ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ޖެހުމުން ހަށިގަނޑުގެ ހުރިހާ ލޭ ހޮޅި ތަކަކަށް ވައިރަސް ހަމަލާ ދޭކަމަށް ސިވްޒަލޭންޑުގައި ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކައިފިއެވެ.

ސްވިޒަލޭންޑުގެ ޔުނިވާސިޓީ އޮފް ހޮސްޕިޓަލް ޒޫރިކްގައި ކުރިއަށް ގެންދިޔަ މި ދިރާސާ އިން ހާމަވި ގޮތުގައި ވައިރަހުގެ އަސަރު ކުރަނީ ހަމައެކަނި މީހާގެ ނޭވާލާ ނިޒާމަކަށް ނޫނެވެ. ހަށިގަނޑުގެ ހުރިހާ ލޭ ހޮޅިތަކަކަށް މި ވައިރަސް ހަމަލާދެއެވެ. މީގެ ސަބަބުން ނޭވާލާ ނިޒާމުގެ އިތުރުން އެހެނިހެން ގުނަވަންތައްވެސް މަސައްކަތް ކުރުން ހުއްޓާލައި، ފެއިލްވާން މެދުވެރިވެއެވެ.

”ވައިރަސް ފުރަތަމަ ވަންނަނީ އެންޑޮތޭލިއަމް އަށް. އެއީ ލޭ ހޮށިތައް ދިފާއު ކުރާ ސެލްތަކެއް. އެ ސެލްތަކަށް ހަމަލާދީ، ދިފާއު ނުކުރެވޭ ވަރަށް އެ ސެލްތައް ބަލިކަށި ކޮށްލާ. މީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމުގެ މައްސަލަތައް ކުރިމަތިވޭ. އަހަރެމެން ކުރި ދިރާސާ އިން މިކަމުގެ އަސަރު ފުއްޕާމޭގެ އިތުރުން ހިތަށާއި ކިޑްނީގެ އިތުރުން އެހެނިހެން ގުނަވަންތަކަށްވެސް ކުރާކަން ވަނީ ހާމަވެފަ“ ޔުނިވާސިޓީގެ ހިތުގެ ސެންޓަރުގެ ޗެއާމަން ރުޝިޓްޒްކާ ވިދާޅުވެފައިވެއެވެ.

ރުޝިޓްޒާ އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ހާލު އަވަހަށް ސީރިއަސްވެގެން ދަނީ މީގެ ސަބަބުން ކަމަށް ބެލިދާނެކަމަށެވެ. އެއީ އެފަދަ ކަންކަން ކުރާ މީހުންގެ ލޭ ހޮޅިތައް ކުރީ ބައިގައިވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުރުމުންނެވެ.

މި ދިރާސާ ހަދާފައި ވަނީ ސްވިޒަލޭންޑުގައި ވައިރަސް ޖެހުނު މީހުންގެ ނަތީޖާތައް ބޭނުން ކޮށްގެންނެވެ. މިހާރު ސައިންސްވެރިން ދަނީ މިކަން ކަށަވަރު ކުރުމަށް އިތުރު ދިރާސާތައް މިކަމާއި ގުޅޭގޮތުން ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު