ސިފައިންގެ އެހީތެރިކަމާއި އެކު، މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެންދިއުމަށް ހެލިކަޕްޓަރުގައި ދަތުރުކޮށްފައި ދަނިކޮށް އެ އަންހެން މީހާ ވިހައިފިއެވެ.

އިނގިރޭސިވިލާތުގެ އަވަށެއްކަމަށްވާ ޕެންޒެންސްގެ މަތިން ހެލިކަޕްޓަރުގައި ދަތުރުކޮށްފައި ދަނިކޮށް އެ އަންހެން މީހާ ވިހާފައިވަނީ، ކުރިން ވިހެއުމަށް ހަމަޖެހިފައި އޮތް ދުވަހަށްވުރެ އަވަހަށް ބަނޑުގައި ރިއްސާން ފެށުމުން ސިފައިންގެ އެހީތެރިކަމާއި އެކު އޭނާ ޓްރޫރޯގައި ހުންނަ ރޯޔަލް ކޯންވޯލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި 1400 ފޫޓު މަތިންނެވެ.

މި އަންހެން މީހާ ހެލިކަޕްޓަރުމަތީގައި ވިހެއީ އެވަގުތު ހެލިކަޕްޓަރުގައި ހުރި ސިއްޙީ އޮފިޝަލަކާއި ކްރޫ މެމްބަރެއްގެ އެހީތެރިކަމާއި އެކުއެވެ. ހެލިކަޕްޓަރުގެ ތެރޭގައި އެ އަންހެން މީހާ ވިހެއީ ފިރިހެން ކުއްޖެއެވެ. މި ހާދިސާ އަށްފަހު އެ ދެމައިން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު ހެލިކަޕްޓަރުގައި ތިބި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް ހޮސްޕިޓަލުންނާއި ޢާންމު ފަރާތްތަކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މިއީ އިނގިރޭސިވިލާތުގައި ހެލިކަޕްޓަރެއްގެ ތެރޭގައި އަންހެނަކު ވިހެއި ދެވަނަ ފަހަރެވެ. މީގެ ކުރިން އެފަދަ ހާދިސާއެއް ހިނގާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާބަނޑު އަންހެނަކު، އިނގިރޭސިވިލާތުގެ ޖަޒީރާ ރަށެއް ކަމަށްވާ ލޫނާ ހޮމްގެ މަތިން ދަތުރުކޮށްފައި ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު