މި ދަނޑިވަޅަކީ ކޮވިޑް-19 ގެ ސަބަބުން ގިނަ އާއިލާތަކަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަގުތެއް ކަމަށާއި މިދަނޑިވަޅުގައި އާއިލީ ގުޅުން ބަދަހިކުރަން ޖެންޑާ މިނިސްޓްރީން ބާރުއަޅުއްވައިފިއެވެ.

މިއަހަރުގެ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އާއިލާގެ އެކަކު އަނެކެއްގެ ހާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، މި ބަލިން އާއިލާގެ މެންބަރުން ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރަކުވެސް ފަރުދީގޮތުން އަދާކުރަންޖެހ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ވަކިން ހާއްސަކޮށް ޢާއިލާގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް ނުފެތުރޭނެ ގޮތަކަށް އަމަލ ކުރެއްވުމަކީ ޢާއިލާގެ އެހެން މެންބަރުން ބޮޑު އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް" މިނިސްޓްރީގެ ހިތޯބުގައި ވިދާޅުވިއެވެ.

އަދި ބަލީގެ ބާވަތުން ބައްޔަށް ފަރުވާ ކުރުމަށްޓަކައި މެޑިކަލް ފެސިލިޓީ ތަކަށް ގެންދެވޭ ފަރާތްތަކަކީ އާއިލާއާ ވަކިން ތިބެންޖެހޭ ފަރާތްތަކެއް ކަމަށްވުމާއެކު އެ ފަރާތްތަކުގެ ހާލު ވީހާވެސް ގާތުން ބަލަމުން ގެންދިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުން އެއީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށީއްސުރެ އާއިލާތަކަށް ކުރިމަތިވަމުން އައި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގައި ސަރުކާރުގެ ފަރާތުން އައީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ގެންނަން ޖެހުނު ފުރަބަންދުގެ ހާލަތާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ޢާއިލާތަކަށާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ފަރާތްތަކަށް އެކަންކަން ފުރިހަމަކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް
ކުރެވިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ އާއިލާތަކުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "އަހުލު" ގެ ނަމުގައި ހާއްސަ ޕޮރޮގްރާމެއް މިހާރުވެސް ކުރިޔަށް ގެންދާކަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.