށް ދެވޭނެ ވަގުތުތަކަށެވެ. އެކަމަކު އެ މީހުންނަށް ބޭހާއި ނުލާ މިކަމެއް ނުކުރެވޭނެއެވެ.

ނަމަވެސް ބޭހާ ނުލާ، ތަދާއި ދުރަށް ގޮސް، ނޫނީ ނަމަ ތަދު ނުވޭ މީހެއްގެ ވާހަކަ ހިއްސާކޮށްލަމާ ހިނގާށެވެ.

އެެގޮތުން ސައިންސްވެރިން ވަނީ އަންހެނެއްގެ ހަށިގަނޑުގައި މަދުން ނޫނީ ނުފެންނަ ޖެނެޓިކް މިއުޓޭޝަނެއް ސަބަބުން މުޅި އުމުރުގައި ގާތްގަނޑަކަށް އެއްވެސް ވޭނެއް އިހުސާސް ނުކުރެވޭ މީހެއްގެ ދިރާސާތަކެއް ހަދައިފައެވެ.

މި އަންހެން މީހާއަކީ ކަންބޮޑުވުމެއް ނުވަތަ ބިރުވެރިކަމެއް ދުވަހަކުވެސް އިހުސާސް ކުރެވިފައިވާ މީހެއް ނޫނެވެ.

މި އަންހެން މީހާއަކީ ސްކޮޓްލޭންޑްގެ އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށްވާ ޖޯ ކެމަރަންއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގެ ސައިންސްވެރިން ބުނާގޮތުގައި، ތަޖުރިބާކާރުން ވަނީ އެފްއޭއޭއެޗް-އައުޓް ޖީންގެ މިއުޓޭޝަންތައް މޮލިކިއުލާ ލެވެލްގައި މަސައްކަތްކުރާ ގޮތް ދެނެގަނެ، ޖޯ ކެމަރަންއަށް ވޭން ތަޖުރިބާ ނުކުރެވޭ ގޮތް ހޯދާފައެވެ.

މި ދިރާސާ ވަނީ ބްރެއިން ޖާނަލްގައި ޝާއިއުކޮށްފައެވެ.

އަދި ހަމަ ބަޔޮލޮޖިކަލް މެކޭނިޒަމްތަކުގެ ސަބަބުން ޒަހަމްތައް އިތުރަށް ހަލުވިކަމާއެކު ރަނގަޅުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަަމަށްވެސް ބުނެފައި ވެއެވެ.

ސްކޮޓިޝް ހައިލޭންޑްސްގެ ލޮޗް ނެސް ކައިރީގައި ދިރިއުޅެމުން އަންނަ ކެމަރަންގެ ވާހަކަތައް މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ ކުރިން ނޭނގޭ އެފްއޭއޭއެޗް-އައުޓް ޖީންގެ މިއުޓޭޝަންތަކުގެ ސަބަބުން އޭނާއަށް އެއްވެސް ވޭނަކާއި ސްޓްރެސްއެއް ނުވަތަ ބިރުވެރިކަމެއް އިހުސާސް ނުކުރެވޭ ކަމަށް ޔޫސީއެލްގެ ސައިންސްވެރިން އިއުލާނު ކުރުމުންނެވެ.

އޭނާއަށް މިކަން އެނގުނީ އުމުރުން 65 އަހަރުގައެވެ. އެއީ އޭނާގެ އުނަގަނޑުގައި ދިމާވި މައްސަލައަކަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރުގައެވެ.