ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމީ ދުނިޔޭގައި ގިނަ ބަޔަކު ސަމާލުކަންދޭ މައުޟޫއުއެކެވެ. އުމުރުން 56 އަހަރުގެ ސަލްމާން ވަނީ ވަރަށް ގިނަ މީހުންނާއި ލޯބީގެ ގޮތުން ގުޅިފައެވެ. އެހެން ނަމަވެސް، އޭނާގެ އެއްވެސް ލޯބިވެރިޔަކާއި އެއްކޮށް ކައިވެންޏަކާއި ހަމައަށް އަދިއަދަށްވެސް ދެވިފައި ނުވެއެވެ.

އިންޑިއާގެ ޝޯވއަކަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގައި މިހާރު މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ކިއާރާ އަދްވާނީ ބުނީ ސަލްމާން އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ ކިއާރާގެ ބޮޑުދައިތަ ޝާހީންއާއި ކަމަށެވެ.

ކިއާރާ ބުނީ އެ ދެމީހުންނަށް އެކަކު އަނެކަކާއި ބައްދަލުވެވުނީ ސަލްމާންއާއި ރަހުމަތްތެރި، ކިއާރާގެ މަންމަ މެދުވެރިވެގެން ކަމަށެވެ. އަދި ސަލްމާންއާއި ޝާހީން އޭރުގައި ވަރަށް ގިނައިން 'ޑޭޓް'ތަކަށް ގޮސް، އާއިލާ މީހުންނާއި ވެސް ބައްދަލުކޮށް ހެދި ކަމަށް ބުންޏެވެ. ކިއާރާގެ މަންމައާއި ހަވާލާދީ ކިއާރާ ބުނީ އޭގެ ކުރީގައި އެ ދެމީހުން އެހެން މީހުންނާއި ރައްޓެހިވެފައިވާ ކަމަށް އެނގިފައި ނެތް ކަމަށެވެ.

އެހެން ނަމަވެސް، ސަލްމާންއާއި މިސް އިންޑިއާގެ މަގާމް ހޯދާފައިވާ ސަންގީތާ ބިޖްލާނީއާއި ދިމާވި ފަހުން، ސަލްމާންއާއި ޝާހީންގެ ދެމެދު މައްސަލަ ޖެހި އެ ގުޅުން ނިމުމަކަށް އައެވެ. ޝާހީން އޭރު އެކަމާއި ދެރަވެ ހިތާމަކުރިޔަސް، އޭގެ ފަހުން ޝާހީން ވަނީ ވިޔަފާރިވެރިޔަކާއި ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ދެ ދަރިންވެސް ލިބިފައިވާ ކަމަށް ކިއާރާ ބުންޏެވެ.