ޗިންގް ޑައިނާސްޓީ ނުވަތަ މިހާރުގެ ނަމުންނަމަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގައި އެންމެ ފަހުން ވެރިކަން ކުރެއްވި އެމްޕެރާ އައިސިން ގޮއިރޯ ޕުއީ ތުރުކުރެއްވި ގަޑި 5.1 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

އެ ގަޑި ވިއްކާލީ ހޮންގްކޮންގްގައި އޮތް ނީލަމެއްގަ އެވެ. ނަމަވެސް އެ ގަޑި ގަތީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޕެރާ ތުރުކުރެއްވީ ސުވިޒަލެންޑްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ޕޭޓިކް ފިލީޕްގެ ގަޑިއެކެވެ. ގަޑި އިތުރަށް ހާއްސަވި ކަމަކީ އެމްޕެރާ ތުރުކުރެއްވި ގަޑިއަކީ އެ ބްރޭންޑްގެ ލިޑިޓެޑް އެޑިޝަނެއް ކަމަށްވާ 96 ކުއަންޓިމޭ ލޫނޭގެ މޮޑެލްއަކަށް ވުމެވެ. އެ ވައްތަރުގެ މޮޑެލްގެ އުފައްދާފައި ވަނީވެސް އެންމެ ހަ ގަޑިއެވެ.

އެ ގަޑީގެ ފުޅާމިނުމުގައި 1.2 އިންޗި ހުންނައިރު އަދަދުތައް ލިޔެފައި ހުރީ އަރަބިން ނެވެ. އަދި ގަޑީގެ ކަމަރު އިނީ ފިޔާތޮޅި ރަންކުލައިގަ އެވެ. ހަމަ އެހެންމެ ދުނިޔެއަށް ހަނދު ފެންނަ ވަރުވެސް އެ ގަޑިން އެނގެ އެވެ.

ޗައިނާގައި އެންމެ ފަހުން ވެރިކަން ކުރެއްވި އެމްޕެރާ އެ ގަޑި ބައްލަވައިގަތް ގޮތެއް ސީދާ ނޭނގެ އެވެ. ނަމަވެސް އެންމެ ފުރަތަމަ އެ ގަޑި ވިއްކީ ފްރާންސްގެ ވެރިރަށް ޕެރިސްގެ ލަގްޒަރީ ސްޓޯރަކުން ނެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި އެމްޕަރާ ސޯވިއަޓް ޔޫނިއަންގެ ޖަލެއްގައި ހުންނެވި އިރުވެސް އެ ގަޑި ތުރުކުރެއްވި އެވެ. ނަމަވެސް އެމްޕެރާ ވަނީ އެމަނިކުފާނު ހައްޔަރުގައި ހުންނެވި އިރު އެމަނިކުފާނަށް ކަންކަން ތަރުޖަމާކޮށްދެއްވާ އަދި ކިޔަވާވެސް ދެއްވި ޖިއޯޖީ ޕާމީއަކޯވްއަށް އެ ގަޑި ހަދިޔާއަކަށް ދެއްވައިފަ އެވެ.

އެމްޕެރާ ޕުއީ ރަސްކަމާ ހަވާލުވެވަޑައިގަންނެވީ އެންމެ ތިން އަހަރުގަ އެވެ. ރަސްކަމާ ހަވާލުވަޑައިގެންނެވިތާ ހަތަރު އަހަރުވެސް ނުވަނީސް ވަނީ ބަޣާވާތަކުން ޗިންގް ޑައިނާސްޓީ އުވާލައްވައިފަ އެވެ. އެހެން ނަމަވެސް ގަނޑުވަރުގައި އުޅުއްވުމުގެ ހުއްދަ ދީފައި އޮތެވެ.

އޭގެ ފަހުން އެމްޕެރާ ފެނިގެން ދިޔައީ ޗައިނާގެ އެންމެ ބޮޑު ދުޝްމަން ޖަޕާނާއެކު މަސައްކަތް ކުރައްވަން ފެއްޓެވި ތަނެވެ. އަދި ޖަޕާނުން ޗައިނާ އިސްތިއުމާރުކޮށް ގާއިމްކުރި މަންޗޫކޯ ސްޓޭޓްގެ އެމްޕެރާކަން ކުރެއްވި އެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ބަލިވެ ޕުއީ ވަނީ ރަޝިއާ ސިފައިންގެ ބެލުމުގެ ދަށުން އެ ގައުމުގެ ޖަލަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާލުއި

    ކަމަރު އެއޮތީ ހާދަ ފާޑެއްގެ ފިޔާތޮށި ރަންކުލައެއްގައޭ ދޯ!!