ދުނިޔޭގެ ދިރުންތައް ނެތިކޮށްލާހައި ބިޔަ ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހައި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރުވާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

"ބެނޫ"ގެ ނަމުން ނަންދީފައިވާ މި ގިނިހިލައަކީ މީގެ ކުރިންވެސް ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ތެރެއިން ދަތުރުކޮށްފައިވާ ގިނިހިލައަކަށްވާއިރު، މި ބިޔަ ގިނިހިލައިން ދުނިޔޭގައި ޖެހުމަށް މެދުވެރިވާނީ އޭގެ ދައުރުވުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.

ފުޅާމިނުގައި އެންމެ މަދުވެގެން 500 މީޓަރު ހުންނާނެކަމަށް ބެލެވޭ މި ގިނިހިލ ފަސް ފުޓުބޯޅަ ދަނޑު އެއްކޮށްލުމުން ވާވަރަށްވުރެ ބޮޑެވެ. ބެނޫގެ ބަރުދަނުގައި 79 ބިލިއަން ކިލޯ ހުންނައިރު، ދުނިޔޭގައި މި ގިނިހިލަ ޖެހިއްޖެނަމަ 1200 މެގަޓަންގެ ގޮވުމެއް ގޮވާނެއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި 1945 ވަނަ އަހަރު، ޖަޕާންގެ ހިރޯޝިމާ އަބަދަށްޓަކައި ބަދަލުކޮށްލި ނިއުކްލިއަރ ބޮމަށްވުރެ 80،000 ގުނަ ބާރުގަދަ ގޮވުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ގިނިހިލައިގެ މިސްރާބަށް ބަލާއިރު ގިނިހިލައިން ދުނިޔޭގައި ޖެހޭނެކަން ސައިންސްގެ ހޯދުންތަކާއި ދިރާސާތަކުން ޔަޤީން ކުރެވިފައިވާއިރު، ގިނިހިލަ ދުނިޔޭގައި ޖެހުމަށްފަހު ހިނގާ ކަންކަމާއި އެކު ދުނިޔޭގެ ދިރުންތަކަށް އަރައިނުގަނެވޭވަރު ބޮޑޫ ގެއްލުމެއް ކުރިމަތިވެ އެ ދިރުންތައް އަބަދަށްޓަކައި ނެތިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. މިއީ ގިނިހިލައިގެ ބާރުގަދަ ގޮވުމާއި އެކު އޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދަކަށް އެކުލެވޭ ރޭޑިއޯއެކްޓިވް ކެމިކަލްތަކާއި އެފަދަ އެނޫންވެސް ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ކުރިމަތިވާނޭ ކަމެއް ކަމަށް ވެއެވެ.

ބެނޫ ދުނިޔޭގައި ޖެހޭނެ ސީދާ ދުވަހެއް ބުނާން އަދި ސައިންސްވެރިންނަށް ނޭނގުނުނަމަވެސް އެފަރާތްތަކުން ބުނެފައިވަނީ އެ ގިނިހިލަ ދުނިޔެއަށް ގެއްލުން ކުރިމަތިކުރުވާނީ އަންނަ 22 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ. އެހެންކަމުން އޭގެ ކުރިން ގިނިހިލައިގެ މިސްރާބު ބަދަލުކުރުމަށް ނުވަތަ ބާރުގަދަ ގޮވާތަކެތި ޖައްވަށް ފޮނުވައިގެން ގިނިހިލަ ގޮއްވާލުމަށް އަދި ފުރުސަތު އޮތްކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި އެފަރާތްތަކުން މިހާރު ވަނީ ގިނިހިލައިގެ ޓެސްޓުތައް ކުރުމަށް އެ އިދާރާގެ ޚާއްސަ އުޅަނދެއް ތައްޔާރުކޮށް ޖައްވަށް ފޮނުވާލާފައެވެ. މި އުޅަނދު ބެނޫ އާއި ކައިރިން ދަތުރުކޮށް އޭގައިވާ ވަޔާއި، ކުނޑީގެ ސާމްޕަލް އަނބުރާ ދުނިޔެއަށް ގެންނާނެއެވެ. މި ސާމްޕަލްތަކުން ގިނިހިލައިގައި ވަނީ ކޮންކޮން މާއްދާތަކެއްކަން ދެނެގަނެ ގިނިހިލަ ގޮއްވާލުމަށް ކުރަންޖެހޭ މަސައްކަތް އެނގިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. ނާސާއިން ބުނާގޮތުގައި ބެނޫ އާއި ދިމާލަށް މިހާރު ނާސާގެ އުޅަނދު މިސްރާބު ޖަހާފައިވާއިރު، އެ އުޅަނދާއި ގިނިހިލަ އާއި ދެމެދު ގާތްގަނޑަކަށް ދެ މިލިއަން ކިލޯމީޓަރު ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަންްްްްް

    ތިޔަ ކަން އޮތީ މީގެ 1400 އަހަރު ކުރީގައިވެސް އަހަރެމެންގެ ފޮތުގައި ލިޔެވި ނިމިފައި.

  2. ހެޔޮބަސް

    ﷲ އިރާދަކުރެއްވިގޮތަކަށް ކޮންމެކަމެއްވެސް ހިނގާނީ ވީމާ، ނާސާސައިންސްވެރިންނަށް
    މިކަމުގައި ކުރެވޭނެކަމެއްނޯންނާނެ ދުނިޔެގިޔާމަތްވުމަކީވާނެކަމެއް މިކަން ވިޔަނުދިނުމަށް ސައިންސުވެރިންނަށް ކުރެވޭނެކަމެއްނޯނާނެ މިބުނނީ ބެނޫގެ ސަބަބުން ގިޔާމަތްވާނެއެކޭ
    ނޫން ހުރިހާކަމެއްއެންމެމޮޅަށް ދެނެވޮޑިގެންވާފަރާތަކީ ﷲ

  3. ނުރަބޯ

    ކަންކަން މެދުވެރިވާން ފެށުމުން އެކަމުން ރައްކައުތެރިވުމަށް ފިޔަވަޅު އެޅުން އެއީ ގުދުރަތީ ގާނޫނާ ޚިލާފު ވުމެއްނޫނެވެ. މިސާލަކަށް ރަށަކަށް ރާޅުއަރާނެކަމަށް ލަފާކުރެވޭ ޙާލަތު ގައި އެ ސަރަޙައްދުން މީހުން ރައްކައުތެރި ހިސާބުތަކަށް ބަދަލު ކުރުމާ ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާޖަހާ ވީހާވެސް ގެއްލުން ކުޑަ ކުރެވޭނެގޮތް ހެދުން އެއީ ކުރަން ޖެހޭނެ ކަމެކެވެ.