މެސެޖްކޮށް އަދި ފޯން ކުރުމަށް ގިނަ ބަޔަކު ބޭނުން ކުރާ އެޕްލިކޭޝަނެއް ކަމަށްވާ ވަޓްސްއެޕް ޑައުން ވެއްޖެއެވެ.

ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެެސް ގިނަ ބަޔަކަށް ވަޓްސްއެޕް ޑައުން ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވަޓްސްއެޕް ބެނުން ކުރާ މީހުން މެސެޖް ކުރުމަށް ނުވަތަ ފޯން ކުރުމަށް މަސައްކަތް ކުރުމުން "ކަނެކްޓިން" އެރުމަށްފަހު، އެޕްލިކޭޝަން ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވެބް ބޭނުން ކޮށްގެން ވަޓްސްއެޕް އަށް ވަންނަން މަސައްކަތް ކުރާ މީހުންނަށް ވެސް ފެންނަނީ އެރޯ މެސެޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑައުންޑިރެކްޓާ ވެބްސައިޓް ބުނާ ގޮތުގައި ވަޓްސްއެޕް ޑައުންވެފައި ވަނީ މިރޭ ރާއްޖެ ގަޑިން ގާތްގަނޑަކަށް 23:00 އިން ފެށިގެންނެވެ.

ވަޓްސްއެޕް އަށް ދިމާވި ޓެކްނިކަލް މައްސަލަ އާއި ގުޅޭ ގޮތުން އަދި މިހާތަނަށް ވަޓްސްއެޕް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ފޭސްބުކް ހިންގާ ކުންފުނި ކަމަށްވާ މެޓަރގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރައެވެ. ދުނިޔޭގެ 180 ގައުމެއްގައި ވަޓްސްއެޕް ބޭނުން ކުރެވެއެވެ. 2009 ވަނަ އަހަރު ލޯންޗް ކުރި މި އެޕްލިކޭޝަނަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ ބަޔަކު މެސެޖްކޮށް، އަދި ފޯން ކުރުމަށް ބޭނުން ކުރާ އެއް އެޕްލިކޭޝަނެވެ.