އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓްގެ ޑޭޓާތަކާއި ރެކޯޑްތަކުގެ މައުލޫމާތު ހޯދަން އެމެރިކާގެ ކޯޓަކުން އަމުރު ނެރެފިއެވެ. މިއަމަރުގެ ދަށުން ޓްރަމްޕް ޑްރާފްޓް ކޮށްފައި ހުރި ޓްވީޓްތައް ބެލުމުގެ އިހްތިޔާރު ވެސް ލިބިގެން ދާނެއެވެ.

ނަމަވެސް ޓްވިޓާ އިން ވަނީ ތިން ދުވަސް ތެރޭގައި ޓްރަމްޕްގެ ޓްވިޓާ އެކައުންޓްތަކުގެ މައުލޫމާތު ދޭން ކުރި ކޯޓު އަމުރާއި އެއްގޮތައް އަމަލު ކުރަން ދެކޮޅު ހަދާފައެވެ. ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސް އެޅުމުން ޓްވިޓާ މިހާރު ވަނީ 350000 ޑޮލަރުން ޖޫރިމަނަ ކޮށްފައެވެ.

ޓްވިޓާ އިން ވަނީ ޓްރަމްޕްގެ ޓްވިޓާ އެކައުންޓްގެ މައުލޫމާތު ދޭން ނެރުނު އަމުރު މިހާރު އިސްތިއުނާފު ކޮށްފައެވެ.

އީލޮން މަސްކް ޓްވިޓާ ހިންގުމާއި ހަވާލުވި ފަހުން ގާނޫނު ތަންފީޒު ކުރާ އިދާރާއަކުން އެއްވެސް މީހެއްގެ އެކައުންޓްގެ މައުލޫމާތު ހޯދަން އެދިއްޖެނަމަ ނޮޓިފިކޭޝަނަކުން އެކައުންޓްގެ ވެރިފަރާތައް އެކަން އަންގާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް 2021 ވަނަ އަހަރުގެ ޖަނަވަރީ 06 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތް މައްސަލަ ތަހްގީގު ކުރި އެމެރިކާގެ ކޮންގްރެސްގެ ޕެނަލް އިން ކުރި ތަހްގީގުން އެނގުނު ގޮތުގައި އެދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ވޮޝިންޓަނަށް އައުމަށް ގޮވާލައި ޓްރަމްޕް ޓްވީޓެއް ކުރުމަށް ޓްވީޓް ޑްރާފްޓް ކުރިއެވެ. ނަމަވެސް އެޓްވީޓް ޕަބްލިޝް ކޮށްފައެއް ނުވެއެވެ.

2021 ޖަނަވަރީ 06 ވަނަ ދުވަހު ހިނގި ކަންތައްތަކާއި ގުޅިގެން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ޓްވިޓާ އިން ސަސްޕެންޑް ކުރިއެވެ. ނަމަވެސް 2022 ވަނަ އަހަރު މަސްކް ޓްވިޓާ އާއި ހަވާލުވެ ޓްރަމްޕްގެ ޓްވިޓާ އެކައުންޓްގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.