މަޝްހޫރު ބޮލީވުޑް ފިލްމީ ތަރި ރަންބީރް ކަޕޫރާއި ބަތަލާ ރަޝްމިކާ މަންޑަނާ ލީޑް ރޯލްތައް ކުޅެމުންދާ ފިލްމު "އެނިމަލް" ރިލީޒްކުރާ ތާރީޚް ފަސްކޮށްފިއެވެ.

ރަންބީރާއި ރަޝްމިކާގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ތަރިންނެއް ހިމެނޭ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށެވެ.

ހިންދީ ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވެންގާގެ މި ފިލްމުގައި ފެނިގެންދާނީ ގޭންގްސްޓާރުންތަކެއްގެ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެވެ. ފިލްމުގައި 'ގޯޑްފާދަރ'ގެ ބައިން ފެނިގެންދާނީ އަނިލް ކަޕޫރެވެ. އަދި ފިލްމުގެ އިސް ރޯލް ކުޅެމުންދާ ރަންބީރްއަކީ މި ފިލްމުގައި އޭނާގެ ދަރިފުޅެވެ. ރަންބީރް ފެނިގެންދާނީ ސައިކޯޕޭތު މީހެއްގެ ސިފައިގައެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި އާންމުކޮށް ހެއްވާ މަޖާ ފިލްމުތަކުގައި ކޮމެޑީ ޝަހްސެއްގެ ބައިން ފެނިގެންދިޔަ ޝަކްތީ ވެސް މި ފިލްމުގައި ތަމްސީލުކުރާނީ އުމުރުން ދުވަސްވީ ގޭންގްސްޓާރެއްގެ ޝަހްސެކެވެ.

އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، މިހާރު މި ފިލްމުގެ ބޮޑު ބައެއްގެ މަންޒަރު ވަނީ ނަގާ ނިންމައިފައެވެ. އެންމެ ފަހުގެ ޝޫޓިން ފުރިހަމަ ކުރުމަށްޓަކައި 12 ދުވަހުގެ ޝެޑިއުލްއެއް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގައި އިސްވެ ބަޔާންކުރެވުނު ތަރިންގެ އިތުރަށްވެސް އެހެނިހެން ބައިވަރު މަގްބޫލު ފަންނާނުންވެސް ހަރަކާތްތެރިވެއެވެ. އެހެންކަމުން، "ބްރަހްމަސްތްރާ" އަދި "ތޫ ޖޫޓީ މޭ މައްކާރް" ގެ ކާމިޔާބީއަށްފަހު، "އެނިމަލް" ވެސް ވެގެންދާނީ ރަންބީރަށް ކާމިޔާބު ފިލްމަކަށް ކަމުގައި ގިނަ ބަޔަކު އުންމީދުކުރެއެވެ.