ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވަ "ތުމް ކްޔާ މިލޭ" އަކީ މަޝްހޫރު ބަތަލާ އާލިއާ ބަޓް ވިހެއުމަށްފަހު ކޮށްފައިވާ ފުރަތަމަ މަސައްކަތްކަން ހާމަކޮށްފިއެވެ.

ގަދަ ފިނީގައި މި ލަވަ ކުޅުނީ އާލިއާގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ހަތަރު މަސް ފަހުންނެވެ.

ޕްރިތަމް އުފައްދާ، އަމިތާބް ބަޓަޗަރްޔާ ލަވައިގެ ޅެން ތައްޔާރުކޮށްފައިވާ "ތުމް ކްޔާ މިލޭ" ލަވަ ކިޔާފައިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ލަވަކިޔުންތެރިން އަރްޖީތް ސިންގްއާއި ޝްރެޔާ ގޯޝަލްއެވެ.

މި ފިލްމަކީ 2019 ވަނަ އަހަރުގައި ފެނިގެންދިޔަ ޒޯޔާ އަޚްތަރްގެ ފިލްމު "ގަލީ ބޯއި" ގައި ހަރަކާތްތެރިވުމަށްފަހުގައި އާލިއާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

އެންމެ ފަހުން ކަރަން އާއި އާލިއާ އެކުގައި މަސައްކަތް ކުރީ އާލިއާ ބަޓް ބޮލީވުޑަށް މުޅިން އަލަށް ތަޢާރަފްވެގެންދިޔަ ފިލްމު "ސްޓޫޑެންޓް އޮފް ދަ ޔެއަރ"ގައެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ކަރަންގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.

ކާމިޔާބު ތަރިން، ރަންވީރް ސިންގްއާއި އާލިއާ ބަޓް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފިލްމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ދުވަސްވީ ތަރިން ކަމުގައިވާ ޖަޔާ ބައްޗަންއާއި ދަރްމެންދްރާ ޑިއޯލް އަދި ޝަބާނާ އާޒްމީ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު