ބޮލީވުޑްގެ އެންމެ ފުންނާބު އުސް ހިންދީ ފިލްމީ ތަރިއެއް ކަމުގައިވާ ސަލްމާން ޚާންގެ ފިލްމު ޕްރޮޑަކްޝަން ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތައް ހިންގަން ފަށައިފި ކަމަށް ސަލްމާން ޚާން ބުނެފިއެވެ.

ސަލްމާން މި ވާހަކަ ހިއްސާ ކުރީ އޭނާގެ މީސް މީޑިއާ އެކައުންޓްތަކުގެ ޒަރީޔާއިންނެވެ.

ސަލްމާން ބުނީ ސަލްމާން ޚާން ފިލްމްސް (އެސްކޭއެފް)އިން މި ދުވަސްކޮޅުގައި އެ ކުންފުނިން އުފައްދާ އެއްވެސް އައު ފިލްމެއްގެ މަސައްކަތަށް ކާސްޓުން ނުނަގާކަމަށާއި، އެ ކުންފުނީގެ ނަމުގައި ދެކެވޭ އެފަދަ އެއްވެސް ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިއަށް އޮތް އެއްވެސް ފިލްމަކަށް ކާސްޓިން އޭޖެންޓެއް ނުނަގާ. މިކަމަށްޓަކައި ލިބޭ އެއްވެސް އީމެއިލް ނުވަތަ މެސެޖަކަށް އިތުބާރު ނުކުރައްވާ. އަދި އެއްވެސް މީހަކު ހުއްދަ ނެތް ގޮތަކަށް ސަލްމާން ޚާން ނުވަތަ ސަލްމާން ޚާން ފިލްމްސް ގެ ނަން އޮޅުވާލައިގެން ބޭނުންކުރާކަން އެނގިއްޖެނަމަ ގާނޫނީ ފިޔަވަޅު އެޅޭނެ" ސަލްމާން ޕޯސްޓް ކުރި ނޯޓިސްގައިވެއެވެ.

މިއީ ހިންދީ ފިލްމު އިންޑަސްޓްރީގެ ބޮޑު ތަރިއެއްގެ ނަން ބޭނުންކޮށްގެން މަކަރާއި ހީލަތުގެ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ސަލްމާން ޚާން ފިލްމްސްއަކީ 2011 ވަނަ އަހަރުގައި ސަލްމާން އުފެއްދި ފިލްމު ޕްރޮޑަކްޝަން ހައުސްއެކެވެ. މުމްބާއީގައި ހުންނަ އެ ކުންފުނިން މައިގަނޑު ގޮތެއްގައި އުފައްދާ ޑިސްޓްރިބިއުޓް ކުރަނީ ހިންދީ ފިލްމުތަކެވެ. އެ ކުންފުނިން ވަނީ ސަލްމާން ހަރަކާތްތެރިވި ކާމިޔާބު ފިލްމުތައް ކަމުގައިވާ "ޓިއުބްލައިޓް"، "ބަޖްރަންގީ ބައިޖާން" އާއި "ދަބަންގް 3" ފަދަ ފިލްމުތައް އުފައްދާފައިއެވެ.