ޕާކިންގ ޖޫރިމަނާ ދައްކަން ޖެހިދާނެތީ މީހަކު މި ވަނީ ވަރަށް ބޮޑު ފިޔަވަޅެއް އަޅައިފައެވެ. މީހުން ގިނަ އަދި ކާރުބާރު ބޮޑު ސިޓީތަކުގައި އުޅޭނަމަ ވެހިކަލް ޕާކް ކުރަން ރަނގަޅު ތަނެއް ނުލިބުމަކީ އާއްމު ކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ބޭނުންވާ ތާކަށް ގަޑި ނުޖެހިވެސް ނުދެވެއެވެ. ޕާކް ކުރާނެ ތަނެއް ހޯދަން ބުރަ މަސައްކަތެއްވެސް ކުރަން ޖެހެެއެވެ.

މިފަދަ ކަންކަމާއި ހެދި ޓައިވާން މީހަކު ކުރީ ތަފާތު ކަމެކެވެ. މީގެ ކުރިން ދިމާވެގެން އުޅުނު މައްސަލައަކީ އޭނާގެ ގޭގެ ކުރިމަތީގައި ވޭނު ޕާކު ކުރާތީ ޖޫރިމަނާ ކުރުމެވެ. މިކަމާއި ހެދި އޭނާއަށް ގޮތް ހުސްވިއެވެ. ހައްލެއް ހޯދަން ޖޭހޭ ކަން އެނގުނެވެ.

އެގޮތުން ކޮންމެ ފަހަރަކު ޖޫރިމަނާގެ ޓިކެޓްތައް އޭނާއަށް ލިބޭތީ ވިސްނީ މިކަމަަށް ހައްލެއް ހޯދޭނެ ގޮތަކާއި މެދުގައެވެ. މިގޮތުން އޭނާ ނިންމީ ވެހިކަލް އަމިއްލަ އެޕާޓްމެންޓްގެ ރޫފްޓޮޕްގައި ޕާކް ކުރެވޭނެ ގޮތް ހެދުމަށެވެ. މިކަން އޭނާ ކުރިއެވެ.

އެކަމަކު ދެން ޖެހުނު މައްސައަކީ އަވައްޓެރިންގެ ކަންބޮޑުވުމެވެ. އަވައްޓެރިން ކަންބޮޑުވުންތަކާއި ގުޅިގެން އޭނާ ބުނީ، އެއީ އިމާރާތަށް ގެއްލުން ލިބޭނެ ކަމެއް ނޫން ކަަމަށާއި، އަދި އެކަން ބޮޑު ކަމަކަށް ނުހެދުމަށް އެދުނެވެ.

އޭނާ ވަނީ އަވައްޓެރިންނަށް އެ އިމާރާތް ހަދާފައި ވަނީ ކޮންކްރީޓް އާއި ދަގަނޑު ބޭނުންކޮށްގެން ކަމުން ދޭ ވޭން އެތަނުގައި ބޭއްވުމުންވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިކަމާއި ކަމާ ގުޅުން ހުރި އިދާރާތަކުންވެސް އޭނާ ގާތަށް އައެވެ. ނަމަވެސް އޭނާގެ ފަހުގެ ނިންމުން ބަދަލު ކޮށްފައެއް ނުވެއެވެ.

މިހާރު ސުވާލު ކުރެވެނީ އޭނާ އެ ވޭނު އެތަނުގެ މައްޗަށް އެރުވި ގޮތާއި ގުޅޭގޮތުންނެވެ.