ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި އެ ހުކުމް ބާތިލް ނުކުރެވޭނެ ކަމަށް އެ ކުންފުނީގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އެ ރިސޯޓްގެ، އިންޝުއަރެންސް ފައިސާ، އެލައިޑުން ނުދިން މައްސަލައާ ގުޅިގެން، އެ ކުންފުންޏާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަަށް އެންމެ ފުރަތަމަ ނިންމިއެވެ.

އެހެން ނަމަވެސް ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، ސިވިލް ކޯޓަށް އެ މައްސަލަ ބަލަން އެންގިއެވެ. އަދި ހައިކޯޓުގެ އެ ހުކުމް އެލައިޑްގެ ފަރާތުން ޝަރުއީ މަރުހަލާގެ އެންމެ ފަހު ބަސް ބުނާ ސުޕްރިމް ކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް ސިވިލް ކޯޓުން އެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ނިންމިއެވެ.

ކޯޓު މަރުހަލާތަކުގައި 5 އަހަރު ދުވަހު ތާށިވެފައި އޮތުމަށްފަހު މި މައްސަލަ ސިވިލް ކޯޓުގައި ނިމުނީ އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784.59 ޑޮލަރަކީ އެލައިޑްގެ ފަރާތުން ޔޮޓް ޓުއާސް އަށް ދައްކަން ޖެހޭ ފައިސާ އެއް ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމް އެލައިޑުން ހައިކޯޓުގައި އިސްތިއުނާފްކޮށް ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވިއެވެ.

މިއަދު ކުރިއަށް ދިޔަ އަޑު އަޑުއެހުމުގައި އެލައިޑުގެ ވަކީލުންގެ ފަރާތުން ގިނަ ކަންކަން ފާހަގަކުރުމަށްފަހު ވަނީ އެ ކުންފުނިން ބަދަލުގެ ގޮތުގައި ދޭން ސިވިލް ކޯޓުން ކޮށްފައިވާ 22 މިލިއަން ޑޮލަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ ނިންމާދިނުމަށް އެދިފައެވެ.

އެހެން ނަމަވެސް ޔޮޓް ޓުއާސްގެ ވަކީލުން ވިދާޅުވީ އެ މައްސަލަ އެ ގޮތަށް ނުނިންމޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކޮށްފައިވަނީ ނިހާއީ ހުކުމެއްކަން ފާހަގަކުރެއްވިއެވެ. މިއީ އެންމެ މަތީ ތިން މަރުހަލާ ވެސް ނިމިފައި އޮތް ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ޔޮޓް ޓުއާސްއަށް ލިބުނު ގެއްލުން ހިސާބުކޮށްފައިވާ ގޮތާ މެދު ވެސް އެލައިޑުން ސުވާލު އުފައްދަވައެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ކަނޑައަޅާފައިވާ 22 މިލިއަން ރުފިޔާއަށް ވުރެ ފަސް ގުނަ ދަށް އަދަދެއް 14 ދުވަސް ތެރޭގައި އެލައިޑުން ދައްކަން ޔޮޓް ޓުއާސް އިން އެއްބަސްވިކަމަށް އެލައިޑުގެ ވަކީލުން ފާހަގަކުރެއްވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޮޓް ޓުއާސްގެ ވަކީލުން ވިދާޅުވީ އެލައިޑުން އެ ރިސޯޓަށް ލިބުނު ގެއްލުމުގެ މިންވަރު ބެލުމަށްޓަކައި 2 ކުންފުންޏެއް މެދުވެރިކޮށް ސާވޭއެއް ހެދި ކަމަށެވެ. އެއީ ކީސްޓޯއާއި، މެރިޓެކް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑެވެ. މި ދެ ކުންފުނީގެ ސާވޭގައި ވެސް އެ ރިސޯޓުގެ ވޯޓާ ވިލާގެ ރޫމްތަކަށާއި ވޯކްވޭއަށް ލިބިފައިވާ ގެއްލުން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.

އެހެން ނަމަވެސް އެލައިޑުން ވަނީ ރާޅު އަރައިގެން ރޫމްތަކަށް ގެއްލުންވި ނަމަވެސް ވޯކްވޭއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިިބިފައި ނުވާ ކަމަށް ބުނެ ގިނަ ކަންކަމާ ސުވާލު އުފައްދާފައެވެ. އަދި އިންޝުއަރެންސް ފައިސާ ދިނުމަށް އިންކާރުކޮށްފައެވެ.

އެލައިންޑުގެ ވަކީލުން ވިދާޅުވީ ރާޅު އެރިކަމަށް ބުނާ ދުވަސްވަރު އެ ހިސާބުގެ އެއްވެސް ރަށަކަށް އުދައިގެ އަސަރުކުރަމުން ނުދާ ކަމަށެވެ. އަދި މޫސުމާއި ބެހޭ ވަރަށް ފުރިހަމަ ރިޕޯޓެއް ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް އެކަމަށް ގާޒީ އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި، ހެއްކެއްގެ ގޮތުގައި ހުށަހެޅި މޫސުމާއި ބެހޭ ގައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފްގެ ހެކިބަސްވެސް ނަގާފައި ނުވާނެ ކަމަށެވެ.

އެލައިޑުން އިތުރަށް ފާހަގަކުރެއްވީ އާދައިގެ ރާޅު އަރައިގެން އެ ކުންފުނިން ބަދަލުދޭން އޮންނަ އުސޫލެއް ނޯންނަ ކަމަށެވެ. އަދި އިންސޯރެންސް ޕޮލިސީގައިވާ ގޮތުން ގެއްލުމުގެ ބަދަލު ދޭން އޮންނަނީ ހަމައެކަނި ބޮޑެތި ރާޅު އެރުން ފަދަ ގުދުރަތީ ހާދިސާއެއް މެދުވެރިވުމުން ކަމަށް އެކުންފުނީ ތަމްސީލު ކުރެއްވި ވަކީލުން ވިދާޅުވިއެވެ.

އެހެން ނަމަވެސް ދިފާއުގައި ޔޮޓް ޓުއާސްގެ ވަކީލުން ވަނީ އިންސޯރެންސް ކޮށްފައިވާ މުދަލަށް އިހުމާލަކާއި ނުލާވާ ކޮންމެ ގެއްލުމަކަށް އެލައިޑުން ބަދަލު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިސޯޓުގެ 45 ވޯޓާ ވިލާ ރޫމަށް އެކިވަރުގެ ގެއްލުންތައް ދިމާވީ ގުދުރަތީ ހާދިސާއަކުން ކަން ފާހަގަކުރެއްވިއެވެ.

މިވާހަކަތަކާ ގުޅިގެން އެލައިޑުގެ ވަކީލުން ވިދާޅުވީ ޔޮޓް ޓުވާސްއިން ހަމައެކަނި ބަޔާންކޮށްފައިވަނީ ރާޅު އެރި ކަމަށް ކަމުގައެވެ. އަދި އެދުވަހުގެ މޫސުމާއި، ރާޅު އަރަން ދިމާވި ސަބަބު ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިވިލް ކޯޓުން ހުކުމް ކުރީ ވޯޓާ ވިލާ ރޫމްތަކުގެ ހާލަތު ނުބަލާ ކަމަށާއި، އެތަނަށް މީހުން ނާންނަ ސަބަބުވެސް ބަލާފައި ނުވާ ކަމުގައި ވިދާޅުވިއެވެ.

އެލައިޑުން ދެން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ މިފަދަ ބޮޑު ގެއްލުމެއް ލިބިގެން ޓޫރިޒަމް މިނިސްޓްރީއިން އެެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރީ ކުރަން ޔޮޓް ޓުއާސްއަށް ދޫކޮށްފައިވާ ކުލި ކުޑަކުރަންވެސް ހުށަހަޅާފައި ނުވާ ވާހަކައެވެ. އެއީ އެރަށަށް ލިބުނު ގެއްލުމުގެ ކުޑަކަން ހާމަވާ ކަމެއް ކަމުގައި އެލައިޑުގެ ވަކީލުން ދެކެއެވެ.

އެހެން ނަމަވެސް މިނިސްޓްރީއިން އެ ލުއިދޭން ޔޮޓް ޓުއާ މޯލްޑިވްސްއަށް އުޒުރުވެރިވާ މައްސަލަ ހައިކޯޓުގައި މިހާރު ހިނގަމުން ދާކަން އެކުންފުނީގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ހައިކޯޓުގައި ހިނގަމުންދާ މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒްއާއި، ފަނޑިޔާރު ޝުއައިއްބު ޒަކަރިއްޔާއާއި ހުސައިން ޝަހީދުއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ހުކުމް ކުރުމުގެ ކުރިން އިތުރު އެއް އަޑުއެހުން އޮންނާނެކަން ހާމަކުރެއްވުމަށްފަހުއެވެ. ފަނޑިޔާރު ނިޒާރު ވިދާޅުވީ ރާއްޖޭގައި އިންސޯރެންސް ގާނޫނެއް އަދި އެކަށައެޅިފައި ނުވާއިރު އިންސޯރެންސްއާއި ގުޅޭ ބޭރުގެ އެކި މައްސަލަތަކަށްވެސް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ރާއްޖޭގައި ކުރިން ނިންމާފައިވާ ނިންމުންތަކަށްވެސް ރިއާއަތް ކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޑޭ

    ޖާބިރުއަކީ ދަމާކަނޑާ މީހެއްކަން އެލައިޑަށް ވަރަށް ރަނގަޅަށް އެނގޭނެ.

  2. ކިޔުންތެރިއެއް

    ދޭން ބޭނުންނުވިޔަސް ގަދަބާރުން ގާނޫނުގެ ބިރުދައްކާގެން އިންސުއަރެންސް ދައްކަން މަޖުބޫރުކުރުވާ. ނުކޮށްފިއްޔާ ބޮޑެތި އަދަދުން ޖޫރިމަނާވެސްކުރޭ. އެކަމުކު ލިބޭ އެއްވެސް ގެއްލުމަކަށް އިންސުއަރަން ފައިސާއެއް ލާހިކެއްނޫން ހޯދާކަށް. ރައްޔިތުންގެ އަތުން ފެލާގެން ފޭރޭ ފައިސާގަނޑެއް.

  3. ސުމަން މިޔާ

    ބަލަ ލޮލީގެ ޕޭމެންޓު ކޮޅު ދީ ބަލަ