ކަނޑުގައި އުޅޭ މަސްމަހާމެހީގެ ތެރެއިންވެސް އަދި ދުނިޔޭގައި ލައްވާފައިވާ ޖަނަވާރުންގެ ތެރެއިންވެސް މިޔަރަކީ، ޝިކާރަކުރުމަށް މޮޅު އެއްޗެކެވެ. ޝިކާރަ ކޮށްގެން، އެބޭނުންވާ އެއްޗެއް ހޯދައިގެން ކެއުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. މި ސަބަބުތަކާ ގުޅިގެން، ކުރިން ބެލެވިފައި އޮތީ، މިޔަރަކީ ހަމައެކަނި މަސް ކައިގެން އުޅޭ އެއްޗެއްކަމުގައެވެ. އިނގިރޭސި ބަހުން ކިޔާގޮތުންނަމަ "ކާނިވޯ" އެއްކަމުގައެވެ.

އެހެންނަމަވެސް، ސައިންސްވެރިން ވަނީ މިއީ ދޮގެއްކަން ކަށަވަރުކޮށްދީފައެވެ. ހުރިހާ މިޔަރަކީ ކާނިވޯ އެއް ނޫންކަންވަނީ ހާމަކޮށްފައެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިޔާގެ ޑިޕާޓްމަންޓް އޮފް އިކޮލޮޖީ އެންޑް އިވޮލިއުޝަނަރީ ބަޔޮލޮޖީގައި މަސައްކަތްކުރާ ސައިސްވެރިންތަކެއް ހާމަކޮށްފައިވާ، މިޔަރުގެ އާއިލގެ ތެރޭގައި، ގަސްގަހާގެހީގެ ބައިތައް ކައިގެން އުޅެވޭ މިޔަރުވެސް އުޅެއެވެ. އަދި، އެފަރާތްތަކަށް، މި ބާވަތުގެ މިޔަރު ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސައިންސްވެރިންގެ ޓީމުން އިތުރަށް ބުނެފައިވާ ގޮތުގައި މި ބާވަތުގެ މިޔަރަށް ކިޔާ ނަމަކީ "ބޮނެޓްހެޑް ޝާކް" އެވެ. މިއީ ގަސްގަހާގެހީގެ ބާވަތްތައް ކާ މިޔަރެއްކަމުގައިވިޔަސް، މި މިޔަރަށްވެސް މަހުގެ ބާވަތްތައް ކެވޭކަމަށްވެއެވެ. އެހެންކަމުން، މިއީ އޮމްނިވޯ އެއްކަމަށް ބުނެފައިވެއެވެ.

އެޓްލާންޓިކް ކަނޑާއި ގަލްފް ކޯސްޓު ސަރަޙައްދުގައި މި ބާވަތުގެ މިޔަރު އުޅޭކަމަށް ރިކޯޑުކޮށް ފެނިފައިވާއިރު، 2007 ވަނަ އަހަރު މިކަން، ސައިންސްވެރިންނަށް އެނގިފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިކަން ހާމަކޮށްފައި ނުވަނީ، މިކަމާ ގުޅޭ އިތުރު ދިރާސާތައްކޮށް، މިކަން ސާބިތުކުރެވޭ މިންވަރަށް މައުލޫމާތު ހޯދުމަށްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މިކަން އިތުރަށް ދިރާސާކޮށް ބެލުމަށްޓަކައި، ކެލިފޯނިޔާ ޔުނިވާސިޓީގެ ސައިންސްވެރިން، ލެބުތަކުގައިވެސް މި ބާވަތުގެ މިޔަރު ގެންގުޅިފައިވެއެވެ. އަދި، އަހަރުތަކެއް ވަންދެން ބެލި ބެލުންތަކުން، މިއީ ގަހުގެ ބާވަތްތަކާ އެއްގޮތް ބާވަތްތައް ނުވަތަ މޫދު ހުއި ކައިގެން އުޅެވޭނެ އެއްޗެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ.